01 ޖޫން 2017 - 11:47

މެޑްރިޑް (ޖޫން 1) – އެހާ ބޮޑަށް ހިތްތިރި ވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ޔުވެންޓަސްއާ ދެކޮޅަށް ރެއާލް މެޑްރިޑުން މޮޅު ކުޅުމެއް ދައްކައި ތަށި ހޯދާނެ ކަމަށް ލަފާކުރާ ކަމަށް އެ ޓީމުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
ރެއާލް މެޑްރިޑާ އެކު 2014 ވަނަ އަހަރު އަދި މިދިޔަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ފޯވާޑް ބުނީ ޔުވެންޓަސް އަކީ ވަރުގަދަ ޓީމެއް ކަމަށާއި ހަމަ އެގޮތަށް ރެއާލް މެޑްރިޑަކީ ވެސް އެހާމެ ވަރުގަދަ ޓީމެއް ކަމަށެވެ.
"މާބޮޑަށް ހިތްތިރިވުމަކީ ރަނގަޅު ގޮތެއް ނޫން. އެ ޓީމަކީ ވެސް ފުރިހަމަ ޓީމެއް ހަމައެގޮތަށް އަހަރެމެންނަކީ ވެސް. އަހަރެންގެ ހިތް ބުނަނީ އަހަރެމެން ވަރަށް މޮޅަށް ކުޅެ ޗެމްޕިއަންކަން ހޯދާނެޔޭ،" ރޮނާލްޑޯ ބުންޏެވެ. "އަހަރެމެން ޖެހޭނެ ދަނޑުމަތީގައި އަހަރެމެންގެ ފެންވަރު ސާބިތުކޮށްދޭން."
ރޮނާލްޑޯ ބުނީ މިދިޔަ ސީޒަންތަކާ ބަލާއިރު އޭނާ ހުރީ ފިޒިކަލީ ވަރަށް ރަނގަޅު ހާލަތެއްގައި ކަމަށާއި ގޯލްތަކެއް ޖަހައިގެން ފައިނަލުގައި ޓީމަށް އެހީވެދޭން އުއްމީދުކުރާ ކަމަށެވެ.
"މި ތަށްޓާ އެކު މި ސީޒަނުގައި އަހަރެމެންނަށް ދެ މުބާރާތް ކާމިޔާބުކުރެވުނީ. އަދި ތަށި ދިފާއުކޮށް ޗެމްޕިއަންސް ލީގުގެ ތާރީހުން ޖާގަ ލިބޭނެ. އެއީ ލިބޭ ވަރަށް ބޮޑު ހިތްވަރެއް. އެކަމަށް މިއޮތީ އެންމެ ފިޔަވަޅެއް ބާކީ،" ރޮނާލްޑޯ ބުންޏެވެ.
މި މުބާރާތް މިހާރުގެ ފޯމެޓަށް 1992 ވަނަ އަހަރު ބަދަލުކުރި ފަހުން އެއްވެސް ޓީމަކަށް ތަށި ދިފާއުކުރެވިފައެއް ނުވެ އެވެ. އެކަން އެންމެ ފަހުން ހާސިލްކުކުރީ 1989 އަދި 1990 ގައި އޭސީ މިލާނުންނެވެ.
ރެއާލް މެޑްރިޑާއި ޔުވެންޓަސް ބައްދަލުކުރާ ޗެމްޕިއަންސް ލީގުގެ ފައިނަލް އޮންނާނީ ހޮނިހިރު ދުވަހުގެރޭ ރާއްޖެ ގަޑިން 23:45 ގަ އެވެ. މެޗު ކުޅޭނީ ވޭލްސްގެ ކާޑިފްގަ އެވެ.