20 ޖޫން 2016 - 19:31

ރާއްޖޭގައި އުފައްދާ "އަތުމީރު"ގެ ބާވަތްތައް މިއަދުން ފެށިގެން ވިއްކުން މަނާކޮށްފި އެވެ.
"އަތުމީރު" ބްރޭންޑުން އުފައްދަނީ ޕެކެޓްގައި ބަންދުކޮށްފައިވާ ހަވާދުގެ ބާވަތްތަކެވެ. ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެ ބްރޭންޑްގެ ހަވާދު އުފައްދާ ތަނަކީ ކާބޯތަކެތި އުފެއްދުމުގައި ސާފުތާހިރުކަން ކުޑަ ތަނެއްގެ ގޮތުގައި ފާހަގަވެފައިވާ ތަނެކެވެ.
"އަދި މިކަމަކީ އާންމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ފަދަ ކަމަކަށް ވާތީ، މި ބްރޭންޑްގެ އުފެއްދުންތައް ބޭނުންކުރުން ރައްކާތެރި ނޫން ކަމުގައި ކަނޑައަޅައި މިތަކެތި ބާޒާރުން ނެގުމަށް ވަނީ ނިންމައިފަ އެވެ،" ބަޔާނުގައި ވެ އެވެ.
ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އެ ތަކެތި ވިއްކުމަކީ މަނާ ކަމެއް ކަމަށާއި އޭގެ ރައްކާތެރިކަން ކަށަވަރު ކުރެވެންދެން އެތަކެތި ބޭނުން ނުކުރުމަށް ވެސް އިލްތިމާސް ކުރާ ކަމަށެވެ.