01 ޖޫން 2017 - 07:31

ޝާހްރުކް ޚާން މިހާރު ކުޅެމުން އަންނަ ޑައިރެކްޓަރު އާނަންދު އެލް ރާއީގެ ފިލްމުގެ ސެޓުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓަކުން ވަރަށް ހަނި ގޮތަކަށް އޭނާ ސަލާމަތް ވެއްޖެ އެވެ.
މުމްބާއީ މިރާއިން ބުނި ގޮތުގައި ފިލްމު ސިޓީގައި ތައްޔާރުކޮށްފައިވާ މި ފިލްމުގެ ސެޓުގެ މަތީ ފަންގިފިލާގެ ބޮޑުބައެއް ކުއްލިއަކަށް ވެއްޓުނީ އެވެ. މި ހާދިސާގައި ކުރޫ މެމްބަރުންގެ ދެ މީހަކަށް އަނިޔާވި އެވެ. އެވަގުތު އެތަނުގައި ޝާހްރުކް އިން ނަމަވެސް އޭނާއަށް އިނދެވުނީ ފަންގިފިލާ ވެއްޓުނު ދިމާލާ ތަންކޮޅެއް ދުރުގައި ކަމުން އޭނާއަކަށް ގެއްލުމެއް ނުވެ އެވެ.
ޝާހްރުކަށް އަނިޔާ ނުވިޔަސް އެކްސިޑެންޓާ ގުޅިގެން ފިލްމުގެ ސެޓަށް ބޮޑު ގެއްލުމެއް ލިބިފައިވާތީ ޝޫޓިން ވަނީ ކެންސަލް ކޮށްފަ އެވެ. ދެން ޝޫޓިން ފަށާނީ ދެ ދުވަސް ފަހުން ކަމަށްވެ އެވެ.
ޝާހްރުކް އަކީ ފިލްމު ސެޓުތަކުގައި ވަރަށް ގިނައިން އަނިޔާތައް ލިބޭ މީހެކެވެ. އެގޮތުން 1993 ގައި "ޑަރް" ގެ ޝޫޓިންގް ތެރޭގައި ހިނގި އެކްސިޑެންޓެއްގައި އޭނާގެ މޭ މަތީގެ ކަށިތަކެއްގައި ރެނދުލައި ފައިގެ ކުޑަހުޅަށް އަނިޔާވި އެވެ. އެކަންތައްތައް ރަނގަޅުކުރުމަށް އޭނާ ވަނީ އެކި ފަހަރު މަތިން ވަރަށް ގިނަ ސާޖަރީތައް ހަދަފަ އެވެ. އޭގެ ފަހުން "ޗެންނައި އެކްސްޕްރެސް" އާއި "ރާ.ވަން"ގެ ސެޓުގައި ވެސް ޝާހްރުކަށް ތަފާތު އަނިޔާތައް ލިބި 2016 ގައި ކަކުލުގެ ސާޖަރީއެއް ވެސް ވަނީ ހަދާފަ އެވެ.
އާނަންދް އެލް ރާއީގެ ފިލްމުގައި ޝާހްރުކް ކުޅެނީ ޑްވޯފެއްގެ ބައިކަމުން އެ ފިލްމުގައި އޭނާ ހުންނަ ސިފަ ފެންނަ ފޮޓޯތައް ލީކު ވެދާނެ ފިލްމުގެ ޝޫޓިން އޮންނަ ގަޑިތަކުގައި އެތަން އޮންނަނީ ވަރަށް ބޮޑަށް ގާޑް ކޮށްފަ އެވެ. މި ރޯލު ޝާހްރުކް ކުޅޭނީ ސްޕެޝަލް އިފެކްޓްސް ބޭނުންކޮށްގެންނެވެ.
މި ފިލްމުގައި ޝާހްރުކާ އެކު ބަތަލާގެ ބައި ކުޅޭ އަނުޝްކާ ޝަރުމާ އާއި ކެޓުރީނާ ކައިފް އަދި ޝޫޓިންގައި ބައިވެރިއެއް ނުވެ އެވެ.