01 ޖޫން 2017 - 07:32

ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މިދިޔަ އަންގާރަ ދުވަހު ޖަރުމަނުގެ ބާލިންގައި ބައްދަލުކުރި އިރު ޕްރިޔަންކާ އަޅައިގެން ހުރި ހެދުމަށް ސޯޝަލް މީޑިއާގައި ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ގިނަ ބަޔަކު ފާޑު ކިޔަނީ ޕްރިޔަންކާ ގައުމުގެ ވެރިޔާއާ ބައްދަލުކުރި އިރު ލައިގެން ހުރި ހެދުން މާ ކުރު ކަމުންނެވެ. އަދި މި ބައްދަލުކުރުމުގައި އޭނާ އެއް ފައި މައްޗަށް އަނެއް ފައި ލައިގެން އިނުމުން ވެސް ފާޑުކިޔުން އަމާޒުވި އެވެ.
ބައެއް މީހުން ބުނެފައި ވަނީ ޕްރިޔަންކާ ވަރަށް "ލަދު ނުގަންނަ" ކަމަށެވެ. އިންޑިއާގެ ލީޑަރުގެ އިތުރުން މޯދީ އަކީ ޕްރިޔަންކާ އަށް ވުރެ އުމުރުން މާ ދޮށީ ބޭފުޅަކަށް ވާތީ ވެސް އިހްތިރާމް އަދާކުރަން ޖެހޭނެކަމަށް، ޕްރިޔަންކާ އަށް ފާޑުކިޔާ ގިނަ ބަޔަކު ބުނެފައިވެ އެވެ.
"އިށީނދެގެން ތި އިނީ އަހަރެމެންގެ ގައުމުގެ ބޮޑުވަޒީރު އަރިހުގައި. އެންމެ ކުޑަމިނުން ދެ ފައި ފޮރުވާލައިގެން އިންނަން ވެސް ވިސްނުމަށް އައި ނަމަ،" ޕްރިޔަންކާ އަށް އަމާޒުވި ފާޑުކިޔުންތަކުގެ ތެރޭގައި މީހަކު ބުނެފައިވެ އެވެ.
ފާޑުކިޔުންތަކަށް ޕްރިޔަންކާ ދިނީ މޮޅު ޖަވާބެކެވެ. ޕްރިޔަންކާ ވަނީ އޭނާ އާއި އޭނާގެ މަންމަގެ ފައި އެއަށް ވުރެ ބޮޑަށް ފެންނަ ފޮޓޯއެއް ޕޯސްޓްކޮށްފަ އެވެ.
އިންޑިއާގެ ބޮޑުވަޒީރާއެކު ނަގާފައިވާ ފޮޓޯ މިދިޔަ އަންގާރަ ދުވަހު ޕްރިޔަންކާ އިންސްޓަގްރާމް ކޮށްފައިވާއިރު އޭގައި ލިޔެފައިވާ މެސެޖުގައި ވަނީ މޯދީއާ ބައްދަލުވީ އިއްތިފާގަކުން ކަމަށެވެ. އަދި ވަރަށް ބުރަކޮށް އުޅުއްވަމުން ވެސް އޭނާއާ ބައްދަލުކޮށްލުމަށް ވަގުތުކޮޅެއް ދެއްވީތީ ޕްރިޔަންކާ ވަނީ ބޮޑުވަޒީރަށް ޝުކުރު އަދާކޮށްފަ އެވެ.