ސަލްމާނާއި ސުހައިލް: ޓިއުބުލައިޓްގައި ދެބެން
ސަލްމާނާއި ސުހައިލް: ޓިއުބުލައިޓްގައި ދެބެން

ސަލްމާން ޚާނާއި އޭނާގެ ދެ ކޮއްކޮއިން ކަމަށްވާ އަރްބާޒާއި ސުހައިލްގެ އެއްބަނޑު އެއްބަފާ ކަމުގެ ގުޅުމަކީ ގިނަ ބަޔަކު އެ ގުޅުމުން މިސާލު ނަގާ ގާތް ގުޅުމެކެވެ. ކަބީރް ޚާންގެ "ޓިއުބުލައިޓް" އަކީ އަނެއްކާވެސް މި ދެ މީހުންގެ ލޯބި ވަރަށް ފުރިހަމައަށް ފެނިގެން ދާނެ ފިލްމެކެވެ.

މިއީ ހަތް އަހަރަށް ވުރެ ދިގު މުއްދަތަކަށް ފަހު މި ދެބެން އެއް ފިލްމަކުން ފެންނަ ފުރަތަމަ ފަހަރެވެ. މީގެ ހަތް އަހަރު ކުރިން ސަލްމާނާއި ސުހައިލް ވަނީ "ވީރް" އެކުގައި ކުޅެފަ އެވެ. އަދި ކުރިން ވަނީ "ހީރޯޒް"، "ހެލޯ ބްރަދާ" އަދި "ގޯޑް ތުސީ ގްރޭޓް ހޯ" ގައި މަސައްކަތްކޮށްފަ އެވެ.

"ޓިއުބުލައިޓް"ގެ ޕްރޮމޯޝަން ފެށުމުގެ ގޮތުން ސަލްމާން ވަނީ ސުހައިލް އާއި އޭނާގެ ކުޑައިރުގެ ފޮޓޯއެއް ޓުވީޓްކޮށްފަ އެވެ. މި ފިލްމުގައި ސަލްމާން ބަތަލުގެ ބައި އަދާކުރާއިރު ސުހައިލް އަދާކުރަނީ ހަނގުރާމަޔަށް ގޮސް އެތަނުގައި ތާށިވެގެން ނާދެވިފައި ހުންނަ ސަލްމާންގެ ކޮއްކޮއެއްގެ ރޯލެވެ.

އެމެރިކާގެ ފިލްމެއް ކަމަށްވާ "ލިޓްލް ބޯއި"ގެ މައްޗަށް ކުޅޭ މި ފިލްމަކީ 1960 ގައި ކުރި އިންޑޯ-ސީނޯ ހަނގުރާމައިގެ ދުވަސްވަރުގެ ހާދިސާތަކެއް ދައްކުވައިދޭ ފިލްމެކެވެ. މި ފިލްމުގައި އެއްބަނޑު އެއްބަފާ ދެބެންގެ ލޯބި ވަރަށް ފުރިހަމައަށް ދައްކުވައިދީފައި ވެއެވެ.