31 މެއި 2017 - 07:13

ދުނިޔޭގެ ބޮކްސް އޮފީހުގައި ޕްރަބާސްގެ "ބަހޫބަލީ 2" އާއި އާމިރު ޚާންގެ "ދަންގަލް 2" އަންނަނީ އެ ފިލްމަށް ވުރެ އަނެއް ފިލްމު ކުރި ހޯދުމަށް ވަރުގަދަ ހަނގުރާމައެއް ކުރަމުންނެވެ. މީގެ ކުރިން ކުރީގައި އޮތީ "ބަހޫބަލީ 2" އެވެ. "ދަންގަލް" އޮތީ ތަންކޮޅެއް ފަހަތުގަ އެވެ. ނަމަވެސް އާދީއްތަ ދުވަހު "ބަހޫބަލީ 2" ފަހަތަށް ޖައްސާލާފައި "ދަންގަލް" ވަނީ ކުރި ހޯދާފަ އެވެ.
މިހާތަނަށް އިންޑިއާގެ ފިލްމަކަށް އެންމެ ގިނަ ފައިސާ ލިބުނު ރެކޯޑް މިހާރު އޮތީ އާމިރުގެ "ދަންގަލް" އަށެވެ. މުޅި ދުނިޔެއިން މި ފިލްމަށް މިހާރު ލިބިފައިވާ އަދަދު 1665 ކްރޯޑު (256 މިލިއަން ޑޮލަރު) އަށް ވަނީ އަރާފަ އެވެ. "ބަހޫބަލީ 2" ދެ ވަނައިގައި އޮތީ 1633 ކްރޯޑު (251 މިލިއަން ޑޮލަރު) ހޯދައިގެންނެވެ.
މިދިޔަ ޑިސެމްބަރު މަހު ރިލީޒްކުރި "ދަންގަލް" ވަނީ އިންޑިއާގައި ވެސް ގިނަ ރެކޯޑްތަކެއް މުގުރާފަ އެވެ. އަދި މި މަހުގެ ފަސް ވަނަ ދުވަހު ޗައިނާގައި ރިލީޒްކުރުމާ އެކު އެ ފިލްމަށް ޗައިނާ އިން އެކަނި ވެސް 140 މިލިއަން ޑޮލަރަށް ވުރެ ގިނައިން ލިބުނެވެ. އެއާއެކު އިންޑިއާގެ ފިލްމަކަށް ގައުމުން ބޭރުން އެންމެ ގިނަ ފައިސާ ލިބުނު ފިލްމުގެ ރެކޯޑް "ދަންގަލް" އަށް ވަނީ ލިބިފަ އެވެ.
"ބަހޫބަލީ 2" ވެސް ދުނިޔޭގެ މާކެޓްގައި އަދިވެސް ވަރަށް ބާރަށް އަންނަނީ ދަތުރުކުރަމުންނެވެ. ނަމަވެސް މި ފިލްމު އަދި ޗައިނާއާ ހަމައަކަށް ނުފޯރަ އެވެ. ނަމަވެސް ޗައިނާގައި "ބަހޫބަލީ 2" އެޅުވުމާ އެކު "ދަންގަލް" އަށް އޮތް ރެކޯޑް މި ފިލްމުން މުގުރާލުމަކީއެކަށީގެންވާ ކަމެކެވެ.