31 މެއި 2017 - 13:21

ބާސެލޯނާ (މެއި 31) – ބާސެލޯނާ ދޫކޮށްލުމަށް ފަހު ސްޕެއިނުގެ އެހެން ކްލަބަކަށް ނުކުޅޭނެ ކަމަށާއި އެކަމަކު އެހެން ގައުމެއްގެ ކްލަބަކުން ފެނިދާނެ ކަމުގެ އިޝާރާތެއް އަންދްރޭސް އިނިއެސްޓާ ދީފި އެވެ.
އިނިއެސްޓާގެ ކޮންޓްރެކްޓް އަންނަ ސީޒަނަށް ފަހު ހަމަވާނެ އެވެ. އަނިޔާ އާއި އެހެން މައްސަލަތަކާ ހެދި އޭނާ މި ސީޒަނުގެ ސްޕެނިޝް ލީގުގެ ފުރަތަމަ އެގާރައިގައި ކުޅުނީ 11 މެޗުގަ އެވެ.
"އަހަރެން ބާސެލޯނާގައި ހުރެ ރިޓަޔާނުކުރާނަމަ، އަހަރެން ބާސެލޯނާއާ ދެކޮޅަށް ނުކުޅޭނަން. އެ ކްލަބާ މެދު ހިތުގައިވާ އިހުސާސްތަކުގެ ސަބަބުން އެ ކްލަބާ ދެކޮޅަށް ނުކުޅެވޭނެ. އެކަމަކު އެއީ ހަމައެކަނި ސިކުނޑީގައި އެނބުރޭ ހިޔާލުތަކެއް. ބާސެލޯނާގެ ކޮންޓްރެކްޓް އަހަރެން އާނުކުރަން ޖެހޭ ސަބަބެއް ނެތް،" އިނިއެސްޓާ ބުންޏެވެ.
އިނިއެސްޓާ ބުނީ ކޮންޓްރެކްޓް އާނުކުރާނެ ކަމަށް ބުނެފައިނުވާނެ ކަމަށާއި އެކަމަކު އާ ކުރުމުގެ ކުރިން ކަންތައްތަކެއް ބަލާނެ ކަމަށެވެ.
"އަހަރެންގެ އަޒުމަކީ މި ކްލަބުގައި ހުރެ ކެރިއަރު ނިންމާލުން. އެކަން ބަދަލުވާން ޖެހޭ އެއްވެސް ސަބަބެއް ނެތް. އަހަރެން މިހިރީ ހަމަޖެހިގެން. އަހަރެން ބޭނުންވަނީ ކުޅެން އަދި ތަށިތައް ހޯދަން،" އިނިއެސްޓާ ބުންޏެވެ.
އުމުރުން 33 އަހަރުގެ އިނިއެސްޓާ އަށް އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް ޝައުގުވެރިވެ އެވެ. ބާސެލޯނާ ދޫކޮށް މި ސީޒަނުގައި ޔުވެންޓަސްއާ ގުޅުނު ޑެނީ އަލްވެސް އަންނަނީ އެ ކްލަބުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެ ޓީމުން ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދުމުގައި އަލްވެސްގެ ދައުރު ބޮޑެވެ.
ބާސެލޯނާގެ ސީނިއާ ޓީމަށް 2002 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ އިނިއެސްޓާ ވަނީ އެ ކްލަބާ އެކު ޗެމްޕިއަންސް ލީގު ހަތަރު ފަހަރު އަދި ސްޕެނިޝް ލީގު އަށް ފަހަރު ކާމިޔާބުކޮށްފަ އެވެ. ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރު ވަނީ ސްޕެއިނާ އެކު ވޯލްޑް ކަޕް އެއް ފަހަރު އަދި ޔޫރޯ ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ.