31 މެއި 2017 - 10:42

ލަންޑަން (މެއި 31) – އާސެނަލްގެ ކޯޗު އާސެން ވެންގާ އަށް އިތުރު ދެ އަހަރުގެ ކޮންޓްރެކްޓެއް ދޭން ކްލަބުން ނިންމައި މިއަދު އެކަން ރަސްމީކޮށް އިއުލާންކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ވެންގާ އާއި ކްލަބުގެ ވެރިޔާ ސްޓަން ކްރޮއެންކޭ ވަނީ އަންގާރަ ދުވަހު ބައްދަލުކޮށް ވެންގާގެ ކުރިމަގާ މެދު ގޮތްތަކެއް ނިންމައިފަ އެވެ. އަދި އަދި އިއްޔެ ބޭއްވި ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައި އެކަމަށް ހުއްދަ ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ވެންގާ އަށް އާސެނަލްގެ މެޖޯރިޓީ ހިއްސާދާރު ކްރޮއެންކޭގެ ތާއީދު އޮތް ނަމަވެސް މައިނޯރިޓީ ހިއްސާދާރު ރަޝިއާގެ އަލީޝާ އުސްމާނޯފް ބޭނުންވަނީ ވެންގާ ކްލަބާ ދުރަށް ދިއުމަށެވެ.
ވެންގާ ކްލަބާ ދުރަށް ދިއުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ވެސް ވަނީ ގޮވާލައިފަ އެވެ. އަދި އަމުދުން 20 އަހަރު ތެރޭ ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ފުރަތަމަ ފަހަރަށް ފުރުސަތު ގެއްލި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ގެއްލުމުން ފާޑުކިޔުން ބޮޑުވި އެވެ. އެކަމަކު އެފްއޭ ކަޕުގެ ފައިނަލުގައި ޕްރިމިއާ ލީގުގެ ޗެމްޕިއަން ޗެލްސީގެ މައްޗަށް އާސެނަލުން ކުރި ހޯދުމުން ވެންގާ އަށް އިތުރު ފުރުސަތެއް ދޭން ބައެއް ފަރާތްތަކުން ބޭނުންވި އެވެ.
އާސެނަލާ 1996 ވަނަ އަހަރު ހަވާލުވެ އެ ޓީމަށް މެޗަކުން ބަލިނުވެ 2004 ވަނަ އަހަރު ޕްރިމިއާ ލީގު ކާމިޔާބުކޮށްދިން ނަމަވެސް 2005 ވަނަ އަހަރުގެ އެފްއޭ ކަޕުގެ ފަހުން ތަށްޓެއް ނުލިބި ނުވަ އަހަރު ވޭތުވެގެން ދިޔަ އެވެ.