01 ޖޫން 2017 - 12:06

ހާލު ދެރަ ބޮޑުދައިތައާ ބައްދަލުކުރުމުގެ ފުރުސަތު ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނަށް ނުދީ އޭނާއާ މެދު ސަރުކާރުން އަމަލުކުރީ ވަރަށް ރަހުމްކުޑަ، ލާއިންސާނީ ގޮތަކަށް ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
ސިންގަޕޫރުގައި ފަރުވާ ދެނިކޮށް ރޭ އަވަހާރަވި، ފާރިސްގެ ބޮޑުދައިތަ ފަރީޝާ އިބްރާހީމްގެ އާއިލާ އަށް ތައުޒިޔާ ކިޔައި އެމްޑީޕީން ނެރުނު ބަޔާނުގައި، ފާރިސްއާ މެދު ސަރުކާރުން އަމަލުކުރި ގޮތް ވަނީ ކުށްވެރިކޮށްފަ އެވެ.
ބޮޑުދައިތައާ ބައްދަލު ކުރެއްވުމަށް ސިންގަޕޫރަށް ވަޑައިގަތުމުގެ ހުއްދަ އަށް ސަރުކާރުގެ އެކި މުއައްސަސާތަކުގައި ފާރިސް އާދޭސް ދެންނެވުމުން ވެސް ސަރުކާރުން އެ ފުރުސަތު އޭނާއަކަށް ނުދިނެވެ. އޭނާގެ ޕާސްޕޯޓު ހިފަހައްޓައި ބޭރަށް ފުރުމުގެ ހުއްދަ ނުދިނީ، ހޯމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ފާރިސް ބޭރަށް ވަޑައިގަތުމަށް ފަހު ފިއްލަވާފާނެ ކަމުގެ ބިރު އޮތުމުންނެވެ.
އެމްޑީޕީން ބުނީ ފަރީޝާއާ ބައްދަލުކުރެއްވުމުގެ ފުރުސަތު ސަރުކާރުން ފާރިސަށް ނުދިނީ ގަސްތުގައި ކަމަށެވެ. އެއީ ރަހުމް ކުޑަ ލާއިންސާނީ އަމަލެއްގެ ގޮތުގައި ސިފަކޮށް، ސަރުކާރުގެ ހުރިހާ މުއައްސަސާތައް އެ މައްސަލާގައި ލަދުގަންނަން ޖެހޭނެ ކަމަށް އެ ޕާޓީން ބުންޏެވެ.
"މިފަދަ ރަހުމް ކުޑަ ލާއިންސާނީ އަނިޔާ ދިނުމަކީ އެއްވެސް ފަރާތަކުން އެއްވެސް މީހެއްގެ މައްޗަށް ހިންގައިގެންވާނޭ އަމަލެއް ނޫނެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ބުނި ގޮތުގައި ސަރުކާރުން ހިންގި ނާތަހުޒީބު މި އަމަލުން ދައްކައިދެނީ، ސަރުކާރު ހިންގަވަން ތިއްބެވި ބޭފުޅުންގެ ކިބައިގައި އޯގާތެރިކަމާއި އިހްސާތެރިކަމާއި ހަމްދަރުދީވުން ފަދަ އިސްލާމް ދީނުގެ މަތިވެރި ސިފަތައް ނެތް ކަމެވެ. އަދި އެއީ، ސިޔާސީ ވާދަވެރިކަން އަނިޔާވެރި ކަމަށް ބަދަލުކޮށް ނަފްރަތާއި ރުޅިވެރިކަން އިސް ކުރާ ނާތަހުޒީބު ބައެއް ކަން ވެސް ސާފުވާ ކަމަށް އެމްޑީޕީން ބުންޏެވެ.
ފާރިސް ބޭރަށް ވަޑައިގަންނަވަން އުޅުއްވަނީ ފިއްލަވަން ކަމުގެ ތުހުމަތު ހޯމް މިނިސްޓްރީން ކުރުމުން، އެކަން ދޮގު ކުރައްވައި އޭނާގެ ހަމައެކަނި ބޭނުމަކީ ބޮޑުދައިތަ ދެކިލުން ކަމަށް ވިދާޅުވެ ތަކުރާރުކޮށް ސަރުކާރުގައި އާދޭސް ދެންނެވި އެވެ. އެކަމަކު ވެސް ސަރުކާރުގެ ވިސްނުން ބަދަލެއް ނުކުރި އެވެ.