31 މެއި 2017 - 21:25

އެމްޑީޕީއަށް މިދިޔަ އަހަރު 10 މިލިއަން ރުފިޔާ ލިބުނު ކަމަށާއި އޭގެ ތެރެއިން ކައުންސިލް އިންތިހާބަށް 2.3 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީން އާއްމުކުރި މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެ ޕާޓީއަށް މިދިޔަ އަހަރު ދައުލަތުން ދިން 7.3 މިލިއަން ރުފިޔާގެ އިތުރުން އެހީގެ ގޮތުގައި ޕާޓީގެ މެމްބަރުންނާއި ހެޔޮ އެދޭ ފަރާތްތަކުން 2.7 މިލިއަން ދީފައިވެ އެވެ.
އެމްޑީޕީ ފިޔަވައި އެހެން އެއްވެސް ޕާޓީއަކުން، ލިބޭ ފައިސާ އާއި ހަރަދުކުރާ ގޮތުގެ ތަފުސީލެއް އާއްމުނުކުރެ އެވެ. އެކަަމަކު ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން ކޮންމެ އަހަރެއްގެ މާލީ ހިސާބުތައް ހުރިހާ ޕާޓީއަކުން އާއްމުކުރަން ޖެހެ އެވެ.
އެ ޕާޓީން ބުނީ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ތައްޔާރުކޮށްފައި ވަނީ ބައިނަލްއަގުވާމީ އޮޑިޓް ފާމެއް ކަމަށްވާ އާނަސްޓް އެންޑް ޔަންގް އިން ކަމަށެވެ.
އެމްޑީޕީގެ އަހަރީ ހިސާބު ތައް އޮޑިޓްކުރުމަށް ފަހު އޮޓިޑަރު ދެއްވާފައިވާ ރައުޔުގައި ވަނީ މިދިޔަ އަހަރު އެ ޕާޓީގެ ހިސާބުތައް ބެލެހެއްޓުމުގައި ބައިނަލްއަގުވާމީ އެކައުންޓިން މިންގަނޑުތައް ހިފަހައްޓާވާކަމަށެވެ. އަދި އެ ހިސާބުތަކުން ޕާޓީގެ މާލީ ހާލަތު ރަނގަޅަށް ބުނެދޭ ކަމަށް ވެސް އެ ރައުޔުގައި ބުނެފައިވެ އެވެ.
އެމްޑީޕީން މިދިޔަ އަހަރު އެންމެ ބޮޑު ހަރަދެއް ލޯކަލް ކައުންސިލް އިންތިޚާބްގެ ހަރަކާތްތަކަށް ހޭދަކުރިއިރު ދެން އެންމެ ބޮޑު ހަރަދެއްކޮށްފައި ވަނީ މުވައްޒަފުންގެ މުސާރަ އާއި އިމާރާތުގެ ކުއްޔަށެވެ. އެގޮތުން މުސާރައާއި އިމާރާތުގެ ކުލީގެ ގޮތުގައި 2.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
އެ ޕާޓީން ބުނީ މިދިޔަ އަހަރުގެ މާލީ ހިސާބުތައް މިހާރު އިލެކްޝަން ކޮމިޝަނަށާއި އޮޑިޓް އޮފީހަށް ވެސް ހުށައަޅާފައިވާ ކަމަށެވެ.