30 މެއި 2017 - 12:15

މޮސްކޯ (މެއި 30) - ރަޝިޔާގެ ވެރިރަށް މޮސްކޯ އަށް އެރި ބާރުގަދަ ތޫފާނެއްގައި 11 މީހުން މަރުވެއްޖެ ކަމަށް އޮފިޝަލުން ބުނެފި އެވެ.

މޮސްކޯގެ ހެލްތު ޑިޕާޓްމަންޓުން ބުނީ ތޫފާނުގައި 50 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށެވެ. މީގެ ތެރޭގައި ކުޑަ ކުދިން ވެސް ހިމެނެ އެވެ. ބައެއް މީހުން މަރުވެފައި ވަނީ ވެއްޓުނު ގަސްތަކުގެ ދަށުވެގެންނެވެ. އަނެއް ބަޔަކު މަރުވީ ގަދަވަޔާ އެކު އައި އެއްޗެހިތަކުން ޖެހިގެންނެވެ.

މޮސްކޯގެ މޭޔަރު ސާގީ ސޮބީއަނިން ވިދާޅުވީ ތޫފާނުގައި ވެރިރަށުން ގިނަ އަދަދެއްގެ ގަސް ވެއްޓިފައިވާ ކަމަށެވެ. ތޫފާނުގެ ގަދަ ވައިގެ ސަބަބުން ރޭލު ޚިދުމަތަށް ވަނީ ބުރޫ އަރައިފަ އެވެ. އަދި މޮސްކޯ އަށް ދަތުރުކުރި ގިނަ އަދަދެއްގެ ފްލައިޓް ވަނީ ޑިލޭކޮށްފަ އެވެ.
ތޫފާނުގައި ވައިޖެހެމުން ދިޔައީ ގަޑިއަކު 110 ކިލޯ މީޓަރު (70 މޭލު) ގެ ބާރު މިނުގަ އެވެ. އަދި މިއީ ވޭތުވެދިޔަ 100 އަހަރު ދުވަހު ތެރޭ މޮސްކޯ އަށް އެރި އެންމެ ބާރުގަދަ ތޫފާން ކަމަށް އޮފިޝަލުން ބުނެ އެވެ.
އިމަޖެންސީ އޮފިޝަލަކު ވިދާޅުވީ ރަޝިޔާގެ ސްޓާވްރޮޕޯލް ސަރަހައްދުގައި ފެންބޮޑުވެދާނެތީ 60،000 މީހުން ރައްކާތެރިކަމުގެ ހިސާބުތަކަށް ބަަދަލުކޮށްފައިވާ ކަމަށެވެ.