އާ ކޮންޓްރެކްޓާ އެކު ވެންގާގެ އަމާޒު ލީގަށް
އާ ކޮންޓްރެކްޓާ އެކު ވެންގާގެ އަމާޒު ލީގަށް

ލަންޑަން (ޖޫން 1) – ސްކޮޑް އިތުރަށް ވަރުގަދަކޮށް އަންނަ ސީޒަނުގެ ޕްރިމިއާ ލީގުގެ ތަށްޓަށް ވާދަކުރާނެ ކަމަށް އާސެނަލްގެ ކޯޗުގެ މަގާމުގައި އިތުރު ދެ ސީޒަން މަޑުކުރަން އިއްޔެ ކޮންޓްރެކްޓުގައި ސޮއިކުރި އާސެން ވެންގާ ބުނެފި އެވެ.

ވެންގާ ބޭރުކުރުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ގޮވާލާފައިވަނިކޮށް އަދި 20 އަހަރު ތެރޭ ގަދަ ހަތަރަކުން އަލަށް ޖާގަ ގެއްލުނު ނަމަވެސް އާސެނަލްގެ ބޯޑުން ވަނީ އޭނާ އަށް އިތުރު ދެ އަހަރު ދޭން ނިންމައިފަ އެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ ބެލެވޭ ގޮތުގައި ލީގު ޗެމްޕިއަން ޗެލްސީ އަތުން މޮޅުވެ އެފްއޭ ކަޕް ކާމިޔާބުކުރުމެވެ.

"މި ކްލަބް ދެކެ އަހަރެން ލޯބިވޭ، އަހަރެން ކުރިމަގަށް މި އިންތިޒާރުކުރަނީ އުއްމީދާއި އުފާވެރިކަމާ އެކު،" އާސެނަލަށް 1996 ވަނަ އަހަރުން ފެށިގެން ކޯޗުކޮށްދެމުން އަންނަ ވެންގާ ބުންޏެވެ.

އާސެނަލުން އާ ކުޅުންތެރިން ގެނައުމަށް މަދުވެގެން 100 މިލިއަން ޕައުންޑް ހޭދަކުރާނެ ކަމަށް ބެލެވެ އެވެ.

"މިހާރު ވެސް އޮތީ ވަރުގަދަ ކުޅުންތެރިންގެ ގްރޫޕެއް. އިތުރު ކުޅުންތެރިންނާ އެކު އިތުރަށް ކާމިޔާބު ހޯދޭނެ. އަހަރެމެން މިތިބީ ލީގުގައި ވަރުގަދަ ޗެލެންޖެއް ދޭން އަޒުމްކަނޑައަޅައިގެން. ހޫނުމޫސުމުގައި (ޓްރާންސްފާގައި) އަދި އަންނަ ސީޒަނުގައި އަހަރެމެންގެ އަމާޒަކަށްވާނީ އެކަން،" ވެންގާ ބުންޏެވެ.

ކްލަބުގެ މެޖޯރިޓީ ހިއްސާދާރު އަދި ވެންގާއާ ގާތްގުޅުމެއް އޮންނަ އެމެރިކާގެ ސްޓެން ކްރޮއެންކޭ ވިދާޅުވީ އާސެނަލްގެ އަމާޒަކީ ވެންގާއާ އެކު ޕްރިމިއާ ލީގާއި ޔޫރަޕުގެ އެހެން ބޮޑެތި މުބާރާތްތައް ކާމިޔާބުކުރުން ކަމަށެވެ.

"އެއީ ސަޕޯޓަރުންނާއި ކުޅުންތެރިންނާއި ސްޓާފުންނާއި ކޯޗު އަދި ބޯޑް މެމްބަރުން އުއްމީދުކުރާ ކާމިޔާބަކީ. އެކަން ކާމިޔާބުނުވަނީސް އަހަރެމެން ހުއްޓާނުލާނަން. ވެންގާ އަކީ އެކަން ހާސިލްކުރަން އަހަރެމެންނަށް އެހީވެދޭނެ އެންމެ ރަނގަޅު މީހާ،" ކްރޮއެންކޭ ވިދާޅުވި އެވެ.