އުރީދޫން ޓޫ ތައުޒަންޑް އައިލްސްއާ ގުޅިގެން ރާއްޖޭގެ ތާރީހު ދައްކައިދެނީ
އުރީދޫން ޓޫ ތައުޒަންޑް އައިލްސްއާ ގުޅިގެން ރާއްޖޭގެ ތާރީހު ދައްކައިދެނީ

ރާއްޖޭގެ ރަށްތަކުގެ ދިރިއުޅުމާއި ވެށި ދައްކުވައި ދިނުމުގެ ބޭނުމުގައި އުރީދޫން ޓޫ ތައުޒަން އައިލްސްއާ ދެމެދު ޕާޓްނަޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އުރީދޫން ބުނި ގޮތުގައި މި ޕްރޮޖެކްޓްގެ ބޭނުމަކީ މަޝްހޫރު ފޮޓޯގްރާފަރު އައިޝަތު ނަޖް އާއި ލިޔުންތެރިޔާ ޑެނިއެލް ބޮސްލޭގެ ބައިވެރިވުމާއެކު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުރި ތާރީހީ ކަންކަން އެކުލަވާލުމެވެ. މި ޕްރޮޖެކްޓް މެދުވެރިކޮށް ފޮޓޯ ޖާނަލިޒަމާއި ޓްރެވަލް ބްލޮގިން މެދުވެރިކޮށް ރަށްތަކުގެ ދިރިއުޅުމާއި ވެށި ދައްކައިދޭނެ ކަމަށް އުރީދޫން ބުންޏެވެ.

ޓޫ ތައުޒަން އައިލްސް ޓީމުން ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރާއިރު، މަސައްކަތަށް ބޭނުންވާ މުވާސަލާތީ އެހީތެރިކަން އޮފިޝަލް ޓެލެކޮމިއުނިކޭޝަން ޕާޓްނަރެއްގެ ގޮތުގައި ފޯރުކޮށްދޭނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫގެ އެސިސްޓަންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވީ އުރީދޫއަކީ މުޖުތަމައުގެ ތަރައްގީ އަށް މަސައްކަތް ކުރާ ކުންފުންޏަކަށްވެފައި، އުރީދޫގެ އިންޓަނެޓް ހިދުމަތުގެ އެހީގައި އުފެއްދުންތެރި ޕްރޮޖެކްޓްތަކެއް ޒުވާނުން ހިންގާތީ އުފާ ކުރައްވާ ކަމަށެވެ.

"ޓޫ ތައުޒަން އައިލްސް ޓީމުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ގޮސް، މުޅިން އާ ވާހަކަތަކެއް ހޯދާ ޑޮކިއުމަންޓް ކުރުމަށް ކުރާ ދަތުރަށް އެއްބާރުލުން ދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް،" ނޫރާ ވިދާޅުވި އެވެ.

ނަޖް ބުނީ ތާރީހީ ކަންކަން ހޯދުމުގެ މަސައްކަތުގައި އުރީދޫގެ 4ޖީ ނެޓްވޯކް މެދުވެރިކޮށް ކޮންމެ ދުވަހަކު އަޕްލޯޑް ކުރަމުންދާ ބްލޮގް ޕޯސްޓުތަކާއި ސޯޝަލް މީޑިއާ އަޕްޑޭޓްތަކުގެ އެހީގައި، ދަތުރުގެ ކޮންމެ މައުލޫމާތެއް ވެސް ހިއްސާ ކުރެވޭނެ ކަމަށެވެ.

"މިހާރު" ނޫހާ ގުޅިގެން ޓޫ ތައުޒަން އައިލްސް ޓީމުން ފަށާފައިވާ މި ޕްރޮގްރާމްގެ އެކިއެކި މައުލޫމާތާއި ފޮޓޯތައް "މިހާރު" ނޫހުގެ އިނގިރޭސި އެޑިޝަންގައި މިހާރު ވެސް ކޮންމެ ހަފުތާއަކު އަންނަނީ ޝާއިއުކުރަމުންނެވެ.