ރޭ ހިނގި އެކްސިޑެންޓާ ގުޅޭ ތަހުގީގެއް ޓްރާންސްޕޯޓް އޮތޯރިޓީން ފަށައިފި
ރޭ ހިނގި އެކްސިޑެންޓާ ގުޅޭ ތަހުގީގެއް ޓްރާންސްޕޯޓް އޮތޯރިޓީން ފަށައިފި

ރީތި ރަށް ރިސޯޓު ކައިރީގައި އަޅާފައި އޮތް ކަންނެލި ދޯންޏެއްގައި، ސަމާ އައިލެންޑް ރިސޯޓުގެ ލޯންޗެއް ޖެހި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅޭ ތަހުގީގެއް ޓްރާންސްޕޯޓް އޮތޯރިޓީން ފަށައިފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޑިރެކްޓަރު ޖެނެރަލް އަބްދުއް ނާސިރު މިއަދު ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓް މެރިން ޕޮލިހުގެ އިތުރުން އެ އޮތޯރިޓީން ވެސް ތަހުގީގެއް ފަށާފައިވާ ކަމަށެވެ.

"މި ތަހުގީގުތައް ނިމުމުން އެއްވެސް ފަރާތަކާ މެދު ފިޔަވަޅު އަޅަން ޖެހޭ ނަމަ އެކަމަށް ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ޓްރާންސްޕޯޓް އޮތޯރިޓީން އަޅާނަން. އަދި ފާއިތުވި ތަނުގައި ވެސް އެފަދަ ހާދިސާތަކުގައި އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅިފައި ވަނީ،" އޭނާ ވިދާޅުވި އެވެ.

އަބްދުއްނާސިރު ވިދާޅުވީ އުޅަނދުފަހަރު ދުއްވާ މީހުންގެ އިހުމާލުގެ ސަބަބުން އެތައް ބަޔަކަށް ބޮޑެތި އަނިޔާ ލިބި އަދި ބައެއް ފަހަރު އެތައް ބައެއްގެ ފުރާނަ ގެއްލިދާ ފަދަ ކަންތައްތައް މެދުވެރިވާ ކަމަށެވެ. އެހެންކަމުން ހުރިހާ އެންމެ ވެސް ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ މެދު އިތުރަށް ސަމާލުކަން ދިނުމަށް އޭނާ ގޮވާލެއްވި އެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްއެންޑީއެފްގެ ކޯސްޓް ގާޑްގެ ކޮމާންޑަ، ކާނަލް މުހައްމަދު އިބްރާހިމް (އެމްއައި) ވިދާޅުވީ ކަނޑުމަތީގެ ގިނަ ހާދިސާތައް ހިނގާފައި ވަނީ ފަރުވާ ކުޑަވެގެން ކަމަށެވެ. އެ ގޮތުން މި އަހަރުގެ މިހާތަނަށް 196 ހާދިސާ ކޯސްޓް ގާޑަށް ރިޕޯޓްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރޭގެ އެކްސިޑެންޓުގައި އަނިޔާވެގެން 14 މީހަކު ހޮސްޕިޓަލަށް ގެންދިޔަ އެވެ. އެކަމަކު އޭގެ ތެރެއިން މިހާރު ހޮސްޕިޓަލުގައި ތިބީ ހަތް މީހަކު ކަމަށް އޭޑީކޭ އިން ބުންޏެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ސަމާ އައިލެންޑް ރިސޯޓްގެ ލޯންޗް ގޮސް ޖެހުނު ދޯނީގެ ލައިޓްތައް ހުރީ ނިއްވާލައިފަ އެވެ. އެހެންވެ، ރީތި ރަށް ރިސޯޓް ކައިރީގައި އަޅާފައި އޮތް އެ ދޯނި، ލޯންޗުގެ ކެޕްޓަނަށް ނުފެނުމުގެ ސަބަބުން ގޮސް އޭގައި ޖެހި އެކްސިޑެންޓް ހިނގީ ކަމަށް ކޯސްޓް ގާޑުން ބުންޏެވެ.