31 މެއި 2017 - 13:24

މެންޗެސްޓާ (މެއި 31) - މި ފަހަރު ތަށްޓެއް ނުލިބި ހުސްއަތާ ސީޒަން ނިންމާލަން ޖެހުނު ނަމަވެސް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަށް ފުރިހަމަ އަށް އިތުބާރުކުރާ ކަމަށް އެ ޓީމުގެ ޗެއާމަން ޔޫއޭއީގެ މަހުޖަނު ހަލްދޫން އަލް މުބާރަކް ވިދާޅުވެއްޖެ އެވެ.
ކުރިން ބާސެލޯނާ އާއި ބަޔާން މިއުނިކަށް ކޯޗުކޮށްދިން ގާޑިއޯލާގެ ފުރަތަމަ ސީޒަނުގައި ސިޓީން އިނގިރޭސި ޕްރިމިއާ ލީގު ނިންމާލީ ތިން ވަނައިގައި އޮވެ އެވެ. ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ކެޓިއިރު، އެފްއޭ ކަޕުން ކެޓީ ސެމީ ފައިނަލުންނެވެ.
"ގާޑިއޯލާގެ ފެންވަރު އެންމެ ސީޒަނަކުން ނޭނގޭނެ. ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އިނގިރޭސި ޕްރިމިއާ ލީގަކީ އެންމެ ވަރުގަދަ ލީގު. ފުރަތަމަ ސީޒަނުގައި ހުރިހާ ކާމިޔާބެއް ނުހޯދޭނެ. ގާޑިއޯލާ އަށް އަހަރެމެންގެ އިތުބާރު އަދި ނުގެއްލޭ،" މުބާރަކް ވިދާޅުވި އެވެ.
އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ސިޓީން ވަނީ މޮނާކޯގެ ބެނާޑޯ ސިލްވާ ގެނެސްފަ އެވެ. ބެންފީކާގެ ބްރެޒިލް ގޯލްކީޕަރު އެޑެސަން މޮރައެސް އާއި މޮނާކޯގެ ބެންޖަމިން މެންޑީ ވަރަށް އަވަހަށް ސިޓީއާ ގުޅޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ސިޓީގެ އެންމެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ސާޖިއޯ އަގުއޭރޯ އާއި ޔާޔާ ޓޫރޭ ޓީމު ދޫކޮށްލާނެ ކަމަށް މީޑިއާގައި އަޑުފެތުރިފައިވާއިރު، މުބާރަކް ވަނީ އެ ދެ ކުޅުންތެރިން ކްލަބް ދޫކޮށް ނުދާނެ ކަމަށް ވިދާޅުވެފަ އެވެ.
"އަގުއޭރޯ އަކީ މި ޓީމުގެ ތާރީހުގައި ވެސް ހާއްސަވާނެ ކުޅުންތެރިއެއް. އޭނާ ވިއްކާލުމުގެ ވިސްނުމެއް ނެތް. އަގުއޭރޯއާ އެކު މި ކްލަބުން މަޝްވަރާތައް ބާއްވަމުން އަންނަނީ. ވަރަށް އަވަހަށް އިތުރު އެއްބަސްވުމެއްގައި އަގުއޭރޯ ސޮއިކުރާނެ،" އޭނާ ވިދާޅުވި އެވެ.
އުމުރުން 34 އަހަރުގެ ޓޫރޭގެ ކޮންޓްރެކްޓް ޖޫން މަހުގެ ނިޔަލަށް ހަމަވާއިރު އޭނާ އަށް އެހެން ކްލަބްތަކުގެ ހުށަހެޅުންތައް ވެސް ދަނީ ލިބެމުންނެވެ. މުބާރަކް ވިދާޅުވީ ޓޫރޭ އިތުރު އެއް ސީޒަނު ސިޓީގައި މަޑުކުރަން ނިންމާފައިވާ ކަމަށެވެ.