31 މެއި 2017 - 13:46

ކޮލަމްބޯ (މެއި 31) - ފެންބޮޑުވެ ހާލުގައި ޖެހިފައިވާ ސްރީ ލަންކާ އަށް 16 ގައުމަކުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ޚާރިޖީ ވަޒީރު ރަވީ ކަރުނަނަޔަކަ ވިދާޅުވީ ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހުނު 600،000 މީހުންނަށް އެހީވުމަށް އިތުރު ގައުމުތަކުން ވެސް ހުށަހަޅަމުންދާ ކަމަށެވެ.
"ހާލުގައި ޖެހުނު މީހުންނަށް ބޭނުންވާ ބޭހާއި އެނޫން ވެސް ސާމާނު ދަނީ ގައުމުތަކުން ފޯރުކޮށްދެމުން. އަދި އަނެއް ބައި ގައުމުތަކުން ދަނީ މި ވަގުތަށް އެންމެ ބޭނުންވާ އެއްޗެއްސަކީ ކޮބައިތޯ ބަލަމުން. ބައިނަލްއަގުވާމީ ގޮތުން ލިބުނު ތަރުހީބާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ،" ކޮލަމްބޯގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކަރުނަނަޔަކަ ވިދާޅުވި އެވެ.
އެންމެ ބޮޑަށް ހާލުގައި ޖެހުނު ހިސާބުތަކަށް އިންޑިއާ އާއި ޕާކިސްތާނުން ވަނީ މެޑިކަލް ޓީމުތައް ފޮނުވައިފަ އެވެ. މީގެ އިތުރުން އިންޑިއާ އިން ވަނީ ތިން މަނަވަރުގެ ސާމާނު ލަންކާ އަށް ގެންގޮސްފަ އެވެ.
ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނީ މިހާތަނަށް 202 މީހުން މަރުވެފައިވާ ކަމަށެވެ. އަދި 96 މީހުން ވަނީ ގެއްލިފަ އެވެ.
ސަރުކާރުގެ ތަރުޖަމާން އަދި ހެލްތު މިނިސްޓަރު ރަޖީތާ ސެނަރަތުނަ ވިދާޅުވީ ބައެއް ހިސާބުތަކުން ފެންގަނޑު ހިނދެމުންދާ އިރު ފެނުގެ ޒަރީއާ އިން ޖެހޭ ބަލިތައް ފެތުރުމުގެ ނުރައްކާ އެބައޮތް ކަމަށެވެ. އެހެން އެ ހިސާބުތަކަށް އިތުރު މެޑިކަލް ޓީމުތައް ފޮނުވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ލަންކާ އަށް 2003 ވަނަ އަހަރު ކުރި ގަދަ ވިއްސާރައިގައި 250 މީހުން މަރުވެ 10،000 ގެ ވަނީ ހަލާކުވެފަ އެވެ.