22 ޖޫން 2016 - 07:45

އާދިއްތަ ދުވަހުގެރޭ މުމްބާއީގައި އޮތް ރޯދަވީއްލުމަކަށް ދިޔަ ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓުނީ އެތަނުގައި ހުރި ކާއެއްޗިއްސަށް ވުރެ ބޮޑަށް ސަލްމާން ޚާނާއި އޭނާގެ ކުރީގެ ލޯބިވެރިޔާ ކެޓުރީނާ ކައިފް އަށެވެ. އިތުރަށް ފޯރި ގަދަވީ އެ ދެ މީހުން އަތުގުޅާލައިގެން މި ޕާޓީއަށް ވަންނަނިކޮށް ނަގާފައިވާ ކަމަށް ބުނާ ފޮޓޯތަކެއް އިންޓަނެޓްގައި އާންމުވުމުންނެވެ.
ޓުވިޓާގައި މި ފޮޓޯ ވަރަށް ބާރަށް ދައުރުވެ އެއް ބަޔަކު އިންތިހާޔަށް އުފާ ފާޅުކުރަމުން ދިޔައިރު އަނެއްބަޔަކު ކެޓުރީނާ އާ ޖައްސާލި އެވެ. ރަންބީރު ރުޅިވުމުން އަނެއްކާ ސަލްމާން އަތުލައިގަންނަން އުޅެނީ ކަމަށް ބުނެ މަލާމާތް ކުރި އެވެ.
ނަމަވެސް ހަގީގަތް އެނގުނުއިރު މިއީ އިންޑޮނީޝިއާގެ ޑެބްރީ ރީރީ ކިޔާ މީހަކު ފޮޓޯޝޮޕްކޮށްގެން ހަދާފައިވާ ފޮޓޯއެކެވެ. މި މީހާއަކީ ސަލްމާނާއި ކެޓުރީނާގެ ފޭނެކެވެ. އަދި އެ ދެ މީހުން އަލުން ގުޅެން ވަރަށް ބޭނުންވާ މީހެކެވެ.
ޑެބްރީ ބުނަނީ އޭނާ މަޖަލަކަށް ހެދި ފޮޓޯ ބައެއް ނޫސްވެރިން އަމިއްލަ ފައިދާއަށް ބޭނުންކުރީ ކަމަށެވެ.
ހަގީގަތުގައި އެ ދެ ތަރިން ޕާޓީއަށް ދިޔައީ ވަކިންނެވެ. ސަލްމާން ވަކިން ދިޔައިރު ކެޓުރީނާ ދިޔައީ ފިލްމު ޑައިރެކްޓަރު ކަބީރް ޚާނާއި އަލީ އައްބާސް ޒަފަރްއާ އެކުގަ އެވެ.
ކެޓުރީނާ ސަލްމާނާ ރުޅިވުމުން އޭނާ ވަނީ އާ ލޯބިވެރިޔަކު ހޯދާފަ އެވެ. ކެޓުރީނާ ސަލްމާނާ ރުޅިވީ ރަންބީރުގެ ޖާދޫގައި ޖެހިގެންނެވެ. ނަމަވެސް ރަންބީރު އާއި ކެޓްރީނާގެ ހަތް އަހަރުވީ ލޯބި ވެސް މިހާރު ވަނީ ވަޔަށް އަރައިގެން ގޮސްފަ އެވެ.
ކެޓުރީނާގެ ލޯބިވެރިއަކު މިހާރު ނެތުމުން އޭނާއާ ސަލްމާނާ އަލުން ގުޅޭތޯ ގިނަ ބަޔަކު އިންތިޒާރު ކުރެ އެވެ.
މި ޕާޓީގައި ސަލްމާނާއި ކެޓުރީނާ ބައްދަލުވެ ވަރަށް ގިނައިރު ވާހަކަ ދައްކަން ތިއްބާ ވަނީ ފެނިފަ އެވެ އަދި ސަލްމާންގެ ކޮއްކޮގެ ދަރިފުޅު އާހިލް އާ އެކު ދެ މީހުން ސަމާސާކުރާ މަންޒަރު ވެސް ފެނުނެވެ. ނަމަވެސް ފޭނުން ކިތަންމެ ބޭނުންވިޔަސް މި ދެ ތަރިން ގުޅިދާނެ ކަމުގެ އެއްވެސް ނިޝާނެއް އަދި ފެންނާކަށް ނެތެވެ.