ޖީ20 ސަމިޓުގައި އޮސްޓްރޭލިއާ އިން ބައިވެރިވާނީ ދިވެއްސެއް
ޖީ20 ސަމިޓުގައި އޮސްޓްރޭލިއާ އިން ބައިވެރިވާނީ ދިވެއްސެއް

މި މަހުގެ މެދުތެރޭގައި ޖަރުމަނުގެ ބާލިންގައި ބާއްވާ ޖީ20 ޔަންގް އެންޓްރެޕްރޮނިއާ ސަމިޓްގައި އޮސްޓްރޭލިއާއިން ބައިވެރިވާ މީހުންގެ ތެރޭގައި ދިވެއްސަކު ހިމެނިއްޖެ އެވެ.

ޖީ20 ސަމިޓުގައި އޮސްޓްރޭލިއާ އިން ބައިވެރިވާނީ ދިވެއްސެއް
ޖީ20 ސަމިޓުގައި އޮސްޓްރޭލިއާ އިން ބައިވެރިވާނީ ދިވެއްސެއް

މި ސަމިޓްގައި ބައިވެރިވެރިވާ 20 މީހުންގެ ތެރޭގައި އޮސްޓްރޭލިއާގައި ވަޒީފާ އަދާ ކުރާ މަރިޔަމް ނަބީލާ (ނަބީ) ހިމެނިފައިވަނީ އެކަމަށް އެދި ކުރިމަތިލި މީހުންގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބިގެންނެވެ.

ހއ. ހަތިފުއްޓަށް އުފަން ނަބީ އޮސްޓްރޭލިއާގައި ދިރިއުޅޭތާ 12 އަހަރު ވެއްޖެ އެވެ. ކޮމާޝަލް ކުކަރީ އަދި ޕޭސްޓަރީ ދާއިރާއިން ޕީއެޗްޑީ ހެދުމަށް އޮސްޓްރޭލިއާއަށް ދިޔަ ގޮތަށް އޭނާ ވަނީ އަމިއްލަ ވިޔަފާރިއެއް ވެސް އެ ގައުމުގައި ގާއިމްކޮށްފަ އެވެ. ކެއްކުމުގެ ޝޯތައް ހުށަހަޅައި ދިނުމުގެ އިތުރުން ނަބީ ވަނީ "ފްލޭވާސް އޮފް މޯލްޑިވްސް" ނަމުގައި ކުންފުންޏެއް އުފައްދައިގެން ދިވެހި ރަހަތައް އޮސްޓްރޭލިއާގައި ވިއްކާފަ އެވެ. އަދި "ރައިޑްހީރޯ"ގެ ނަމުގައި ނަބީ މިހާރު ގެންދަނީ ޓެކްސީގައި ކުދިން ސްކޫލަށް ގެންދިޔުމުގެ ހިދުމަތް ދެމުންނެވެ.

ނަބީ ބުނީ މި މަހުގެ 15-16އަށް ބާއްވާ އެ ސަމިޓުގައި އެކި ގައުމުތަކުގެ ޒުވާން ވިޔަފާރިވެރިން ބައިވެރިވާނެ ކަމަށެވެ. މި ސަމިޓް ހާއްސަކޮށްފައިވަނީ ޓެކްނޮލޮޖީ އާއި އިނޮވޭޝަންގެ ދާއިރާ އަށެވެ.

"ދިވެއްސަކަށް ބޭރު ގައުމެއްގައި ވަރަށް ނުލިބޭނެ ޗާްންސެއް މިއީ. އަދި ހާއްސަކޮށް ޓެކްނޮލޮޖީގެ ދާއިރާއިން އަންހެނުން ކުރިއަށް ދާން ވަރަށް އުނދަގޫވާނެ. އެހެންވެ، އެތައް ހާސް މީހުންނަކާ ވާދަކޮށްގެން މި ފުރުސަތު ލިބުނީމައި ވަރަށް އުފާވި." ނަބީ ބުންޏެވެ.

މި ސަމިޓަށް ފަހު، އެކަމާ ގުޅޭގޮތުން ނަބީމެންނަށް ޕޮލިސީތައް ތައްޔާރުކުރަން ޖެހޭނެ އެވެ. އެގޮތުން ޒުވާނުންނަށް ވަޒީފާ ހޯދަން އުނދަގޫ ސަބަބާއި ޓެކްނޮލޮޖީގެ ދާއިރާގައި ހުރި ދަތިތަކާ ގުޅޭގޮތުން ލިޔުންތައް ތައްޔާރު ކުރަން ޖެހޭނެ ކަމަށް ނަބީ ބުންޏެވެ.

ދިހަ އަހަރުގެ ފިރިހެން ދަރިފުޅާ އެކު އޮސްޓްރޭލިއާގައި އުޅެމުން އަންނަ ނަބީ ބުނިގޮތުގައި ރާއްޖޭގައި ތިބެގެން ވެސް ޒުވާނުންނަށް، ބައިނަލްއަގްވާމީ ކުންފުނިތަކާ ގުޅިގެން ކުރިއަށް ދެވިދާނެ އެވެ. އަދި ޓެކްނޮލޮޖީގެ ދާއިރާއަކީ ވެސް އަންހެނުންނަށް ކުރިއަށް ދެވިދާނެ ފަސޭހަ އޭރިއާއެއް ކަމަށް އޭނާ ބުންޏެވެ.

"ބޭރުގެ ކުންފުންޏެއްގެ މަތީ މަގާމަކަށް އަންނާކަށް ކޮންމެހެން ރާއްޖޭން ބޭރަށް ދާކަށް ނުޖެހޭ. ހާއްސަކޮށް ޓެކްނޮލޮޖީގެ ދާއިރާއިން މި ޒަމާނުގައި ވަރަށް ފަސޭހައިން އަންހެނުންނަށް ވެސް ކުރިއަށް ދެވިދާނެ،" ނަބީ ބުންޏެވެ.

ސަމިޓްގައި ބައިވެރިވުމުގެ ފުރުސަތު ލިބުމުން 33 އަހަރުގެ އެ ޒުވާނާ އަންނަނީ އެކަމަށް ފައިސާ އެއްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އޮސްޓްރޭލިއާގައި ކާމިޔާބު ވިޔަފާރިތަކަކަށް ފަހު ނަބީ އަންނަނީ އެ ގައުމުގައި އިންޝުއަރެންސް ކުންފުންޏެއް އުފައްދަން ތައްޔާރުވަމުންނެވެ.