31 މެއި 2017 - 07:15

ކައިވެންޏާ ބެހޭ ގޮތުން އުންމީދުކުރީ ހުވަފެނީ ކަންތައްތަކަކަށް ކަމަށާއި ކައިވެނި ނާކާމިޔާބުވުމުގެ ޒިންމާ ނަގާ ކަމަށް، ނޭޕާލަށް އުފަން ބޮލީވުޑް ބަތަލާ މަނީޝާ ކޮއިރާލާ ބުނެފި އެވެ.
މަނީޝާ އާއި ނޭޕާލްގެ ވިޔަފާރިވެރިޔާ ސަމްރަތު ދާލްގެ ކައިވެނި މާ ގިނަ ދުވަހަކު ނުހިފެހެއްޓުނެވެ. މަނީޝާ ކައިވެނި ކުރީ 2010 ވަނަ އަހަރު އެވެ. އަދި އޭގެ ދެ އަހަރު ފަހުން ވަނީ ވަރިވެފަ އެވެ. އޭނާ ބުނީ ހިތްހަމަނުޖެހޭ ގުޅުމެއްގެ މަތީގައި ދެމި ހުރުމަށް ވުރެ ވަކިވުން ރަނގަޅު ކަމަށެވެ.
"އަހަރެން އެކަމުގެ ފުރިހަމަ ޒިންމާ ނަގަން. އަވަސް އަރުވާލައިގެން ކައިވެނި ކުރަން ބޭނުންވުމާއި ކައިވެންޏަށްފަހު އެއީ ދެމި ހުރެވޭ ވަރުގެ ކަމެއް ނޫންކަން އިހްސާސްވުން. އަނެއް ފަރާތުގެ އެއްވެސް ކުށެއް ނެތް،" ޕީޓީއައި އަށް ދީފައިވާ އިންޓަވިއުއެއްގައި މަނީޝާ ބުންޏެވެ.
މަނީޝާ ވަނީ އަނެއްކާ ވެސް ފިލްމު ކުޅެން ފަށައިފަ އެވެ. އެގޮތުން އެންމެ އަވަހަށް ރިލީޒްކުރަން ހަމަޖެހިފައި ވަނީ "ޑިއާ މާޔާ" އެވެ. މި ފިލްމުގައި މަނީޝާ ފެންނާނީ މެދު އުމުރުގެ އެކަނިވެރި އަންހެނެއްގެ ރޯލުންނެވެ. މާޔާ އަކީ އެއްގޮތަކަށް ވެސް ގެއިން ބޭރަށް ނުކުންނަން ބޭނުންވާ މީހެއް ނޫނެވެ. އެކަމަކު އެއީ ލޯބީގެ ސިޓީއެއް ލިބުމާ ހަމައަށެވެ.
މަނީޝާ ބުނި ގޮތުގައި ހަގީގީ ހަޔާތުގައި އޭނާ އެހެން މީހަކާ ގުޅުމުގެ ވިސްނުމެއް ނުގެންގުޅެ އެވެ. ސަބަބަކީ މިވަގުތު އޭނާ ފިލްމީ މަސައްކަތް ކުރަން ފެށުމާ އެކު ދިރިއުޅުން ހަމަޖައްސާލުމުގެ ފުރުސަތު ލިބިފައިވާތީ އެވެ.
މަނީޝާގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަޔާ ޚިލާފަށް "ޑިއާ މާޔާ"ގައި އުޅޭ އަންހެންމީހާ އަކީ ލޯބީގެ ރޮނގުން ކުޅޭ މީހަކު ހޯދަން މަސައްކަތް ކުރާ މީހެކެވެ.
"ދިލް ސޭ" ފަދަ ރީތި ފިލްމުތައް ކުޅެފައިވާ މަނީޝާ، 46، ބުނީ މިކަހަލަ ރޯލެއް މީގެ ކުރިން ކުޅެފައި ނުވާ ކަމަށެވެ.
ސުނައިނާ ބަޓްނާގަރް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޖޫން 2 ގައި ރިލީޒްކުރަން ހަމަޖެހިފައިވާއިރު މަނީޝާ ވަރަށް ބުރަކޮށް ފިލްމު ޕްރޮމޯޓްކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
މަނީޝާ އަލުން ބޮލީވުޑް ފިލްމުތައް ކުޅެން ފަށާފައިމި ވަނީ ކެންސަރާ ހަނގުރާމަކޮށް ފަސޭހަވިތާ ދެ އަހަރެއްހާ ދުވަސް ފަހުންނެވެ.
"ޑިއާ މާޔާ" ފިޔަވައި މަނީޝާ މިހާރު ކުޅެމުން އަންނަ ފިލްމަކީ ސަންޖޭ ދަތުގެ ބައޮޕިކް އެވެ. އެ ފިލްމުގައި މަނީޝާ އަދާކުރަނީ ސަންޖޭ ދަތުގެ މަންމަ ނަރްގިސް ދަތުގެ ރޯލެވެ.