01 ޖޫން 2017 - 12:17

މެލްބަން (ޖޫން 1) - އޮސްޓްރޭލިއާގެ މެލްބަން އިން ފުރައިގެން ކުއާލަ ލަމްޕޫރަށް ދަތުރު ކުރި މެލޭޝިއާ އެއާލައިންސްގެ ބޯޓެއްގައި ބޮމެއް އޮތް ކަމަށް ބުނެ ބިރު ދައްކާ ކޮކްޕިޓަށް ވަންނަން މަސައްކަތް ކުރި ސްރީ ލަންކާ މީހާ ހުއްޓުވި ބޯޓުގެ ޕަސިންޖަރުންނަކީ ބަތަލުން ކަމަށް މަންޒަރު ދުށް މީހުން ބުނެފި އެވެ.

ފްލައިޓް އެމްއެޗް128 ފުރިތާ ބައިގަޑިއިރު ތެރޭ އަނބުރާ މެލްބަން އަށް ޖައްސަން ޖެހުނީ ޕަސިންޖަރަކު ގަދަ ދައްކާ ކޮކްޕިޓަށް ވަންނަ މަސައްކަތްކޮށް އަދި އޭނާގެ އަތުގައި ބޮމެއް އޮތް ކަމަށް ބުނުމުންނެވެ. ބޯޓު ސަލާމަތުން މެލްބަން އަށް ޖެއްސުމަށް ފަހު އެ ޕަސިންޖަރު ވަނީ ހައްޔަރުކޮށްފަ އެވެ. އުމުރުން 25 އަހަރުގެ ލަންކާ މީހާ ވަނީ މެލްބަންގެ ސައިކޭޓްރިކް ސެންޓަރަކަށް ގެންގޮސްފަ އެވެ.
ފުލުހުން ބުނީ މިއީ ޓެރަރިޒަމާ ގުޅުން ހުރި ކަމެއް ނޫން ކަމަށެވެ. އަދި އެއީ ސިކުނޑި ހަމަނުޖެހޭ މީހެއް ކަމަށެވެ. އޭނާ ބޮމެއް ކަމަށް ބުނި އެއްޗަކީ ބްލޫޓޫތު ސްޕީކަރެއް ކަހަލަ އެއްޗެއް ކަމަށް ވެސް ފުލުހުން ބުންޏެވެ. މެލޭޝިއާގެ ޑިޕިއުޓީ ޓްރާންސްޕޯޓް މިނިސްޓަރު އަބްދުލް އަޒީޒް ބިން ކަޕްރާވީ އޭއެފްޕީ އަށް ވިދާޅުވީ އެ މީހާ ގެންގުޅުނު ކަމަށް ވަނީ ޕަވަބޭންކެއް ކަމަށެވެ.
މަންޒަރު ދުށް މީހަކު ބުނީ އެ މީހާ ފްލައިޓްތެރޭ ކޮޅު ކޮޅަށް ދުވެ ފަހަތަށް ދިޔަ ވަގުތެއްގައި އޭނާއާ ކުރިމަތިލާ ހުއްޓުވީ އޮސްޓްރޭލިއާގެ ތިން ޕަސިންޖަރުން ކަމަށެވެ.
"އެއާލައިނުގެ ސްޓާފެއްގެ ގާތު ޕަސިންޖަރު ފުރަތަމަ ބުނީ ކެޕްޓަން ދެކިލަން ބޭނުންވާ ކަމަށް. އޭގެ ފަހުން އޭނާ ބިރު ދައްކަން ފެށީ. ދެން އަހަރެން ބޯޓުގެ ފަހަތަށް ގޮސް ބުނީ ނުރައްކަލެއް އެބައުޅެއޭ. އަހަރެމެން އެބަޖެހެއޭ އެކަން ހުއްޓުވަން،" ބޯޓުން ދަތުރުކުރި ޕަސިންޖަރަކު ބުންޏެވެ. "ދެން އެ މީހުން ކުރިމަތިލާ އޭނާ ހުއްޓުވީ. އެއީ ހިތްވަރުގަދަ ބައެއް."
މެލޭޝިއާ އެއާލައިންސް އިން ބުނީ އެއާބަސް އޭ330 ބޯޓުގައި 337 މީހުން ތިބި ކަމަށެވެ.
ބޯޓު ޖެއްސުމާ އެކު ހަތިޔާރާ އެކު ފުލުހުން ވަނީ ބޯޓަށް އަރައިފަ އެވެ.