ބްރިޖުގެ ތަނބުތައް ފެނުން މައްޗަށް
ބްރިޖުގެ ތަނބުތައް ފެނުން މައްޗަށް

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގެ ކޮންކްރީޓް ތަނބުތައް ފެނުން މައްޗަށް ހިއްލާލައިފި އެވެ.

ބްރިޖުގެ ތަނބުތައް ފެނުން މައްޗަށް
ބްރިޖުގެ ތަނބުތައް ފެނުން މައްޗަށް

ބްރިޖުގެ ތަނބެއްގެ ކޮންކްރީޓް މަސައްކަތް މުޅިން ނިންމައި ފެނުން މައްޗަށް ތަނބު ފެންނަ ފޮޓޯއެއް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ އާއްމުކުރައްވައިފަ އެވެ. އެ ފޮޓޯއާ އެކު އޭނާ ވިދާޅުވީ ޝެޑިއުލާ އެއްގޮތަށް ބްރިޖުގެ މަސައްކަތްތައް ކުރިއަށް އެބަދާ ކަމަށެވެ.

ބްރިޖުގެ ތަނބުތައް ފެނުން މައްޗަށް
ބްރިޖުގެ ތަނބުތައް ފެނުން މައްޗަށް

މެއިން ބްރިޖުގެ 35 ތަނބު ހުންނައިރު އެޕްރޯޗް ބްރިޖުގައި 88 ތަނބު ހުރެ އެވެ. އެ ހުރިހާ ތަނބުތަކުގެ ވެސް ކޮންކްރީޓް މަސައްކަތް ނިންމައި މިހާރު ކުރިއަށް ދަނީ، ވީ އަކުރެއްގެ ސިފައިގައި އިންނަ ކެޕިން އެޅުމުގެ މަސައްކަތެވެ.

ބްރިޖުގެ މައި ހަތް ތަނބުގައި މި ކެޕިން އަޅައި ނިމުމުން، ލޮނުޒިޔާރަތްކޮޅުގައި ތިބޭއިރު ވެސް ބްރިޖުގެ މަލަމަތި ފެންނާނެ އެވެ.

ކެޕިންގެ މަސައްކަތް މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ނިމުމުން، ތަނބުތަކާ ގުޅޭ ހުރިހާ މަސައްކަތްތަކެއް ގާތްގަނޑަކަށް ނިމުނީ ކަމަށް މިނިސްޓަރު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

އެ އަށް ފަހު ދެން އޮންނާނީ ބްރިޖުގެ ސުޕަ ސްޓްރަކްޗާގެ މަސައްކަތެވެ. ބްރިޖުގެ ސުޕަ ސްޓްރަކްޗާ ހަދަނީ، ޗައިނާގަ އެވެ. އެ މަސައްކަތް ވެސް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި ގިނަ ބްރިޖްތަކެއް ހަދާފައިވާ ސީސީސީސީން ބުނެފައިވާ ގޮތުގައި، އެ ކުންފުނިން ހަދާފައިވާ މަޝްހޫރު ބްރިޖްތަކާ އަޅާބަލާއިރު މާލެ-ހުޅުލެ ބްރިޖު އަޅަން ކުރިމަތިވީ ގޮންޖެހުންތައް ބޮޑެވެ. އެކަމަކު ވެސް އެއްބަސްވެފައިވާ މުއްދަތަށް ވުރެ ކުރިން މަސައްކަތް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެ އެވެ.

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގެ މަސައްކަތް ނިންމަން ސީސީސީސީއާ އެކު އެއްބަސްވީ ސެޕްޓެމްބަރު 2018ގެ ނިޔަލަށެވެ. އެކަމަކު އޭގެ ކުރިން އެ އަހަރުގެ ޖުލައި 26 އަށް މަސައްކަތް ނިންމާލެވޭނެ ކަމުގެ ޔަގީންކަން ބޮޑު ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވާއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.