ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ލަންކާ އިން ވޮލަންޓިއަރުން ހޯދަނީ
ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ލަންކާ އިން ވޮލަންޓިއަރުން ހޯދަނީ

ކޮލަމްބޯ (މެއި 30) - ގަދަ ވިއްސާރައިގައި ލިބުނު ގެއްލުންތަކުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ވޮލަންޓިއަރުންގެ އެހީތެރިކަމަށް ސްރީ ލަންކާ އިން މިއަދު އެދިއްޖެ އެވެ.

ވޭތުވެދިޔަ 14 އަހަރު ދުވަހު ތެރޭ ވެސް ނުކުރާ ވަރުގެ ގަދަ ވިއްސާރައިގައި ބިންގަނޑު ފޭބުމާއި އެހެނިހެން ގެއްލުންތަކުގައި މިހާތަނަށް ވަނީ 183 މީހުން މަރުވެފަ އެވެ. އަދި 112 މީހުން ވަނީ ގެއްލިފަ އެވެ. އެތައް ހާސް ބަޔަކަށް ސާފު ބޯފެނެއް ނުލިބެ އެވެ. ގެދޮރު ގެއްލުމުގެ ސަބަބުން ހަ ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފަ އެވެ.

ވޯޓާ ސަޕްލައި މިނިސްޓަރު ރައޫފް ހަކީމް ވިދާޅުވީ ފެންބޮޑުވުމުގައި ހާލުގައި ޖެހުނު މީހުންގެ ތެރޭން 40 ޕަސެންޓް މީހުންނަށް ސާފު ބޯފެން ނުލިބޭ ކަމަށެވެ. އެހެންވެ ފެންބޮޑުވި ހިސާބުތަކުގެ ވަޅުތައް ވީހާވެސް އަވަހަކަށް ސާފުކޮށް ބޯފެން ލިބޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ފެންބޮޑުވުމުގައި އެންމެ ބޮޑަށް ގެއްލުން ލިބުނު މާތަރަ، ގޯލް، ރަތުނަޕުރާ އަދި ކަލުތަރަ އަށް އެހީ ފޯރުކޮށް ދިނުމުގައި މިހާރު ހަރަކާތްތެރިވާ ސިފައިންގެ އިތުރުން އެތައް ސަތޭކަ ސިފައިން ފޮނުވުމަށް ވަނީ ނިންމައިފަ އެވެ.

ފެންބޮޑުވެ ހާލުގައި ޖެހުމުން ލަންކާ އިން ދަނީ ބައިނަލްއަގުވާމީ އެހީ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އިންޑިއާ އިން މިހާރު ވެސް ވަނީ ދެ މަނަވަރުގެ އެހީގެ ތަކެތި ލަންކާ އަށް ފޮނުވައިފަ އެވެ. ތިން ވަނަ މަނަވަރު މިއަދުގެ ވަގުތެއްގައި ލަންކާ އަށް ދާނެ ކަމަށް ބެލެވެ އެވެ. ޖަޕާނުން ވަނީ ޖަނަރޭޓަރާއި އެހީ ދިނުމުގައި ހަރަކާތްތެރިވުމަށް ޓީމެއް ފޮނުވާނެ ކަމަށް ބުނެފަ އެވެ. އދ. އިން ވަނީ ސާފު ފެން ފޯރުކޮށްދޭނެ ކަމަށް އަންގައިފަ އެވެ. އަދި ޑަބްލިއުއެޗްއޯ އިން ވަނީ މެޑިކަލް ޓީމުތަކެއް ފޮނުވާނެ ކަމަށް ބުނެފަ އެވެ.