ކުރުވާހަކަ: މެހެރީން
ކުރުވާހަކަ: މެހެރީން

އޮފީސް މަސައްކަތެއްގައި ލާމު އަތޮޅަށް ދިޔަ ދަތުރެކެވެ. އަހަންނާއި އަހަރެންގެ ބައިވެރިޔާ ޖާވިދުގެ ހުރުން ހަމަޖެހިފައި އޮތީ އަލަށް މީހުން އާބާދުވަމުން އައި ސަރަހައްދުގައި ހުރި ގެއެއްގައެވެ. ފަސް ވަރަކަށް މިނިޓް ހިނގާލާއިރަށް ނިކުމެވެނީ އަތިރިމައްޗަށެވެ. ގޭގެ ފުރަގަހުން އޮންނަނީ ވަލެކެވެ. ޖާވިދުގެ ކަމަކަށް އޮންނަނީ ފޮޓޯ ނެގުމެވެ. ޤުދުރަތީ މަންޒަރުތައް ކެމެރާގައި ރައްކާ ކުރުމަށް އޭނަ ނުހަނު ޝައުޤުވެރިވެއެވެ.

މަސައްކަތް ނިންމާފައި ތަންކޮޅެއް ދަންވަރު ގެއަށް އާދެވުނު ރެއެކެވެ. އަހަރެން ހުރީ ނިދި އައިސްފައެވެ. ޖާވިދު ޖައްސައިލީ ސޯފާގައެވެ. ނިދަން އޮއްވާ ބޭރު ދޮރު ހުޅުވިފައި ލެއްޕުނު އަޑު އިވުނެވެ. ޖާވިދު ކޮބައިތޯ ނުބަލައެއް އަހަރެންނަކަށް ނޯވެވުނެވެ. ރަޖާ އެއްފަރާތް ކޮށްލައިފައި އެނދުން ފައިބައިގެން ނިކުތްއިރު ފެންޑާ އޮތީ ހުހަށެވެ. ވަށައިގެން ހޯދައިލި ވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ ސޯފާމަތީ ޖާވިދު ބާއްވާފައި ދިޔަ ކެމެރާއެވެ. ޖާވިދަށް ވީގޮތެއް ނުބަލައި އޭނާ ނާންނަނީސް ނިދަން ވަންނަ ހިތެއް ނުވިއެވެ. ގުޅިއިރު ނަންބަރު ބިޒީއެވެ. އަހަރެން މެސެޖެއް ކޮށްފައި ކެމެރާ ނަގައިގެން އިށީނދެލީމެވެ. ވަގުތު ކުރުކޮށްލަން ފޮޓޯއަކަށްފަހު ފޮޓޯއެއް ބަލަމުން ދަނިކޮށް އިނގިލިތައް ހުއްޓުނެވެ. ސްކްރީނުން ފެންނަން ހުރީ ގޮނޑުދޮށުގައި ހުއްޓި ހުރި އަންހެން ކުއްޖެކެވެ. ފުރަތަމަ ވެސް ފާހަގަވީ ރީތި ރީތި ދެލޮލެވެ. ފިނިފެންމާ ކުލައިގެ ތުންފަތެކެވެ. އެންމެ ހެއުވަރުގެ އިސްކޮޅާއި ލޫޅާފަތި ހަށިގަނޑެކެވެ. ދޫކޮށްލާއިފައި އޮތް ފަންފަން އިސްތަށިގަނޑެވެ.

އަހަރެން ފޮޓޯއަށް ބަލަން އިންދާ ޖާވިދު މެސެޖަށް ޖަވާބު ފޮނުވީއެވެ. އޭނާ ހުރީ މަގުމަތީގައި ރައްޓެއްސަކާ ވާހަކަދައްކާށެވެ. އަހަރެން ހިތްހަމަޖެހުނެވެ. ކެމެރާ ބާއްވާފައި އަނެއްކާވެސް ނިދަން ކޮޓަރިއަށް ވަނީމެވެ. އެރޭ ހުވަފެނުން ވެސް ފެނުނީ އެ އަންހެންކުއްޖާއެވެ. ފަތިސް ނަމާދަށް ތެދުވެފައި އަލުން ނުނިދަންވެގެން ދިޔައީ ކޮފީއެއް ބޯށެވެ. ޖާވިދުގެ ކޮޓަރި ހުރީ ލައްޕައިފައެވެ. ސޯފާމަތި ބެލިއިރު ކެމެރާ ފެންނާކަށް ނެތެވެ. އަހަރެން ހުރީ ޖާވިދު ފެނުނުލެއް ލަސްވެފައެވެ. ހަމަ ފެނުނުއިރަށް އަންހެންކުއްޖާގެ ވާހަކަ އަހައިފީމެވެ.

"އޭ މަށަކަށް ވެސް ނޭނގެ ކާކުކަމެއް. އިއްޔެ މާ ހެނދުނަކާ ހޭލެވިގެން ސަންރައިސް ނަގަން ދިޔަތަނާ ފެނުނު މަންޖެއެއް،" ޖާވިދު އޮޅުންފިލުވައިދިނެވެ. ލޯ އުނގުޅަމުން ޖާވިދު ވަދެގެން ދިޔައީ ބަދިގެއަށެވެ. އޭނާ އެނބުރި އަންނަމުން ކޮޓަރިއަށް ވަދެ ކެމެރާ ގެނައެވެ.

"ސަޅި ދޯ. ސެޓު ކުރަންވީނު." ޖާވިދު ފޮޓޯގަނޑަށް ފުންކޮށް ބަލާލައިފައި ހިޔާލުދިނެވެ. އަހަރެން ވަކި އެއްޗެއް ނުބުނަމެވެ. އެކަމަކު ހިތް އެކަމަށް އެއްބަސްވިއެވެ.

ހެނދުނު ނާސްތާ ކޮށްގެން ފެށި މަސައްކަތް މެންދުރު ފަހާއި ހަމައަށް ދިގު ލައިގެން ދިޔައެވެ. ނިކުމެވުނުއިރު ބަނޑުހައިކަން ވަނީ އޭގެ އިންތިހާއަށް ގޮއްސައެވެ. ކޮނޑުގައި އޮތް ދަބަހާއެކު އެންމެ ކައިރީން ފެނުނު ރެސްޓޯރެންޓަށް ވަދެއްޖައީމެވެ. ޖާވިދު މެނޫ ބަލާކަށް ވަގުތު ބޭކާރެއް ނުކުރެއެވެ. ވޭޓަރަކު އައިސް ކައިރިވިހާއިރުން ދެމީހުންނަށް ކިވީ ޖޫހާއި އާންމުކޮށް ލިބެން ހުންނަ ދެތިން ވައްތަރެއްގެ ކާއެއްޗެއްސަށް އެދެފިއެވެ.

"އޭ ފަހަތް ބަލާބަލަ!" އިރުކޮޅެއްފަހުން ޖާވިދު އަހަރެންނަށް ގޮވިއެވެ. އަހަރެން އިނީ ފޯނަށް އައި މެސެޖަކަށް ޖަވާބު ލިޔާށެވެ. ފޯނު ތިރިކޮށްލައިފައި އަހަރެން އެނބުރި ބަލައިލީމެވެ. ވަގުތުން މެއަށް ފިނިވިއެވެ. އަހަރެމެން ތިބި މޭޒާ ޖެހިގެން ހުރި މޭޒުގައި އެއްކަލަ އަންހެންކުއްޖާ އެކަނިމާއެކަނި އެބަ އިނެވެ.

"ދޭބަލަ ވާހަކަދައްކަން!" ޖާވިދު ހިޔާލު ދިނެވެ. "އޭނަ އެއިނީ މީހެއްގެ އިންތިޒާރުގައި ކަމަށްވެއްޖެއްޔާ؟"

އަހަރެން ކުޑަކޮށް ފަސްޖެހުނެވެ.

"މިހާރު އެއިނީ އެކަންޏެއްނު." ޖާވިދު ދެއްކީ އަނެއްކޮޅެވެ.

އަހަރެން އޭނައަށް އެއްލޯ މަރައިލާފައި ތެދުވެގެން ދެތިން ފިޔަވަޅެއް އަޅާލިއިރު ހުރެވުނީ އަންހެންކުއްޖާ އިން މޭޒު ކައިރީގައެވެ.

"ހެލޯ!" އަހަރެން ވާހަކަދެއްކި އަޑަށް އަންހެންކުއްޖާ އިސްއުފުލައިލިއެވެ. ހަތަރުކަޅި ހަމަވި ވަގުތު ހީވީ ލޮލަށް ތީރެއް ފޮނުވައިލި ހެންނެވެ. ކޮންފަދަ ތޫނުކަމެއް ހެއްޔެވެ؟

"މިތާ އިށީނދެލިއަސް އެންމެ ރަނގަޅުތަ؟ ވާހަކައެއް ބުނަންވެގެން." އަންހެންކުއްޖާ ބަލަން އިނުމުން އަހަރެން އަނެއްކާވެސް ވާހަކަދެއްކީމެވެ. ހީކުރިވަރަށްވުރެ ފަސޭހައިން ބޯ ޖަހައިލިއެވެ. އަހަރެން ބެލީ އެއީ ހެޔޮ ފާލެއް ކަމުގައެވެ. އަހަރެން އިށީންއިރު ޖާވިދު ހިނިއައިސްފައި އިންދާ ފެނުނެވެ.

"އަހަރެންނަށް ކިޔަނީ ޒިޔާން." އަހަރެން ތައާރަފް ދިނުމުން އަންހެންކުއްޖާ ހިނިތުންވެލިއެވެ. "މެހެރީން." އޭނާ އޮޅުންފިލުވައިދިނެވެ.

"މިތަނަށް އައިސް ތިއިނީ އެކަނިތަ؟" އަހަރެން ފެށީ ދުރުންނެވެ. މެހެރީން އަނެއްކާވެސް ބޯޖަހައިލިއެވެ.

"މެހެރީންނަށް އަހަރެން މިފެނުނީ އަލަށް ކަމަށް ވެދާނެ. އެކަމަކު އަހަރެންނަށް މެހެރީން ކުރިން ފެނިއްޖެ." އަހަރެން އެވާހަކަ ބުނުމުން މެހެރީން ޝައުޤުވެރިވެފައި ބުމަ އުފުލައިލިއެވެ. އަހަންނަށް އޭނަ ފެނުނު ތަނެއް އޮޅުންފިލުވަން ބޭނުންވެފައިންކަން އަންގައިދިނެވެ.

"ކޮންމެ ދުވަހަކު އިރުއަރާ މަންޒަރު ބަލަން ދަންތަ؟" އަހަރެން ސުވާލުކޮށްލުމުން މެހެރީން ހީލިއެވެ.

"ކޮންމެ ދުވަހަކު ނޫން. އެކަމަކު ޤުދުރަތީ މަންޒަރުތަކަށް ވަރަށް ޝައުޤުވެރި ވޭ." މެދަކާ ހަމައަށް ދިޔަ ޖޫސްތަށި އެއްފަރާތަކަށް ޖައްސާލަމުން މެހެރީން ކިޔައިދިނެވެ.

"އަހަރެންވެސް ޤުދުރަތީ މަންޒަރުތައް ފޮޓޯ ނަގަން. އިއްތިފާޤެއް ދޯ." އަހަރެން ދޮގު ހެދީ މެހެރީންގެ ޝައުޤުވެރިކަން ދެމެހެއްޓުމަށެވެ. އެކަން ކާމިޔާބު ވި ކަމުގެ ފެހި ސިގްނަލް ލިބުނެވެ. ގަޑި ބަލާލައިފައި މެހެރީން ދާންވެއްޖެ ކަމުގައި ބުނުމުން އަހަރެން އެދުނީ ނަންބަރު ދިނުމަށެވެ. އޭނަ އަހަރެންނަށް މިސްކޯލެއް ދީފައި ނިކުތެވެ.

ހަވީރު ހުސް ވަގުތު ލިބުމުން އަހަރެން ގުޅީ މެހެރީންއަށެވެ. ފޯނުން އިވޭއިރު އެއަޑު އަދި މާ ލޯތްބެވެ. އެތައް އިރެއް ވަންދެން ވާހަކަދެއްކުމަށްފަހު ފޯނު ބޭއްވީ އެރޭ ރެސްޓޯރެންޓަކުން ބައްދަލުކުރަން ގަޑި ކިޔައިފައެވެ. ކާނާއަށްވުރެ އަހަރެންގެ ހައިކަން ގުޅިފައި ހުރީ މެހެރީންނާއެވެ. ބައްދަލު ކުރަން ކެތްމަދުވެފައި ހުރީ ހަމައެކަނި އަހަރެން ނޫންކަން ސާބިތުވިއެވެ. އަހަރެން ދިހަ މިނިޓް ކުރިން ދިޔައިރު މެހެރީން އިނީ އަހަރެންގެ އިންތިޒާރުގައެވެ.

ދެކެވުނު ވާހަކަތަކު ތެރޭގައި އަހަރެންގެ އަތުގައި ހުރި ފޮޓޯތައް ބެލުމުގެ ޝައުޤުވެރިކަން މެހެރީން ފައުޅުކުރިއެވެ. ރެސްޓޯރެންޓުން ނިކުމެފައި އަހަރުމެން އައީ ގެއަށެވެ. އޭގެ ކުރިން އަހަރެން ޖާވިދުއަށް މެސެޖްކޮށްފައި އެވާހަކަ ބުނީމެވެ. ޖާވިދުގެ ކެމެރާ އާއި އޭނަގެ ލެޕްޓޮޕް ހުރީ އަހަރެން ނިދާ ކޮޓަރިއަށް ލައިފައެވެ. ޕާސްވޯޑް އަހަރެންނަށް އެނގެއެވެ. މެހެރީން ސިޓިންރޫމްގައި ބައިންދާފައި އައިސް ލެޕްޓޮޕުން ފޮޓޯތައް ހޯދަން އިންދާ އިރުކޮޅެއް ފަހުން އައިސް ކޮޓަރިއަށް ވަނެވެ. އޭނަ އިށީނދެލީ ކިރިޔާ ހަރަކާތެއް ކޮށްލިއަސް ބީހޭ ހިސާބުގައެވެ. އަހަރެންނަށް ބަލައިލެވުނުއިރު މެހެރީން ބަލަން އިނީ އަހަރެންގެ މޫނަށެވެ. އިސް ނެގުނީ ކާކަށް ކަމެއް ނޭނގުނެވެ. އެނގޭހާވެސް އެއްޗަކީ އަހަރުމެން ދެމީހުން ވެސް ތިބީ އެކަކު އަނެކަކަށް ބޭނުންވެފައި ކަމެވެ.

އުފާވެރި އެއް ހަފުތާ މެހެރީންއާއެކު ހޭދަވެގެން ދިޔައީ ލޯމަރާފައި ހުޅުވައިލާހާ އަވަހަށެވެ. ދެން އައީ ފުރަން އޮތް ދުވަހެވެ. ވަގުތު ކުޑަތަންވެފައި ވަނިކޮށް މެހެރީން އަހަރެންނާއި ބައްދަލު ކުރީ ކަރުނުން ފުރިފައިވާ ލޮލަކާއިގެންނެވެ. ފްލައިޓަށް އަރަން އަހަރެން ދިޔައިރު އޭނާ އެދުނީ ދެވުނުހާ އަވަހަކަށް އެންގުމަށެވެ. އަހަރެން ވަޢުދުވީމެވެ. މެހެރީން ގެނެސް އެނިތުގައި ތުންފަތް ބީއްސާލުމަށްފަހު ދުރަށް ހިނގައިގަތީމެވެ.

މާލެ ދެވުނުއިރު ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. ޓެކްސީއެއް ނަގައިގެން ގޮސް ގޭ ދޮރުމައްޗަށް އަރާ ހުރެގެން ފޯނު ހުޅުވީމެވެ. ބެލް ޖަހާފައި މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެތެރެއިން ހިނގާ އަޑު އިވުނެވެ. މެހެރީން ގުޅަން ފެށީ އަހަރެން ފޯނު ހުޅުވިކަން އެނގިގެންނެވެ. ސްކްރީނަށް ބަލަން ހުއްޓާ ތަޅުގައި ހިފި އަޑު އިވުނެވެ. އަހަރެން ފޯނު ނިއްވާލުމަށްފަހު ކޮށްޕައިލީ ފަޓްލޫނު ޖީބަށެވެ. އިސްއުފުލައިލަން ވާއިރަށް ރާޝިދާ ދޮރު ހުޅުވިއެވެ. އަނބިމީހާއާއި އަނގައިން ނުބުނެވިގެން އުޅެނިކޮށް ކުޑަކުޑަ ދެއަތަކުން ދެފައި ވަށައިލިއެވެ.

"ޑެޑީ އައީޔޯ." ލިމްޝާގެ ތުއްތު އަޑުން އަހަރެންގެ ތުންފަތަށް ހިނިތުންވުން ގެނައެވެ. ދަރިފުޅު ނަގާ އުރައިލުމަށްފަހު ހުސްކޮށް އޮތް އަތުން ރާޝިދާ ގެނެސް ކައިރިކޮށްލައިގެން ހުރެ އަހަރެން ވަނީ އަހަރެންގެ އަމިއްލަ ގެއަށެވެ. މެހެރީންގެ ސަފްހާ ހަޔާތުގެ ފޮތުން ވަކިކޮށްލާ އެއްލާލުމަށްފަހު ގައެވެ. ވަކިން އުޅެން ޖެހޭފަދަ ހާލަތެއް އައުމާ ހަމައަށް އަނެއްކާވެސް އަހަރެން ވާނީ އަހަރެންގެ އަނބިމީހާ އެދޭފަދަ ފުރިހަމަ ފިރިއަކަށެވެ. ދަރިފުޅުދެކެ ލޯބިވާ ބައްޕައަކަށެވެ. -- ނިމުނީ --