30 މެއި 2017 - 14:10

މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖް އެޅުމަށްޓަކައި މާލޭ ރާޅުގަނޑު ސަރަހައްދު ބަންދުކޮށްފައިވާތީ ރާޅާއެޅުންތެރިންނަށް ކ. ތަނބުރުދޫ ރާޅުގަނޑު ބޭނުންކުރެވޭނެ ފަސޭހަ އިންތިޒާމެއް ޓޫރިޒަމް މިނިސްޓްރީ އާއި އެމްޓީސީން ހަމަޖައްސައިދީފި އެވެ.
ޓޫރިޒަމް މިނިސްޓްރީ އާއި އެމްޓީސީސީ އަދި މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން މިއަދު ސޮއިކުރި އެމްއޯޔޫގެ ދަށުން ހަ މަސް ދުވަހުގެ މުއްދަތަކަށް، ކޮންމެ ދުވަހަކު އެމްޓީސީސީން އަގެއް ނުނަގައި ރާޅާއެޅުންތެރިންނަށް މާލެ އާއި ތަނބުރުދޫއާ ދެމެދު ފެރީ ބާއްވައިދޭނެ އެވެ.
އެމްޓީސީސީގެ އިޖްތިމާއީ ޒިންމާގެ ދަށުން އެ ކުންފުނިން ހަމަޖައްސައިދިން މި އިންތިޒާމާ އެކު، ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރުފަހު 1:30 އިން މާލޭން އަދި އިރުއޮއްސި 6 އިން ކުނބުރޫން ފެރީ އޮންނާނެ އެވެ. އަދި ބަންދު ދުވަސްތަކުގައި ހެނދުނު 7:00 އިން މާލޭން އަދި ކުނބުރުދޫން އިން އިރޮއޮއްސި 6 ޖަހާއިރު ފެރީ ބާއްވައިދޭނެ އެވެ. އެއްބަސްވުމުގައިވާ ގޮތުން 50 މީހުންގެ ޖާގައިގެ ފެރީއެއް ބާއްވަން ޖެހުނު ނަމަވެސް އެމްޓީސީސީން ވަނީ 81 މީހުންގެ ފެރީއެއް ބާއްވައިދޭނެ ކަމަށް ބުނެފަ އެވެ.
އެމްއޯޔޫގައި ސޮއިކުރެއްވުމަށް ފަހު ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ބްރިޖް އެޅުމަށްޓަކައި ރާޅުގަނޑު ބަންދުކުރީ އެތަނުގައި ރާޅާއެޅުން ރައްކާތެރިނުވުމުން ކަމަށާއި އެހެންވެ ޒުވާނުންނަށް އެ ފުރުސަތު އެހެން ގޮތަކަށް ހޯދައިދޭން ތަނބުރުދޫ އަށް ފަސޭހައިން ދެވޭނެ އިންތިޒާމް ހަމަޖައްސައިދިނީ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ކުންފުނިތަކާ ވާހަކަދައްކައިގެން ސީއެސްއާރުގެ ދަށުން މިފަދަ އިންތިޒާމެއް ހަމަޖެހޭނެ ގޮތެއް ހޯދުމަކީ ރައީސް އަބްދުﷲ ޔާމީންގެ އިސްނެގުމެއް ކަމަށާއި މިކަން އެމްޓީސީސީން ކޮށްދޭނީ އެ ކުންފުންޏަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި ބްރިޖް ނިމި ރާޅުގަނޑު އަލުން ހުޅުވެންދެން ރާޅާއަޅާ ފަރާތްތަކަށް ރާޅާއެޅޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށެވެ.
އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ އެ ކުންފުނީގެ ސީއެސްއާރް ޕްރޮގްރާމުގެ ދަށުން މި ފުރިހަމަކޮށްދެނީ ޒުވާނުންގެ ވަރަށް ބޮޑު އެދުމެއް ކަމަށާއި ހަ މަސް ދުވަސް ހަމަވުމުން އެއްބަސްވުން އާކުރެވޭނެ ކަމަށެވެ.
އެމްބީބީއޭގެ ރައީސް އަބްދުﷲ އަރީފް (ފުކޫ) ވިދާޅުވީ މިއަދު ފުރިހަމަވެގެން ދިޔައީ ރާޅާއަޅާ އެތައް ބައެއްގެ އުއްމީދެއް ކަމަށާއި މިކަން ފަހިކޮށްދިނީތީ ސަރުކާރަށާއި އެމްޓީސީ އަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރާ ކަމަށެވެ.
ކ. ހިންމަފުށި ކައިރީގައި އޮންނަ ތަނބުރުދޫގެ ސާފިން ޕޮއިންޓަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު ވެސް ފާހަގަކޮށްލެވޭ ސާފިން ޕޮއިންޓެކެވެ. މި ތަނަކީ ސީއެންއެން އިން ހޮވި ދުނިޔޭގެ އެންމެ ރަނގަޅު 50 ސާފިން ޕޮއިންޓްގެ ތެރެއިން 11 ވަނަ އަށް ރޭންކް ކުރެވުނު ސާފިން ޕޮއިންޓެވެ. އެތަނުގައި ސާފިންގެ ބައެއް މުބާރާތްތައް އަންނަނީ ބާއްވަމުންނެވެ.