01 ޖޫން 2017 - 17:18

ވޮޝިންޓަން (ޖޫން 1) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އޮޅިގެން ކަމަށް ބެލެވޭ ބަހެއް ޓްވިޓާ އަށް ދޫކޮށްލެއްވުން އެމަނިކުފާނަށް ސޯޝަލް މީޑިއާގައި ހަޖޫ ޖެހުން އިތުރުވެއްޖެ އެވެ.
ވޮޝިންޓަންގެ ގަޑިން މެންދަމުން އަލިވި ފަހުން ޓްރަމްޕް ކުރެއްވި ޓްވީޓުގައި ލިޔުއްވާފައި ވަނީ "ޑިސްޕައިޓް ދަ ކޮންސްޓެންޓް ނެގެޓިވް ޕްރެސް ކޮވްފެފެ" އެވެ. ޓްރަމްޕަށް "ކޮވްފެފެ" ލިޔުއްވިފައި ވަނީ ޓައިޕިން މިސްޓޭކަކުން ކަމަށް ބެލެވެ އެވެ. އަދި އެ މިސްޓޭކް ރަނގަޅު ނުކުރައްވާ ނުވަތަ ޖުމްލަ ފުރިހަމަ ނުކުރައްވާ ޓްރަމްޕް އަވަހާރަފުޅު ލެއްޕެވީ ކަމަށް ވެސް ބެލެވެ އެވެ. ހީވާ ގޮތުން ޓްރަމްޕް ބޭނުން ކުރައްވަން އުޅުއްވި ބަހަކީ "ކަވަރޭޖް" އެވެ. އެކަމަކު އެތައް ބަޔަކު ވަނީ މި ޓްވީޓް ފެނިގެން ޖޯކް ޖަހައިފަ އެވެ.
އެ ޓްވީޓް ކުރެއްވިތާ ހަ ގަޑިއިރު ފަހުން ޓްރަމްޕް ވަނީ އެ މިސްޓޭކް ޑިލީޓް ކުރައްވައިފަ އެވެ. ނަމަވެސް އެހެން ޓްވީޓެއްގައި ވަނީ އެ ލަފުޒުގެ އަސްލު މާނަ ސާފުކޮށްދޭނީ ކާކުތޯ އައްސަވައިފަ އެވެ.
ޓްރަމްޕުގެ ޓްވީޓުގެ މާނައަކީ ކޮބައިތޯ ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީއާ ނޫސްވެރިން ސުވާލު ކުރުމުން ވިދާޅުވެފައި ވަނީ "ރައީސް ވިދާޅުވާން އުޅުއްވަނީ ކީކޭކަން އެމަނިކުފާނާއި މަދު މީހަކަށް އެނގޭނެ" ކަމަށެވެ.
ޓްރަމްޕަށް ޓައިޕްކުރެވުނު ބަސް ސޯޝަލް މީޑިއާގައި ބައެއް މީހުން ދަނީ އެ މީހުންނަށް ލަފާ ކުރެވޭ އެކި ގޮތް ގޮތަށް ބޭނުން ކުރަމުންނެވެ. އަނެއް ބަޔަކު ވަނީ ޓްރަމްޕަށް ހެދުނު މިސްޓޭކް އެމަނިކުފާނުގެ ސަމާލު ކަމަށް އަރިސް ބޭފުޅުން ގެންނަވާފައި ނުވާތީ ފާޑު ކިޔައިފަ އެވެ.
ޓްރަމްޕް ބޭނުން ކުރެއްވި ލަފްޒް ޓްވިޓާގައި ޓްރެންޑްވާން ފެށުމާ އެކު ބައެއް މީހުން ވަނީ އޭގެ ފައިދާ ނަގަން ފަށައިފަ އެވެ. އެ ލަފުޒު ޓީ-ޝާޓުގައި ޖަހައިގެން އެއް ބަޔަކު އީބޭގައި ވިއްކަމުންދާ އިރު އަނެއް ބަޔަކު ވަނީ އެ ނަމުގައި ޑޮމެއިން ގަނެފަ އެވެ.