02 ޖޫން 2017 - 13:54

ބާސެލޯނާ (ޖޫން 2) - ބާސެލޯނާ އަށް ނޫނެކޭ ބުނާނެ ކޯޗަކު ނުހުންނާނެ ކަމަށާއި އެ ޓީމާ ގުޅުމަކީ ކެރިއަރުގެ އެންމެ ހާއްސަ ނިންމުން ކަމަށް ކަމަށް ބާސެލޯނާގެ އާ ކޯޗު ސްޕެއިނުގެ އާނަސްޓޯ ވަލްވޭޑޭ ބުނެފި އެވެ.
"އަހަންނަށް ހިއެއް ނުވޭ ބާސެލޯނާ އަށް ނޫނެކޭ ބުނާނެ ކޯޗެއް ހުންނާނެ ހެނެއް. މިއީ އަހަރެންގެ ކެރިއަރުގައި އެންމެ އުނދަގޫ ޗެލެންޖް އެކަމަކު އަނެއް ގޮތަށް ބަލާއިރު ބާސެލޯނާއާ ހަވާލުވުމަކީ އަހަރެންގެ ކެރިއަރުގައި ނިންމި އެންމެ ހާއްސަ ނިންމުން،" 1988 އިން 1990 އަށް ބާސެލޯނާ އަށް ކުޅުނު ވަލްވޭޑޭ ބުންޏެވެ.
ބާސެލޯނާއާ އެކު ވަލްވޭޑޭ ހެދި ދެ އަހަރުގެ އެއްބަސްވުމުގައިވާ ގޮތުން އެ ކްލަބުން ބޭނުންނަމަ އިތުރު އެއް އަހަރު އޭނާ އެ ޓީމުގައި މަޑުކުރުމުގެ އިހުތިޔާރު އޮވެ އެވެ.
ތިން އަހަރަށް ފަހު ލުއިސް އެންރީކޭ މި ސީޒަނުގައި ބާސެލޯނާ އިން ދިޔައިރު އޭނާ ވަނީ ނުވަ ތަށި އެ ޓީމަށް ހޯދައިދީފަ އެވެ. އެހެން ނަމަވެސް މި ސީޒަނަކީ ބާސެލޯނާ އަށް އެންމެ ކާމިޔާބު ސީޒަނެއް ނޫނެވެ. ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ކެޓިއިރު، ސްޕެނިޝް ލީގު އެ ޓީމަށް ވަނީ ގެއްލިފަ އެވެ. ލިބުނު ހަމައެކަނި މުބާރާތަކީ ސްޕެނިޝް ކަޕެވެ.
"އަހަންނަށް އެނގޭ ބާސެލޯނާ ކޯޗެއްގެ ގޮތުގައި ހުންނައިރު ޕްރެޝަރު އޮންނާނެ ވަރު. އެކަމަށް ތައްޔާރުވެގެން އަހަރެން މި ޓީމާ ހަވާލުވީ. ބާސެލޯނާގައި ތިބި ކުޅުންތެރިންނަށް ބަލާއިރު މިއީ ހުރިހާ މުބާރާތެއް ކާމިޔާބު ކުރެވޭނެ ފެންވަރުގެ ޓީމެއްކަން އެނގޭ. އަހަރެން މަސައްކަތް ކުރާނީ ވެސް އެ ގޮތަށް،" ވަލްވޭޑޭ ބުންޏެވެ.
ވަލްވޭޑޭ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެއް ކަމަށް ފުޓްބޯޅަ ތަޖުރިބާކާރުން ބުނަނީ އަންދްރެސް އިނިއެސްޓާ އެ ޓީމު ދޫކޮށްލައިފިނަމަ އެތަން ފޫބައްދާނެ ކުޅުންތެރިއަކު ހޯދުމާއި ލިއޮނަލް މެސީގެ އެއްބަސްވުން އާ ކުރުމުގެ އިތުރުން ޑިފެންސް ލައިނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމެވެ.
"އަހަރެން ކުރަން ޖެހިފައި އެބަހުރި ބައިވަރު މަސައްކަތް. ހުރިހާ ކަމަކަށް ވެސް ތައްޔާރުވެގެން މި ކަމާކުރިމަތިލާނީ. މި ކްލަބަށް ކާމިޔާބު ހޯދައިދޭން ހުރިހާ މަސައްކަތެއް ކުރާނަން،" ވަލްވޭޑޭ ބުންޏެވެ.
ވަލްވޭޑޭ ކޯޗިން ކެރިއަރު ފެށީ 2001 ވަނަ އަހަރު ބިލްބާއޯ އެސިސްޓަންޓް ކޯޗެއްގެ ގޮތުގަ އެވެ. އޭގެ ފަހުން އޭނާ ވަނީ އޮލިމްޕިއާކޯސް އަށް ދެ ފަހަރު އަދި ވިޔަރެއާލާއި ވެލެންސިއާ އަށް ކޯޗުކޮށްދީފަ އެވެ. އޭނާ ދެ ވަނަ ފަހަރަށް ބިލްބާއޯއާ ހަވާލުވީ 2013 ވަނަ އަހަރު އެވެ.