21 ޖޫން 2016 - 09:41
ރިތިކް ރޯޝަން ސްކްރީނުން ނުފެންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވަނިކޮށް އޭނާގެ އާ ފިލްމު "މޮހެންޖޮ ދާރޯ" ފުރަތަމަ ޓްރެއިލާ އިއްޔެ ވަނީ ރިލީޒްކޮށްފަ އެވެ. ގިނަ ބަޔަކު އުންމީދުކުރި ގޮތަށް އެ ޓްރެއިލާ އާދަޔާޚިލާފަށް މޮޅުވެފައި ބެލުންތެރިން ހައިރާން ކޮށްލައިފި އެވެ.
މި ފިލްމު ބިނާކޮށްފައި ވަނީ ދުނިޔޭގައި ފުރަތަމަ ދިރިއުޅުނު މީހުންގެ ދުވަސްވަރަށެވެ. މިއީ އީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ ވެސް ކުރީގެ ހާދިސާއަކަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.
"މޮހެންޖޮ ދާރޯ"އަކީ މިހާރުގެ ޕާކިސްތާނުގެ ސިންދް ޕްރޮވިންސްގައި އިންޑަސް ވެލީ ޒަމާނުގައި އިމާރާތްކުރުމުގެ ފަންނުވެރިކަން ވަރަށް މޮޅަށް ދައްކުވައިދޭ ރަށެކެވެ.
މި ފިލްމުގައި ރިތިކް ކުޅެނީ ސަރްމަން ކިޔާ ވަރަށް ވަރުގަދަ ފަހުލަވާނެއްގެ ރޯލެވެ. ފުރަތަމަ އިޝްތިހާރުގައި ވެސް، އޭނާ ކުޅެފައިވާ އާދަޔާޚިލާފު މޮޅު މަންޒަރުތަކެއް ފެނެ އެވެ.
ފިލްމުގެ ބަތަލާގެ ބައި ކުޅެނީ މުޅިން އަލަށް ބޮލީވުޑަށް ތައާރަފްވީ ޕޫޖާ ހެގްޅޭ އެވެ. ޗަންނީގެ ރޯލުން ޕޫޖާ ފެންނަނީ ވަރަށް ރީތި އެހާމެ ޝާހީ ކޮށެވެ. އަދި ރިތިކް އާއި ޕޫޖާގެ ކެމިސްޓްރީ ވެސް ވަރަށް ގުޅެ އެވެ.
އަންނަ އޮގަސްޓް މަހުގެ 12 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމަކީ "ލަގާން" އާއި "ޖޯދާ އަކްބަރް" ފަދަ މޮޅު ފިލްމުތައް ޑައިރެކްޓްކޮށްފައިވާ އަޝޫތޯޝް ގޮވަރިކަރްގެ އުފެއްދުމެކެވެ.