ޓްރަމްޕް ހޮޓަލުގެ ގެސްޓެއްގެ ކާރުން ބަޑިއެއް ފެނިއްޖެ
ޓްރަމްޕް ހޮޓަލުގެ ގެސްޓެއްގެ ކާރުން ބަޑިއެއް ފެނިއްޖެ

ވޮޝިންޓަން (ޖޫން 1) - އެމެރިކާގެ ވޮޝިންޓަނުގައި ހުންނަ ޓްރަމްޕް އިންޓަނޭޝަނަލް ހޮޓެލްގެ ގެސްޓެއްގެ ކާރު ތެރޭން ބަޑިއަކާއި ގޮވާ ތަކެތި ފުލުހުން ހޯދައިފި އެވެ.

އުމުރުން 43 އަހަރުގެ ބްރިއަން މޯލްސް ނަމަކަށް ކިޔާ މީހާ ހައްޔަރު ކުރީ ވައިޓް ހައުސްއާ މާ ދުރު ނޫން ހިސާބެއްގައި ހުންނަ ހޮޓަލުގެ ކޮޓަރިއެއްގެ ތެރޭންނެވެ. ހޮޓަލުގެ ޕާކިންގައި އޮތް އޭނާގެ ކާރު ޗެކްކުރި އިރު ވަނީ ބަޑިއަކާއި 90 ވަޒަން ފެނިފަ އެވެ. ފުލުހުން ގާތު މޯލްސް ބުނެފައި ވަނީ އޭނާ އަކީ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވަރަށް ބޮޑު ސަޕޯޓަރެއް ކަމަށެވެ. އަދި އެ ހޮޓަލުގައި އޭނާ ހުރީ ވެސް އެހެންވެ ކަމަށް ބުނެފައިވެ އެވެ. އޭނާއަކީ ކުރިން ސިފައިންގެ ތެރޭގައި އުޅެފައިވާ މީހެއް ކަމަށާއި އަދި ޑިޕްރެޝަން ތަހައްމަލު ކުރާ މީހެއް ކަމަށް ވެސް ފުލުހުން ގާތު އޭނާ ބުނެފައިވެ އެވެ.

މޯލްސް ހައްޔަރުކުރީ ޕެންސިލްވޭނިއާ ސްޓޭޓް ޕޮލިހުން ދިން މައުލޫމާތަކަށެވެ. އަދި އެ މައުލޫމާތު ވަނީ ސީކްރެޓް ސާވިސް އަށް ވެސް ދީފަ އެވެ. އެމެރިކާގެ ރައީސްގެ ސަލާމަތީ ކަންކަން ބަލަހައްޓާ ސީކްރެޓް ސާވިސް އިން ބުނީ އެ ފަރާތުގެ ބެލެހެއްޓުމުގެ ދަށުގައިވާ އެއްވެސް މީހަކަށް ނުރައްކަލެއް ނެތް ކަމަށެވެ.

ޓްރަމްޕް ހޮޓަލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެންމެ އިސްކަން ދެނީ ގެސްޓުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ކަމަށެވެ. އަދި އެއީ ތަހުގީގު ކުރަމުންދާ މައްސައަލައަކަށް ވާތީ ހޮޓަލުން އިތުރު މައުލޫމާތު ހާމަ ނުކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ޓްރަމްޕް އިންޓަނޭޝަނަލް ހޮޓާ ހުޅުވީ މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ދުވަސްވަރު، ސެޕްޓެމްބަރު މަހު އެވެ.