އަންހެން ދަރިފުޅާ އެކު ފިލްމެއް ކުޅެން ސުނިލް ޝެޓީ ތައްޔާރު
އަންހެން ދަރިފުޅާ އެކު ފިލްމެއް ކުޅެން ސުނިލް ޝެޓީ ތައްޔާރު

ދަރިފުޅު އަތިޔާއާ އެކު ފިލްމެއް ކުޅެން ބޭނުންވާ ކަމަށާއި އެކަމަކު ފިލްމު ކުޅޭނީ ފިލްމުގެ ހުރިހާ ފޯކަސްއެއް ދަރިފުޅަށް އަމާޒުކުރަން ޝަރުތުކޮށްފައި ކަމަށް ސުނިލް ޝެޓީ ބުނެފި އެވެ.

އޭނާއަށް ކިތަންމެ ކުޑަ ރޯލެއް އެ ފިލްމެއްގައި އޮތަސް ސުނިލްގެ ޝަކުވާ އެއް ނެތެވެ.

ސަބަބެއް ކަމަށް ސުނިލް ބުނަނީ އަތިޔާގެ ކެރިއަރަށް މިހާރު ބޮޑަށް ފޯކަސް ކުރަން ޖެހިފައި ވުމެވެ. މިހާރު އޭނާ ބޭނުންވަނީ އަތިޔާ ފިލްމީ ރޮނގުން ކުރިއަރައިގެން ދިއުމަށެވެ. އެހެން ނޫން ގޮތަކަށް އޭނާ ދަރިފުޅާ އެކު ފިލްމެއް ނުކުޅޭނެ އެވެ.

އުމުރުން މިހާރު 55 އަހަރު ފުރިފައިވާ ސުނިލް އަކީ އޭނާގެ ރަން ޒަމާނުގައި ވަރަށް ގިނަ ރީތި ފިލްމުތައް ކުޅެފައިވާ ކުޅަދާނަ އެކްޓަރެކެވެ. ސުނިލްގެ ދެ ދަރިއަކު މިހާރުވެސް ފިލްމު ކުޅެ އެވެ. ފިރިހެން ދަރިފުޅުގެ ފިލްމު އަދި ރިލީޒް ނުވިޔަސް އަތިޔާ ވަނީ 2015 ގައި "ހީރޯ" އިން ފިލްމީ މައިދާނަށް ނިކުމެފަ އެވެ. އަދި މިހާރު އޭނާ މަސައްކަތްކުރަނީ އަނިލް ކަޕޫރާއި އަރްޖުން ކަޕޫރާއެކު ކުޅޭ "މުބާރަކާން" ކިޔާ ފިލްމެއްގަ އެވެ.

ދަރިފުޅު މަޑުމަޑުން ފިލްމުތަކުގައި ޝާމިލުވެ މަސައްކަތަށް ހޭނެމުން އަންނަ ކަމަށް ސުނިލް ބުންޏެވެ.

"އަތިޔާ މިހާރު ކުރިޔަށް ވުރެ އަމިއްލަ ނަފްސަށް މާ އިތުބާރުކުރާ އެކްޓަރެއްގެ ގޮތުގައި ފެންނަނީ. އަހަރެންނަށް މިހާރު ތަފާތު އަތިޔާ އެއް އެބަ ފެނޭ. ކުރިޔަށް ވުރެ މާ ފޯކަސް އަދި އަޚްލާގު ރަނގަޅު އެކްޓަރެއްގެ ގޮތުގައި،" ސުނިލް ބުންޏެވެ.

ބޮލީވުޑުގައި މަސައްކަތް ކުރެވޭނީ ވަކި ގޮތަކަށް މީހާގެ ސޫރަ އާއި ޝަޚްސިއްޔަތު އަދި ސްޓައިލް ބަހައްޓައިގެން ކަމަށާއި އަތިޔާ ފިލްމު ކުޅެން ފެށުމުން އެކަމުގެ ނުފޫޒު ފިރިހެން ދަރިފުޅު އަހާން އަށް ވެސް ފޯރާފައިވާ ކަމަށް ސުނިލް ބުންޏެވެ.

އަހާން ބޮލީވުޑަށް ތައާރަފްވާނީ ޕްރޮޑިއުސަރު ސާޖިދު ނަދިއަދްވާލާގެ ފިލްމަކުންނެވެ. ސުނިލް ބުނި ގޮތުގައި އަހާން އަކީ ރަނގަޅު ދަރިއެކެވެ. އޭނާ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންނަށް އުނދަގުލެއް ނުޖައްސާނެ އެވެ.