70 ޕަސެންޓް ރޯދަ ނުހިފާ ކަމަށް ބުނި މައްސަލައިގައި ޒައިދާ ސުވާލުކޮށްފި
70 ޕަސެންޓް ރޯދަ ނުހިފާ ކަމަށް ބުނި މައްސަލައިގައި ޒައިދާ ސުވާލުކޮށްފި

އާބާދީގެ 70 ޕަސެންޓް ރޯދަ ނުހިފާ ރަށެއް ރާއްޖޭގައި އޮންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ޝައިޚް އަލީ ޒައިދު ވިދާޅުވި މައްސަލާގައި އިސްލާމިކް މިނިސްޓްރީން އިއްޔެ އޭނާއާ ސުވާލު ކޮށްފި އެވެ.

ދެކުނުގެ ރަށެއްގެ އާބާދީގެ ބޮޑު ބައެއް ރޯދަ ނުހިފާ ކަމަށް އަލީ ޒައިދު ވިދާޅުވީ މި ރޯދަ މަހު ވިޔަފާރިވެރިންގެ މިސްކިތުގައި އަސްރު ނަމާދަށް ފަހު ދެއްވި ދީނީ ނަސޭހަތުގަ އެވެ. އެކަމަކު އެއީ ކޮން ރަށެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

އިސްލާމިކް މިނިސްޓްރީން މިކަން ބަލަން ފެށީ، ވަކި ރަށެއް ހާމަނުކޮށް މިފަދަ ބޮޑު ތުހުމަތެއް ކުރެއްވި މައްސަލަ ހޫނުވެ، ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވުމުންނެވެ.

މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ރަށެއްގެ އާބާދީގެ 70 ޕަސެންޓް ރޯދަ ނުހިފާ ކަމަށް ވިދާޅުވީ ކީއްވެތޯ މިނިސްޓްރީން އޮޅުންފިލުވާފައިވާ ކަމަށެވެ. އެގޮތަށް ވިދާޅުވީ، ދޮގު ނުހަދާނެ ކަމަށް ގަބޫލުކުރެއްވޭ ވަރުގެ މީހަކު ދިން މައުލޫމާތަކަށް ބިނާކޮށް ކަަމަށް އަލީ ޒައިދު ވިދާޅުވި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލާގައި މައުލޫމާތު އޮޅުންފިލުވިއަސް އިސްލާމިކް މިނިސްޓްރީން އޭނާއާ ދޭތެރޭގައި އެއްވެސް ފިޔަވަޅެއް އަދި ނާޅަ އެވެ.

އަލީ ޒައިދު ވިދާޅުވެފައި ވަނީ ނޫސްތަކުގައި ރިޕޯޓްކޮށްފައި ވަނީ އޭނާ ދެއްކެވި ވާހަކައިގެ އެއްބައި އުނިކޮށްފައި ކަމަށެވެ. އެގޮތަށް ގެނެސްދިނުމުން، މައުލޫމާތު އޮޅިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ދެންނެވީ އަޅުގަނޑު ރަށަކަށް ދިޔައީމަ، މީހެއްގެ ފަރާތުން މައުލޫމާތު ލިބުނޭ އެ ރަށުގެ ގާތްގަނޑަކަށް 70 ޕަސެންޓް މީހުން ރޯދަ ނުހިފާ ކަމަށް. އަޅުގަނޑު ދެތިން ފަހަރަކު އެހީމޭ، އެ ޔަގީންކޮށްލަން ވެގެން. އަޅުގަނޑަށް ލިބުނު މައުލޫމާތެކޭ އެއީ،" އަލީ ޒައިދު ވިދާޅުވެފައިވެ އެވެ.