22 ޖޫން 2016 - 07:47

އާމިރު ޚާނާއި ސަލްމާން ޚާންގެ އެކުވެރިކަން ވަރަށް ކުރިއްސުރެ އޮވެ އެވެ. އަދި އެކަކު އަނެކަކަށް ތައުރީފުކުރުމުގައި މި ދެ އެކްޓަރުން ވަރެއް ނޯވެ އެވެ.

އާމިރާއި ސަލްމާން ވަނީ 1994 ގައި ނުކުތް "އަންދާޒް އަޕްނާ އަޕްނާ"ގައި ވަރަށް މަޖާ ރޯލުތަކެއް އަދާކޮށްފަ އެވެ. ފިލްމު ރިލީޒްކުރިތާ 22 އަހަރު ފުރިފައި ވިޔަސް މިއަދުވެސް މި ދެ އެކްޓަރުން އެ ފިލްމުގައި އުޅުނު މަޖާގޮތް ގިނަ ބަޔަކު ހަނދާނުގައި އެބަހުއްޓެވެ.
ސަލްމާނާއި އާމިރާ އެކު "އަންދާޒް އަޕްނާ އަޕްނާ" އަލުން އުފައްދަން އުޅޭ ކަމުގެ ޚަބަރުތަކެއް މިދުވަސްވަރު ދެކެވެމުންދާއިރު އާމިރު ބުނަނީ އޭނާ ސަލްމާނާ އެކު ފިލްމެއް ކުޅެން ބޭނުން ކަމަށެވެ.
އާމިރުގެ "ޑަންގަލް"ގެ ޕްރެސް ކޮންފަރެންސެއްގައި އާމިރު ބުނީ ރަނގަޅު ސްކްރިޕްޓެއް ލިބިއްޖެ ނަމަ ސަލްމާނާ އެކު މަސައްކަތްކުރަން ތައްޔާރު ކަމަށެވެ. އަދި ވަރަށް އަވަހަށް ސަލްމާނާ އެކު ފިލްމެއްގައި ބައިވެރިވެވޭނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް ބުންޏެވެ.
"ސުލްތާން"ގެ ޕްރެސް އެއްގައި ސަލްމާނާ މި ސުވާލުކުރުމުން އޭނާ ވެސް ދިނީ ހަމަ އާމިރު ދިން ކަހަލަ ޖަވާބެކެވެ. ރަނގަޅު ސްކްރިޕްޓެއް ލިބިއްޖެ ނަމަ މަސައްކަތްކުރަން ތައްޔާރު ކަމަށެވެ.
ޔަގީންވާ ކަމަކީ މި ދެ ތަރިން އެކުގައި މިދުވަސްވަރު ފިލްމެއް ކުޅެފި ނަމަ ބޮކްސް އޮފީސް ރެކޯޑްތައް މުގުރާލާނެ ކަމެވެ.