02 ޖޫން 2017 - 13:59

މެޑްރިޑް (ޖޫން 2) - އެތުލެޓިކޯ މެޑްރިޑަށް ކުޅުންތެރިން ނުގެނެވޭ ގޮތަށް ފީފާއިން ދީފައިވާ އަދަބު ދަމަހައްޓަން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އިން ނިންމައިފި އެވެ.
ގަވާއިދާ ހިލާފަށް ޒުވާން ކުޅުންތެރިން ޓީމުގައި ރަޖިސްޓްރީ ކުރުމުން ރެއާލް މެޑްރިޑާއި އެތުލެޓިކޯ އަށް ދެ ޓްރާންސްފާ މާކެޓްގައި ކުޅުންތެރިން ނުގެނެވޭ ގޮތަށް ފީފާއިން އެ ދެ ކްލަބަށް އަދަބުދިނީ މިދިޔަ އަހަރެވެ. ރެއާލުގެ އަދަބު އެއް އަހަރަށް ލުއިކޮށްދޭން ސީއޭއެސް އިން ނިންމިއިރު، އެތުލެޓިކޯގެ އަދަބު ލުއިނުކޮށްދޭން އިއްޔެ ސީއޭއެސް އިން ވަނީ ނިންމައިފަ އެވެ.
އެއާ އެކު ޖުލައި އެއް ވަނަ ދުވަހު ހުޅުވޭ ޓްރާންސްފާ މާކެޓްގައި އެތުލެޓިކޯ އަށް ކުޅުންތެރިއަކު ނުގެނެވޭނެ އެވެ. އެ ޓީމަށް އެންމެ އަވަހަށް ވެސް ކުޅުންތެރިއަކު ގެނެވޭނީ އަންނަ ޖެނުއަރީ މަހު ހުޅުވޭ ޓްފާންސްފާ މާކެޓްގަ އެވެ.
ސީއޭއެސް އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ އެތުލެޓިކޯ އަށް އަދަބުދީފައިވަނީ އިންސާފުވެރިކަމާ އެކު ކަމަށާއި އެ ކޯޓުން އަދަބަށް ލުއިދިނުމުގައި ބަލާ މިންގަނޑުގެ ތެރޭގައި އެތުލެޓިކޯ އަށް މައާފްދެވޭނެ އުސޫލެއް ނެތް ކަމަށެވެ.
"ފީފާއިން ދީފައިވާ ސަސްޕެންޝަނަށް ތާއީދުކުރަން ނިންމީ އެތުލެޓިކޯ ގަވައިދާ ހިލާފުވެފައިވާ މިންވަރު ބޮޑުވުމުން. މި މައްސަލައިގައި އެތުލެޓިކޯ އަށް ލުޔެއް ދެވިއްޖެނަމަ އެ ވެގެންދާނީ ދީފައިވާ އަދަބުގެ މުއްދަތު ތެރޭގައި އެ ޓީމަށް ނާއިންސާފުން ފައިދާއެއް ހޯދައިދެވުނު ކަމަށް. އެތުލެޓިކޯ އަށް ދީފައިވާ ސަސްޕެންޝަން ދަމަހައްޓަން މި ކޯޓުން ވެސް ތާއީދުކުރަން،" ސީއޭއެސް އިން ނެރުނު ބަޔާނުގައިވެ އެވެ.
އެތުލެޓިކޯ އަށް ދިން އަދަބު ލުއިނުކޮށްދިނުމުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެ ޓީމު ދޫކޮށްލާނެ ކަމަށް ބެލެވިފައިވާ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން އެ ޓީމުން ނުވިއްކާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ފްރާންސްގެ ލިޔޯން ދޫކޮށް އެތުލެޓިކޯ އަށް ގުޅެން ނިންމާފައިވާ ފޯވާޑް އަލެކްސަންޑަ ލަކަޒޭޓޭގެ ޓްރާންސްފާ ވެސް ވަނީ މަޑުޖައްސާލަން ޖެހިފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން ސީއޭއެސްގެ މި ނިންމުމާ އެކު ވެސް އެތުލެޓިކޯ އިން އަންނަނީ ލަކަޒެޓޭއާ އެކު އެއްބަސްވުމެއްގައި ސޮއިކުރަން މަސައްކަތް ކުރަމުންނެވެ. އެއީ ޖެނުއަރީ މަހާ ޖެހެންދެން ލަކަޒެޓޭ ބޭނުންނަމަ ލިޔޯނުގައި މަޑުކުރެވޭ ގޮތަށެވެ.