ލެސްޓާ ދޫކޮށްލަން މާރޭޒް ނިންމައިފި
ލެސްޓާ ދޫކޮށްލަން މާރޭޒް ނިންމައިފި

ލެސްޓާ (މެއި 31) – ލެސްޓާ ސިޓީއާ އެކު މިދިޔަ އަހަރު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރި އަލްޖީރިއާގެ ފޯވާޑް ރިޔާދް މާރޭޒް އެ ކްލަބް ދޫކޮށްލަން ބޭނުންވާކަން އިއުލާންކޮށްފި އެވެ.

ފްރާންސުގެ ލެ ހާވް އިން 400،000 ޕައުންޑަށް 2014 ވަނަ އަހަރު ލެސްޓާއާ ގުޅުނު ކުޅުންތެރިއާ ވަނީ އެ ކްލަބުން ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އެއާ އެކު މިދިޔަ ސީޒަނަށް ފަހު އޭނާ ގެންދަން ސްޕެއިނުގެ ބާސެލޯނާ އިން ވެސް މަސައްކަތްކުރި އެވެ.

އުމުރުން 26 އަހަރުގެ ކުޅުންތެރިއާ ބުނީ ލީގު ކާމިޔާބުކުރުމަށް ފަހު ކްލަބުގައި އިތުރު އެއް ސީޒަން މަޑުކުރަން ނިންމީ ޗެއާމަނާ މަޝްވަރާކުރުމަށް ފަހު ކަމަށެވެ. އަދި އޭނާގެ ބައިވަރު އަމާޒުތަކެއް އެބަހުރި ކަމަށާއި އެހެންވެ މިއީ ކްލަބް ދޫކޮށްލަން އެންމެ އެކަށީގެންވާ ވަގުތު ކަމަށް އިހުސާސްވާންކަން ކްލަބަށް އަންގާފައިވާ ކަމަށެވެ.

އޭނާ ބުނީ ލެސްޓާއާ އެކު ހޭދަކުރި ހަތަރު ސީޒަނަކީ ކެރިއަރުގެ އެންމެ ކާމިޔާބު އަހަރުތައް ކަމަށާއި އެ ކްލަބާ އެކު ހޭދަކުރި ކޮންމެ ހިދުކޮޅަކު ވެސް އެހާމެ އުފާވެރި ކަމަށެވެ.

ނިމުނު ސީޒަނުގައި ލެސްޓާ އިން ދަށްކޮށް ފެށި ނަމަވެސް ފަހުން ވަނީ ފޯމަކަށް އެޅި 12 ވަނައިގައި ލީގު ނިންމާލައިފަ އެވެ. އަދި އެ ޓީމު ވަނީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ވެސް ވާދަކޮށްފަ އެވެ. އެ ކެމްޕެއިނުގައި އޭނާ ވަނީ 10 ގޯލް ޖަހައިދީ ހަތް ލަނޑު ޖަހަން މަގުފަހިކޮށްދީފަ އެވެ.

މާރޭޒް ގެންދިއުމަށް ބާސެލޯނާ އިން އަދިވެސް ޝައުގުވެރިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި އާސެނަލުން ވެސް އޭނާ ގެންދަން ބޭނުންވެ އެވެ.