ތަށްޓެއް ނުލިބުނަސް މާޒިޔާ މެޗަކީ ފައިނަލެއް: ރޮކާ
ތަށްޓެއް ނުލިބުނަސް މާޒިޔާ މެޗަކީ ފައިނަލެއް: ރޮކާ

އޭއެފްސީ ކަޕްގެ ދެ ވަނަ ބުރުން ޖާގަ ހޯދަން މިއަދު މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗަކީ ތަށްޓެއް ނުލިބުނު ނަމަވެސް ބެންގަލޫރު އެފްސީ އަށް ފައިނަލެއް ކަމަށް އެ ޓީމުގެ ކޯޗު އަދި ބާސެލޯނާގެ ކުރީގެ އެސިސްޓަންޓް އަލްބާޓް ރޮކާ ބުނެފި އެވެ.

މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ ރަނަރަޕް މި ފަހަރުގެ މުބާރާތް ފެށީ ވަރުގަދަ ކޮށެވެ. އެގޮތުން ކުޅުނު ފުރަތަމަ ތިން މެޗުން ވަނީ މޮޅުވެފަ އެވެ. އެހެން ނަމަވެސް ފަހުން ކުޅުނު ދެ މެޗުން ބަލިވެ، މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދަން ވަނީ އުނދަގޫތަކެއް ކުރިމަތިވެފަ އެވެ.

މާޒިޔާ މި ވަގުތު ގްރޫޕް އީގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބެންގަލޫރަށް ފަސް މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. ބަގާން ތިން ވަނައިގައި އޮތީ ފަސް މެޗުން ހަ ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި އޮތް އަބަހާނީ އަށް ފަސް މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.

މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ލިބޭނީ ގްރޫޕް އެއް ވަނަ ޓީމަށް އެކަންޏެވެ. ބެންގަލޫރަށް ދެ ވަނަ ބުރުގެ ފުރުސަތެއް އޮތީ މިއަދު އަމިއްލަ ދަނޑުގައި މާޒިޔާ ބަލިކޮށްގެންނެވެ.

ބެންގަލޫރު ވަނީ ދާދި ފަހުން މޯހަން ބަގާން ބަލިކޮށް އިންޑިއާގެ ފެޑެރޭޝަން ކަޕް އުފުލާލައިފަ އެވެ. ބެންގަލޫރުގެ ކޯޗު ރޮކާ ބުނީ މިރޭ މާޒިޔާއާ ދެކޮޅަށް ކުޅޭނީ ވެސް ފައިނަލެއްގެ ގޮތުގައި ދެކިގެން ކަމަށެވެ.

"ފެޑެރޭޝަން ކަޕްގެ ފައިނަލުން ހިތްވަރު ހޯދަން ބޭނުން. މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗު ނިންމާފައި ތަށްޓެއް ނޫނީ މެޑެއްޔެއް ނުދިނަސް މިއީ ވެސް އަހަރެމެންނަށް ފައިނަލެއް. އޭއެފްސީ ކަޕްގައި ކުރިއަށް ދިއުން އޮތީ މި މެޗާ ގުޅިފައި. މިއީ ހިތްވަރާ އެކު ނަތީޖާ ނެރެން ހުރިހާ ގޮތަކުން މަސައްކަތް ކުރަން ޖެހޭ މެޗެއް،" ރޮކާ ބުންޏެވެ.

ފެޑެރޭޝަން ކަޕްގެ މެޗުތައް ގާތްގާތުގައި ކުޅެން ޖެހުމުގެ ސަބަބުން މިރޭގެ މެޗާ ކުރިމަތިލުމުގެ ކުރިން ބެންގަލޫރުގެ މުހިއްމު ކުޅުންތެރިންނަށް އަނިޔާގެ މައްސަލަ ދިމާވި އެވެ. އަދި ބެންގަލޫރުން ވަނީ އިންޑިއާ އެފްއޭ އަށް މިކަމުގެ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.

އަނިޔާގެ ސަބަބުން މިރޭ މާޒިޔާއާ ދެކޮޅަށް ބެންގަލޫރުގެ އުދަންތާ ސިންގް އާއި ކެޕްޓަން ސުނިލް ޗެތުރީ އަދި ސާބިއާ ފޯވާޑް މަރްޔާން ޖުގޮވިޗަށް ނުކުޅެވޭނެ ކަަމަށް ބެލެވުނެވެ. އެހެން ނަމަވެސް ރޮކާ ބުނީ އުދަންތާ އަށް ނުކުޅެވުނު ނަމަވެސް ޗެތުރީ އާއި ޖުގޮވިޗް މި މެޗުގައި ފެނުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

"މާޒިޔާ އަކީ ވަރުގަދަ ޓީމެއް. މިހާތަނަށް އެ ޓީމުން ނެރެފައިވާ ނަތީޖާތަކަށް ބަލާއިރު ވެސް އަހަރެމެންނަށް މި މެޗު ފަސޭހަކޮށް ނެގެން ނެތް. އަހަރެމެންގެ ދަނޑުގައި ކުޅުނު ނަމަވެސް މާ ބޮޑު އެޑްވާންޓޭޖެއް އޮތް ކަމަށް ނުދެކެން،" ރޮކާ ބުންޏެވެ.

މާޒިޔާ އާއި ބެންގަލޫރު ކުޅޭ މެޗު ފަށާނީ މިއަދު ރާއްޖެ ގަޑިން 18:45 ގަ އެވެ.