02 ޖޫން 2017 - 07:28

އިމްތިހާނުން ކުދިން ފޭލްވުމަކީ ނުވަތަ މާކްސް ދަށްވުމަކީ ކުދިންނެކޭ އެއްވަރަށް ނުވަތަ އެއަށް ވުރެ ވެސް ބޮޑަށް މައިންބަފައިންގެ ހިތަށް އަސަރުކުރާ ކަމެކެވެ. މިފަދަ ހާލަތެއްގައި މައިންބަފައިންނަށް ގިނަ ފަހަރަށް ގަބޫލު ކުރެވޭނީ އެމީހުންގެ ދަރިން އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރަނީ ކަމަށެވެ. ނަމަވެސް ހަގީގަތުގައި އެކަން ވަނީ ގިނަ ފަހަރަށް އެހެންނެއް ނޫނެވެ.
ކުދިންނަށް ސްކޫލްގެ އިމްތިހާނުތަކުން ރަނގަޅު ނަތީޖާއެއް ނުނެރެވި ފޭލްވަމުން ދިއުމަކީ މައިންބަފައިން ސްޓްރެސް ވާނެ ކަމެކެވެ. ނަމަވެސް ކުދިންގެ ނާކާމިޔާބީގެ ތަޖުރިބާގެ އަލީގައި މައިންބަފައިން ދަސްކުރަންޖެހޭ ވަރަށް ގިނަ ކަންތައް ހުރެ އެވެ.
ފުރަތަމަ ކަމަކީ މާޔޫސްވެފައިވާކަން ދެއްކުމުގެ ބަދަލުގައި ކުއްޖާއަށް އެހީތެރިވެ ދިނުމެވެ. މިއީ މައިންބަފައިންގެ ހައިސިއްޔަތުން ކުއްޖާއަށް ކޮށްދެވޭނެ އެންމެ މުހިއްމު ކަންތަކެވެ. ގިނަ ކަންތައްތައް ދަސްވަނީ ފެއިލްވެގެން ކަން ކުއްޖާއަށް ވިސްނައިދޭށެވެ. ފެއިލް ވިޔަސް ދެން ފަހަރަކުން ރަނގަޅު ނަތީޖާ ހޯދުމަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރަކަށް ވާނެ އެވެ.
ދަރިފުޅާ އެހެން ކުދިންނާ އަޅާ ނުކިޔާށެވެ. ކުލާހުގައި ތިބޭ މިވެނި ކުދިން ކިހާ މޮޅުހޭ ކިޔާ އެކުދިންނާ ތިމާގެ ދަރިފުޅާ އަޅާ ކިއުމަކީ ކުދިންގެ ހިތް މަރުވާނެ ކަމެކެވެ. ޚާއްސަކޮށް، އެއްބަނޑު އެއްބަފާ ނުވަތަ އާއިލާގައި ތިބި މޮޅު ނަތީޖާ ގެންނަ ކުދިންނާ ދަރިފުޅާ އަޅާ ނުކިޔާށެވެ. އެހެން ކުދިންނާ އަޅާ ކިއުމަކީ ކުދިންނަށް ދެވޭނެ އެންމެ ބޮޑު ހިތްދަތިކަމެވެ.
ކުއްޖާއާ އެކު އެކަނި ހަމަޖެހިލައިގެން ތަނެއްގައި އިނދެ ކުއްޖާއަށް ކިޔެވުމަށް ހުރަސް އެޅެނީ ކޮން ކަމަކާ ހެދި ތޯ އޮޅުންފިލުވާށެވެ. އަދި ކުއްޖާ ގަބޫލު ނަމަ އިތުރު އެހީ ހޯދައިގެން ނަމަވެސް އޭނާއަށް ކިޔެވުމަށް ދަތިވާ މައްސަލަތައް ހައްލުކޮށްދޭން މަސައްކަތް ކުރާށެވެ.
ކުދިންނަށް ރަނގަޅަށް ކުރެވޭ ކަންކަމާއި ރަނގަޅަށް ނުކުރެވޭ ކަންތައްތައް އެކުދިންނަށް ވިސްނައިދިނުމަކީ ވެސް މައިންބަފައިންގެ ޒިންމާ އެކެވެ. އޭރުން އެކުދިން އަމިއްލައަށް ފިލާވަޅު ދަސްކުރަންވީ ރަނގަޅު ގޮތްތައް ހޯދައި އެގޮތަކަށް މަސައްކަތްކުރަން ފަށާނެ އެވެ. އަދި ދަސްކުރަން އުނދަގޫ ފިލާވަޅުތަކަށް ބޮޑަށް ސަމާލުވެގެން ނަތީޖާ ރަނގަޅުވޭތޯ އުޅޭނެ އެވެ.
ކުދިން ފެއިލްވުމުން އެކަން ހައްލުކޮށް އެކުދިން އަނެއްކާވެސް އާ ހިތްވަރަކާ އެކު ކިޔަވަން ފަށަން އެހީތެރިވެދިނުމުގެ އިތުރުން އެކުދިން ފިލާވަޅު ދަސްކުރާ ގޮތާއި އުނދަގޫތައް ހައްލުކުރަން މަސައްކަތްކުރާ ގޮތް ގާތުން ބެލުން ވެސް މުހިއްމެވެ. އަދި މިފަދަ ކަންކަން ކުރާއިރު ކުދިންގެ ކިބައިން ޑިޕްރެޝަން އާއި ދެރަވުން، ރުޅިގަދަވުން، ކާހިތްނުވުން އަދި ނިދަން އުނދަގޫވުން ފަދަ އެއްވެސް މައްސަލައެއް ދިމާވޭތޯ ބަލަން ޖެހޭނެ އެވެ. ފެއިލްވާ ބައެއް ކުދިންނަށް މިފަދަ މައްސަލަތައް ދިމާވެ ދިރިއުޅުން މަތިން ފޫހިވުން ފަދަ ކަންކަން ވެސް ދިމާވެ އެވެ.
ކުދިންގެ ކިބައިގައި ދިރިއުޅުމުގެ ރަނގަޅު އާދަތައް ހަރުލެއްވޭތޯ މަސައްކަތް ކުރާށެވެ. ފައިދާ ހުރި ކާނާ ކެއުމާއި ކޮންމެ ރެއަކުވެސް ނިދަންޖެހޭ މިންވަރަށް ނިދުމަށް ބާރު އެޅުމާއި ހަށިގަނޑަށް ކަސްރަތު ލިބޭ ކަހަލަ ކަންތައްތައް ކުރުވުން މުހިއްމެވެ. ސިއްހަތަށް ފައިދާ ހުރި ކާނާ ވީވަރަކުން ކުދިންނަށް ނުދީ ސިއްހަތަށް ފައިދާ ހުރި ކެއުންތައް ކެއުމަށް ކުދިންނަށް ހިތްވަރުދޭށެވެ. ސިއްހަތަށް ފައިދާއެއް ނުލިބޭ ކާނާ ކެއުމަކީ ވެސް ސްޓްރެސް އިތުރުވެ ރުޅިގަދަވާނެ ކަމެކެވެ.
މިފަދަ ދަނޑިވަޅުތަކުގައި މައިންބަފައިންގެ ފަރާތުން ކުދިން ބޭނުންވަނީ ލޯތްބާއި އޯގާތެރިކަމެވެ. ޕޮޒިޓިވް އަދި ބިނާކުރަނިވި އެހީތެރިކަމެވެ.