31 މެއި 2017 - 07:16

ކަރީނާ ކަޕޫރު ވިހޭތާ މަހެއް ވެސް ނުވަނީސް ކަސްރަތު ކުރަން ފަށައި ވަރަށް ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ވަނީ ބަރުދަނުން ބޮޑުބައެއް ލުއިކޮށްފަ އެވެ. އެއީ ކޮންމެ ދުވަހަކު ވަރަށް ގިނައިރު ކަސްރަތުކުރުމާއި ޑައެޓްކުރުމުން ނެރެވުނު ނަތީޖާ އެވެ. ނަމަވެސް މިގޮތަށް މާ ވަރުގަދަ ކަސްރަތުތައް ގިނައިން ކުރުމުގެ ސަބަބުން ކަރީނާގެ ސިއްހަތަށް އޭގެ ނޭދެވޭ އަސަރުތައް ކުރަމުންދާ ކަމަށް ބޮލީވުޑް ޚަބަރުތައް ބުނެ އެވެ.
މިކަން އެންމެ ފުރަތަމަ ހާމަވީ ދާދިފަހުން އޮތް ކަރަން ޖޯހަރްގެ އުފަން ދުވަހުގެ ޕާޓީން ކަރީނާ ނުފެނުމުންނެވެ. ކަރީނާ އާއި ކަރަން އަކީ ގާތް އެކުވެރިންނަށް ވެފައި ކަރަންގެ ޕާޓީއަކުން ކަރީނާ ނުފެނުމަކީ ގިނަ ބަޔަކު ވަރަށް އަޅައިގަތް ކަމަކަށްވި އެވެ. ޚާއްސަކޮށް ކަރީނާ މުމްބާއީގައި ހުރިކަން އެނގޭ މީހުން މިކަމާ ވަރަށް ހައިރާން ވެގެން އުޅުނެވެ.
މި ޚަބަރުތައް ފެތުރުމާ ގުޅިގެން ކަރީނާގެ ގާތް މީހަކު އިންޑިއާގެ ނޫހަކަށް ބުނި ގޮތުގައި ކަރަންގެ ޕާޓީ އޮތް ދުވަހު ކަރީނާ މާ ވަރުގަދަ ވާކްއައުޓް ސެޝަނެއް ހެދުމާ ގުޅިގެން މާ ބޮޑަށް ބަލިވީ އެވެ. އެހެންވެ ޑޮކްޓަރަށް ދެއްކުމުން އަރާމުކުރަން ބުނެފައި ވާތީ ޕާޓީ އަށް ނުދެވުނީ އެވެ.