31 މެއި 2017 - 15:41

ނިއު ދިއްލީ (މެއި 31) - އިންޑިއާގެ އަޔޯދިޔާގައި ހުންނަ 16 ވަނަ ގަރުނުގެ ބާބްރީ މިސްކިތް ތަޅާލި މައްސަލައިގައި ބާރްތިޔާ ޖަނަތާ ޕާޓީ (ބީޖީޕީީ)ގެ އިސް ލީޑަރުންގެ ޝަރީއަތް އިއްޔެ ފަށައިފި އެވެ.
މިސްކިތް ތަޅާލުމުގައި ޖިނާއީ ކުށުގެ ރޭވުންތައް ރާވާފައިވާ ކަމުގެ ތުހުތުގައި ބީޖީޕީީގެ އިސް ލީޑަރުންގެ މައްސަލަ ޚާއްސަ ކޯޓަކުން ބަލަނީ ސްޕްރީމް ކޯޓުގެ އެންގުމަކަށެވެ. އިންޑިއާގެ އެންމެ މަތީ ކޯޓުގެ އެންގުމުގައި ވަނީ ދެ އަހަރު ތެރޭ އެ މައްސަލަ ބަލާ ނިންމުމަށެވެ.
މިސްކިތް ތަޅާލި މައްސަލާގައި ކޯޓަށް ހާޒިރުކޮށްފައި ވަނީ ބީޖޭޕީގެ ކުރީގެ ލީޑަރު ލާލް ކްރިޝްނާ އަދުވާނީ އާއި އެ ޕާޓީގެ ސިޔާސީ ލީޑަރެއް ކަމަށްވާ މުރްލީ މަނޯހަރު ޖޯޝީ އަދި ފެޑެރަލް މިނިސްޓަރު އުމާ ބާރުތި އެވެ.
އަދުވާނީ، 89، އާއި ބީޖޭޕީގެ އެހެން އިސް ލީޑަރުންގެ މައްޗަށް ކުރިން ވެސް ވަނީ 1992 ވަނަ އަހަރު ބާބްރީ މިސްކިތް ތަޅާލުމަށް ހިންދޫންގެ ހަރުކަށި ފަރާތްތަކަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކާފައިވާ ކަމަށް ބުނެ ދައުވާ ކޮށްފަ އެވެ. އެ ޝަރީއަތްތައް ކުރިއަށް ގެންގޮސްފައި ވަނީ ރައެ ބަރެލީގަ އެވެ. ނަމަވެސް ބީޖޭޕީގެ ލީޑަރުންގެ ޝަރީއަތް ދެން ކުރިއަންދާނީ ލަކްނޯގަ އެވެ. މިސްކިތް ތަޅާލުމުގެ ތުހުމަތުގައި 20 މީހެއްގެ މައްޗަށް ވަނީ އެހެން ދައުވާއެއް ވެސް އުފުލައިފަ އެވެ.
ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން އަބަދުވެސް ބުނަމުން ދަނީ މިސްކިތް ތަޅާލީ ރޭވުމަކުން ކަމަށެވެ. ސީބީއައި އިން ބުނެފައި ވަނީ މިސްކިތް ތަޅާލި ދުވަހު، އެ މިސްކިތާ ކައިރީގައި ހުރި ސްޓޭޖެއްގައި ބީޖޭޕީގެ ލީޑަރުން ވަނީ މިސްކިތް ތަޅާލުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކައިފައި ކަމަށެވެ. އަދި މިސްކިތް ތަޅާލި ދުވަހުގެ ކުރީ ރޭ އަދުވާނީ އާއި ބީޖޭޕީގެ އެހެން ލީޑަރުން ބައްދަލުކޮށްފައިވާ ކަމަށް ވެސް ސީބީއައި އިން ބުނެފައިވެ އެވެ. އަދި އެއީ މިސްކިތް ތަޅާލުމުގެ ޕްލޭން ކުރިއަށް ގެންދިއުމުގެ ރޭވުމުގެ ބައްދަލުވުމެއް ކަމަށް ވެސް ބުނެފައިވެ އެވެ.
ބާބްރީ މިސްކިތް ތަޅާލީ އެ މިސްކިތް ހުރި ތަނުގައި ފައްޅިއެއް ހެދުމަށެވެ. ހިންދޫންގެ ގިނަ މީހުން ގަބޫލް ކުރަނީ ބާބްރީ މިސްކިތް ހަދާފައި ވަނީ ލޯޑް ރާމް އުފަންވި ތަނުގައި ކަމަށެވެ. އަދި މޫގަލް އެމްޕަޔާ މިސްކިތް ހެދީ އެ ތަނުގައި ހުރި ފައްޅި ތަޅާލުމަށް ފަހު ކަމަށް ހިންދޫން ބުނެ އެވެ. އެހެންވެ އެ ތަނުގައި ފައްޅިއެއް ހަދަން ހިންދޫން ހިންގި ހަރަކާތުގެ އެންމެ އިސްކޮށް ހުރީ އަދުވާނީ އެވެ. މިސްކިތް ތަޅާލުމާ ގުޅިގެން ހިންދޫންނާއި މުސްލިމުންނާ ދެމެދު އުފެދުނު ހަމަނުޖެހުންތަކުގައި 2،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.