31 މެއި 2017 - 17:51

ކެރަލާ (މެއި 31) - ގެރި ކަތިލުމަކީ މަނާކަމެއް ކަމަށް އިންޑިއާ ސަރުކާރުން ނިންމި ނިންމުމާ ބައެއް ސްޓޭޓްތަކުން ދެކޮޅު ހަދަން ފަށައިފި އެވެ.
އިރުމަތީގެ ވެސްޓް ބެންގާލް އާއި ދެކުނުގެ ކެރަލާ ސްޓޭޓުން ވަނީ ގެރި ކަތިލުން މަނާކުރާ އަމުރާ އެއްގޮތަށް އަމަލު ނުކުރާނެ ކަމަށް ބުނެފަ އެވެ. އެ ދެ ސްޓޭޓުގެ ކެއުންތަކުގައި އާއްމު ގޮތެއްގައި ގެރި މަސް ބޭނުން ކުރެ އެވެ. ކެރެލާގެ ޗީފް މިނިސްޓަރު ވަނީ ބީޖޭޕީގެ ވެރިކަން ނެތް ސްޓޭޓްތަކުން ގެރި ކަތިލުން މަނާކުރާ އަމުރާ ދެކޮޅު ހެދުމަށް ގޮވާލައިފަ އެވެ. އަދި ގެރި މަސް ކެއުން މަނާކުރުމަކީ މީހުންގެ އަމިއްލަ މިނިވަން ކަމަށް ހުރަސް އެޅުން ކަމަށާއި އެއީ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.
އިންޑިއާ ސަރުކާރުން ބުނެފައި ވަނީ ގެރިކަތިލުން މަނާކުރީ ޖަނަވާރުގެ ވިޔަފާރި ހަމައަކަށް އަޅުވަން ކަމަށެވެ. ނަމަވެސް މިއީ ގެރި ކަތިލުން މަނާކުރަން ކުރި ކަމެއް ކަމަށް އެކްޓިވިސްޓުން ބުނެ އެވެ. އިންޑިއާގެ އަޣުލަބިއްޔަތު އޮންނަ ހިންދޫން ދެކެނީ ގެރިއަކީ ވަރަށް މާތް ޖަނަވާރެއް ކަމަށެވެ.
ގެރިކަތިލުން މަނާކުރުމާ ދެކޮޅު ހަދާ ސްޓޭޓްތަކުގެ ތެރޭގައި ދެކުނުގެ ކަރްނާޓަކާ އާއި ޓެލެންގާނާ، އިރު އުތުރުގެ މެގަލަޔާ ހިމެނެ އެވެ. އަދި ޕޮންޑިޗަރީން ވެސް ވަނީ ގެރި ކަތިލުން މަނާކުރާ އަމުރާ ދެކޮޅު ހަދަން ރަސްމީކޮށް ނިންމައިފަ އެވެ.
ހިންދޫންގެ ބީޖޭޕީ 2014 ވަނަ އަހަރު ވެރިކަމަށް އައި ފަހުން ގެރި ކަތިލުން މަނާކުރަން ކުރަމުންދާ މަސައްކަތަށް ވަރަށް ގިނަ ސްޓޭޓްތަކުން ދަނީ ތަބާވަމުންނެވެ. ހުޅަނގުގެ ގުޖުރާތު ސްޓޭޓުން މާޗު މަހު ވަނީ ގެރި ކަތިލުމަކީ އުމުރަށް ޖަލަށްލާވަރުގެ ކުށެއް ކަމަށް ފާސްކޮށްފަ އެވެ.