މިސައިލުން ދިފާއުވާ ނިޒާމު އެމެރިކާ އިން ޓެސްޓްކޮށްފި
މިސައިލުން ދިފާއުވާ ނިޒާމު އެމެރިކާ އިން ޓެސްޓްކޮށްފި

ވޮޝިންޓަން (މެއި 31) - އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައިސީބީއެމް) އިން ދިފާއިވާ ނިޒާމު އެމެރިކާ އިން ފުރަތަމަ ފަހަރަށް ޓެސްޓްކޮށްފި އެވެ.

މިސައިލުން ދިފާއުވާ ނިޒާމު ޓެސްޓްކޮށްފައި ވަނީ ކެލިފޯނިއާގެ ވައިގެ މަރުކަޒަކުންނެވެ. މި ނިޒާމު ޓެސްޓް ކުރުމަށް ބެލިސްޓިކް މިސައިލެއް އެމެރިކާ އިން ވަނީ ބޭނުންކޮށްފަ އެވެ.

ޕެންޓަގަނުން ބުނެފައި ވަނީ އެއީ މާކުރިން ވެސް ރާވާފައިވާ ޕްލޭނެއްގެ ދަށުން ކުރި ޓެސްޓެއް ކަމަށެވެ. ނަމަވެސް އެމެރިކާ އިން މިސައިލް ނިޒާމް ޓެސްޓްކޮށްފައި މި ވަނީ ނޯތު ކޮރެއާއާ އެކު މަޝްރަހު ހޫނުވެފައިވާ ދުވަސްވަރެއްގަ އެވެ. އަދި އެމެރިކާ އިން މި ޓެސްޓްކޮށްފައި ވަނީ ނޯތު ކޮރެއާ އިން ވެސް މިސައިލެއް ޓެސްޓްކުރި ދަނޑިވަޅާ ދިމާކޮށެވެ. މިއީ ނޯތު ކޮރެއާ އިން މި އަހަރު ކުރި ނުވަ ވަނަ ޓެސްޓެވެ.

އެމެރިކާގެ މިސައިލް ޑިފެންސް އެޖެންސީ (އެމްޑީއޭ)ގެ ޑިރެކްޓަރު ޖިމް ސީރިން ވިދާޅުވީ މިއީ ވަރަށް މުހިންމު ޓެސްޓެއް ކަމަށާއި އެއީ އެމެރިކާގެ ސަލާމަތަށްޓަކައި ކޮންމެހެން ބޭނުންވާ ނިޒާމެއް ކަމަށެވެ. އޭނާ ވިދާޅުވީ މިސައިލުން ދިފާއުވާ ނިޒާމު ކާމިޔާބުކަމާ އެކު ޓެސްޓްކުރުމުން، ހަގީގީ ނުރައްކަލަކުން ދިފާއުވުމުގެ ގާބިލްކަން އެމެރިކާ އަށް ލިބިފައިވާކަން ޔަގީން ކުރެވޭނެ ކަމަށެވެ.

އެމްޑީއޭ އިން ބުނީ މިސައިލުން ދިފާއުވާ ނިޒާމުން ހުރަސް އަޅާފައި ވަނީ ޕެސިފިކް ކަނޑުގެ މާޝަލް އައިލެންޑްސްގެ އަތޮޅަކުން ފޮނުވާލި މިސައިލަކަށް ކަމަށެވެ.