30 މެއި 2017 - 11:32

ޑޯޓްމަންޑް (މެއި 30) – ބޮރޫޝިއާ ޑޯޓްމަންޑުގެ ޖަރުމަން ފޯވާޑް މާކޯ ރެއުސްގެ ކަކުލުގެ ލިގަމެންޓުން ބައެއް އިރައިގެން ގޮސް ގިނަ ދުވަސްތަކަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.
އުމުރުން 27 އަހަރުގެ ކުޅުންތެރިއާ އަށް އަނިޔާވީ އެއިންޓްރެކްޓް ފްރެންކްފަޓް 2-1 އަތުން ޖަރުމަން ކަޕުގެ ފައިނަލުގައި ޑޯޓްމަންޑް މޮޅުވި މެޗުގެ ފުރަތަމަ ހާފުގަ އެވެ.
"ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ޓެސްޓްތަކެއް ހަދާނެ އަދި ފަރުވާ ކުރިއަށް ގެންދާނެ ގޮތަކާ މެދު ގޮތްތަކެއް ނިންމާނެ،" ޑޯޓްމަންޑުން ބުނެފައިވެ އެވެ.
މެދުތެރެއަށާއި އަރިމައްޗަށް އަދި ފޯވާޑަކަށް ވެސް ކުޅެވޭ މި ހުނަރުވެރި ކުޅުންތެރިއާގެ ކެރިއަރަށް އަނިޔާގެ ހިޔަނި ވަނީ ވަރަށް ބޮޑަށް އެޅިފަ އެވެ.
އެގޮތުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ޖަރުމަނުން ކާމިޔާބުކުރިއިރު އެ މުބާރާތުގައި ކުޅުމުގެ ފުރުސަތު ގެއްލުނީ ވެސް އަނިޔާގެ ސަބަބުންނެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ ޔޫރޯގެ ސްކޮޑުން ޖާގަ ނުލިބުނީ ވެސް އަނިޔާގެ މައްސަލަތަކެއް އުޅޭތީ އެވެ. މި ސީޒަނުގައި އޭނާ އަށް އަނިޔާގެ ދެ މައްސަލައެއް މީގެ ކުރިން ކުރިމަތިވި އެވެ.