02 ޖޫން 2017 - 14:03

ޒިއުރިކް، ސްވިޒަލެންޑް (ޖޫން 2) - ދާދި ފަހުން 25 އަހަރަށް ފަހު ރޯމާ އަށް ކުޅުން ހުއްޓާލި އެ ޓީމުގެ ކެޕްޓަން ފްރެންޗެސްކޯ ޓޮޓީ ފުޓްބޯޅަ އަށް ދެއްކި ރީތި މިސާލުގެ އަގުވަޒަންކޮށް އޭނާ އަށް ޔުއެފާ ޕްރެޒިޑެންޓްސް އެވޯޑް ދިނުމަށް އެ އިދާރާގެ ރައީސް ސްލޮވީނިއާގެ އަލެކްސެންޑާ ކެފެރިން ނިންމަވައިފި އެވެ.
އުމުރުން 40 އަހަރުގެ ޓޮޓީ އޭނާގެ ފުޓްބޯޅަ ކެރިއަރު އެއްކޮށް ހޭދަކޮށްފައިވަނީ ރޯމާގަ އެވެ. މިދިޔަ އާދިއްތަ ދުވަހު ރޯމާ އަށް ޓޮޓީ ވަނީ ފަހު މެޗު ކުޅެދީފަ އެވެ. އެ މެޗަށް ފަހު ޓޮޓީ ބުނީ ރޯމާ އަށް ކުޅުން ހުއްޓާލި ނަމަވެސް ފުޓްބޯޅަ އިން ރިޓަޔަކުރުމާ މެދު ވަކިގޮތެއް ނުނިންމާ ކަމަށެވެ.
ޔުއެފާގެ ރައީސް ކެފެރިން ވިދާޅުވީ އެއް ކްލަބެއްގައި ހުރެ ޓޮޓީގެ ފަރާތުން ފުޓްބޯޅަ އަށް ފެނިފައިވަނީ އަގުވަޒަންކުރުން ހައްގު ހިދުމަތެއް ކަމަށެވެ.
"ޓޮޓީ ރޯމާގައި ހޭދަކުރި 25 އަހަރުގައި ފެނިގެންދިޔައީ ޕްރޮފެޝަނަލް ކަމާ އެކު އޭނާ އެއް ޓީމަކަށް ސާބިތުވެ ހުރިތަން މިއީ ފުޓްބޯޅައިގައި ވަރަށް މަދުން ފެންނަ ކަންތައްތައް. މި ފަދަ ހިދުމަތްތަކުގެ އަގުވަޒަންކުރުމަކީ ޔުއެފާގެ ޒިންމާއެއް. ފުޓްބޯޅަ އަށް ޓޮޓީ ކޮންދިން ހިދުމަތާއި ދެއްކި މިސާލަށް ޝުކުރުއަދާކުރަން،" ކެފެރިންގެ ފަރާތުން ނެރުނު ބަޔާނެއްގައިވެ އެވެ.
ޔުއެފާ ޕްރެޒިޑެންޓްސްގެ ހާއްސަ އެވޯޑް މީގެ ކުރިން ލިބުނީ ޖަރުމަނުގެ ފްރާންޒް ބެކެންބާއު އާއި ނެދަލެންޑްސްގެ ޔޯހަން ކްރައިފް އަދި އިންގްލެންޑްގެ ބޮބީ ޗާލްޓަން އަށެވެ.
އުމުރުން އެންމެ 16 އަހަރުގައި 1993 ވަނަ އަހަރު ރޯމާ އަށް ކުޅެން ފެށި ޓޮޓީ ވަނީ އެ ޓީމަށް 786 މެޗު އެ ޓީމަށް ކުޅެދީފަ އެވެ. އަދި މި މުއްދަތުގައި އޭނާ ވަނީ އިޓަލީ ލީގުގައި އެޓީމަށް 250 ލަނޑު ހަމަކޮށްފަ އެވެ. އަދި 2001 ވަނަ އަހަރު ލީގު ކާމިޔާބު ކުރި އެވެ.