01 ޖޫން 2017 - 11:33

ވޮޝިންޓަން (ޖޫން 1) - ޕެރިހުގައި ގާއިމްކުރި ތިމާވެށި އެއްބަސްވުމުން އެމެރިކާ ވަކިވާން ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވާފައިވާ ކަމަށް ސީނިއާ އޮފިޝަލުންނާ ހަވާލާދީ އެ ގައުމުގެ ބައެއް މީޑިއާތަކުން ބުނެފި އެވެ.
މީގެ ދެ އަހަރު ކުރިން ޕެރިހުގައި ބޭއްވި ސަމިޓުގައި އެކުލަވާލި ޕެރިސް އެގްރީމެންޓަކީ ތިމާވެށި ހިމާޔަތް ކުރުމަށް ދުނިޔޭގެ އެންމެ ގިނަ ގައުމުތައް އެކަތިގަނޑަކަށްވި ފުރަތަމަ އެއްބަސްވުމެވެ. ޕެރިސް އެއްބަސްވުން ތަންފީޒު ކުރަން 55 ގައުމުގެ ސޮއި ބޭނުންވި ނަމަވެސް މި އެއްބަސްވުން ވަނީ 147 ގައުމަކުން ތަސްދީގު ކޮށްފަ އެވެ. ދުނިޔޭގެ ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ 40 ޕަސެންޓް ހިއްސާ ކުރާ އެމެރިކާ އާއި ޗައިނާ އިން ވެސް ވަނީ ޕެރިސް އެއްބަސްވުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ތަސްދީގުކޮށްފަ އެވެ. ޕެރިސް އެއްބަސްވުމަށް ނޮވެމްބަރު މަހު ވަނީ އަމަލު ކުރަން ފަށައިފަ އެވެ.
ޓްރަމްޕް ކުރިން ވިދާޅުވެފައި ވަނީ ޕެރިސް އެއްބަސްވުމަކީ ޗައިނާގެ ރޭވުމަކުން ކޮށްފައިވާ ވަރަށް ބޮޑު ހީލަތްތެރި ރޭވުމެއް ކަމަށެވެ. މިދިޔަ އަހަރުގެ އިންތިޚާބުގެ ތެރޭގައި ވެސް ޓްރަމްޕް ވަނީ ޕެރިސް އެއްބަސްވުން ބާތިލް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެއީ އެމެރިކާގެ ވިޔަފާރި އަށް ގެއްލުންވާ އެއްބަސްވުމެއް ކަމަށް ވެސް ވިދާޅުވި އެވެ.
ޕެރިސް އެއްބަސްވުމާ މެދު ނިންމަވާ ގޮތެއް މިއަދު އިއުލާން ކުރައްވާނެ ކަމަށް ޓްރަމްޕް ވަނީ ޓްވީޓް ކުރައްވައިފަ އެވެ.
ޕެރިސް އެއްބަސްވުމާ މެދު އެމެރިކާ އިން މިއަދު ގޮތެއް ނިންމާ އިރު ދާދި ފަހުން ބޭއްވި ޖީ7 ސަމިޓުގައި ވެސް ވަނީ އެމެރިކާ އާއި އެހެން ގައުމުތަކާ މެދު އެއްބަސްވުމަކަށް އައުމަށް ދަތިވެފަ އެވެ. އެ ސަމިޓަށް ފަހު ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް ވިދާޅުވެފައި ވަނީ ޕެރިސް އެއްބަސްވުމުގައި އެމެރިކާ ދެމި އޮންނާނެކަން ނުވަތަ ނޫންކަމުގެ އިޝާރާތެއް އަދި ނެތް ކަމަށެވެ.
ދުނިޔޭގެ މޫސުމަށް ބަދަލު އައުމުގެ މައިގަނޑު ސަބަބަކީ ޖައްވަށް ދޫކުރާ ވިހަ ގޭހެވެ. ޕެރިސް އެއްބަސްވުމުގައި ގައުމުތަކުން އެއްބަސްވެފައި ވަނީ ދުނިޔޭގެ އެވްރެޖް ހޫނުމިން ދެ ޑިގްރީ ސެލްސިއަސް އަށް ވުރެ މަތި ނުވެ ހިފެހެއްޓުމަށެވެ.