އުލިގަމު މީހުން ކުރިން ތަޖުރިބާ ނުކުރާވަރުގެ ވިއްސާރައެއް
އުލިގަމު މީހުން ކުރިން ތަޖުރިބާ ނުކުރާވަރުގެ ވިއްސާރައެއް

މާ ބޯކޮށް ވާރޭ ވެހިއްޖެ ނަމަ މީގެ ކުރިން ވެސް ހއ. އުލިގަމުގައި ފެންބޮޑުވެ އެވެ. އެކަމަކު މެދުނުކެނޑި 24 ގަޑިއިރަށް ވުރެ ގިނައިރު ވާރޭވެހުމުން، އެ ރަށުގެ ބައެއް ސަރަހައްދުތައް މިހާރު އޮތީ ފެނު އަޑީގަ އެވެ. މިދިޔަ ތިން ދުވަހު އެ ރަށަށް ކުރި ގަދަ ވިއްސާރައިގައި، އެ ރަށުގެ ދަނޑުބިންތައް ސުންނާފަތިވި އެވެ. އެ ރަށު ގިނަ މީހުން ބުނާ ގޮތުގައި މިއީ އަދި ދުވަހަކު ވެސް ތަޖުރިބާކުރި ވަރުގެ ވިއްސާރައެއް ނޫނެވެ.

އުލިގަމު މީހުން ކުރިން ތަޖުރިބާ ނުކުރާވަރުގެ ވިއްސާރައެއް
އުލިގަމު މީހުން ކުރިން ތަޖުރިބާ ނުކުރާވަރުގެ ވިއްސާރައެއް

"އެހާ ބޯކޮށް ވާރޭ ވެހި، ވައި ގަދަވުމުން ގިނަ މީހުން ތިބީ ވަރަށް ބިރުގަނެފައި. އަޅުގަނޑު ވެސް ބޭރަށް ނިކުމެ އުޅޭއިރު ބިރުގަނޭ،" އުލިގަމު ކައުންސިލްގެ ރައީސް އިމާދު އަބްދުﷲ ވިދާޅުވި އެވެ.

އުލިގަމު މީހުން ކުރިން ތަޖުރިބާ ނުކުރާވަރުގެ ވިއްސާރައެއް
އުލިގަމު މީހުން ކުރިން ތަޖުރިބާ ނުކުރާވަރުގެ ވިއްސާރައެއް

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު ކުރަމުން އަންނަ ވިއްސާރާގައި ގަދަވަޔާ އެކު އެ ރަށަށް އެންމެ ބޮޑަށް ވާރޭ އޮއްސާލީ އަންގާރަ ދުވަހުގެ ރޭ އެކެއް ޖަހާކަންހާއިރު އެވެ. އޭރުން ފެށިގެން ބުދަ ދުވަހުގެ މެންދުރާ ޖެހެންދެން، ނުހުއްޓި ބޯކޮށް ވާރޭ ވެހުނެވެ.

އުލިގަމު މީހުން ކުރިން ތަޖުރިބާ ނުކުރާވަރުގެ ވިއްސާރައެއް
އުލިގަމު މީހުން ކުރިން ތަޖުރިބާ ނުކުރާވަރުގެ ވިއްސާރައެއް

އެ ރަަށުގައި އާންމުކޮށް އެންމެ ފެން ބޮޑުވާ ސަރަހައްދުގައި ގާތްގަނޑަކަށް ހަތަރު ފޫޓަށް އޮތީ ފެން ހެދިފަ އެވެ.

"މި ރަށުގެ ދުވަސް ވީ މީހުން ވެސް ބުނޭ މިއީ އަދި އެ މީހުން ނުދެކޭ ވަރުގެ ވިއްސާރައެއްކަމަށް،" އިމާދު ވިދާޅުވި އެވެ.

ވިއްސާރައިގައި ބައެއް ގެތަކުގެ ފުރާޅު އެއްލައިލި އެވެ. ފެންބޮޑުވެގެން ބައެއް ގެތަކަށް ފެން ވަނެވެ.

އިމާދު ވިދާޅުވީ ފެން ހިންދަން ރަށުގެ ޒުވާނުން ނިކުމެ އުޅުނު އިރު ވެސް، "ދެންމެ ދެންމެ އެއްލައިލަފާނެ" ގޮތަކަށް ވައި ގަދަވި ކަމަށެވެ.

ރާއްޖޭގެ އެންމެ ބޮޑެތި ރަށްރަށުގެ ތެރޭގައި ހިމެނޭ 112 ހެކްޓަރުގެ އުލިގަމަކީ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ރަށެކެވެ. ފަތްކޭލާއި ކަރަ އާއި ބަރަބޮލާއި މިރުސް ފަދަ ތަކެތި ހައްދާ މީހުން ގިނަ އެވެ. މި ރޯދަ މަހަށް ހާއްސަކޮށް ވެސް، ގިނަ ބަޔަކު ތަކެތި ހެއްދި އެވެ. އެކަމަކު ވިއްސާރައިގައި އެ ހުރިހާ އެއްޗެއްހެން ވަނީ ހަލާކުވެފަ އެވެ.

އިމާދު ވިދާޅުވީ ދަނޑުތައް ހަލާކުވުމުން މީހުންނަށް ލިބުނު މާލީ ގެއްލުން ބޮޑު ކަމަށާއި އެކަމާ އެ މީހުން ތިބީ ވަރަށް މާޔޫސްވެފައި ކަމަށެވެ.

މިއަދު މެންދުރު ފަހު އަނެއްކާވެސް ގަދަ ވަޔާ އެކު ބޯކޮށް ވާރޭ ވެހެން ފަށާފައިވާ ކަމަށް ރަށު މީހުން ބުނެ އެވެ.