ބްރެޒިލްގެ ޒުވާން ގޯލްކީޕަރު ސިޓީއާ ދިމާލަށް
ބްރެޒިލްގެ ޒުވާން ގޯލްކީޕަރު ސިޓީއާ ދިމާލަށް

މެންޗެސްޓާ (މެއި 30) – ބެންފީކާގެ ބްރެޒިލް ގޯލްކީޕަރު އެޑެސަން މޮރައެސް 33 މިލިއަން ޕައުންޑަށް ގަތުމާ ގާތަށް އިންގްލެންޑުގެ މެންޗެސްޓާ ސިޓީ ޖެހިލައިފި އެވެ.

މޮރައެސް އަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ޝައުގުވެރިވާ އިރު އެ ކްލަބުން ވަނީ ބަދަލު ކީޕަރު ވިލީ ކަބަލެރޯ ދޫކޮށްލައިފަ އެވެ. މާނައަކީ އިތުރު ކީޕަރެއް ގެންނާނެކަން ކަށަވަރުވުމެވެ.

ހުކުރު ދުވަހު ބެންފީކާއާ އެކު ޕޯޗުގަލް ކަޕް ކާމިޔާބުކުރުމަށް ފަހު އުމުރުން 23 އަހަރުގެ ކުޅުންތެރިއާ ވަނީ އެއީ އޭނާ އެ ކްލަބަށް ކުޅޭނެ ފަހު މެޗަށް ވުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެފަ އެވެ.

ބްރެޒިލްގެ 23 އަހަރުން ދަށުގެ ޓީމަށް ފަސް މެޗު ކުޅެދީފައިވާ މޮރައެސް އަންނަނީ 2015 ވަނަ އަހަރުން ފެށިގެން ބެންފީކާގެ ސީނިއާ ޓީމަށް ކުޅެމުންނެވެ. އެ ކްލަބާ އެކު އޭނާ ވަނީ ޕޯޗުގީސް ލީގު ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ.

ސިޓީއާ މިދިޔަ ސީޒަނުގައި ގާޑިއޯލާ ހަވާލުވެ ބޮޑު ހޭދަތަކެއް ކުރި ނަމަވެސް ތަށްޓެއް ނުހޯދުނެވެ. އެ ޓީމު ލީގު ނިންމާލީ ތިން ވަނައިގަ އެވެ.

އަންނަ ސީޒަނަށް ސިޓީން ވަނީ މޮނާކޯގެ ޕޯޗުގަލް މިޑްފީލްޑަރު ބެރްނާޑޯ ސިލްވާ ގެނެސްފަ އެވެ. މީގެ އިތުރުން އެ ޓީމުން އަންނަނީ މޮނާކޯގެ ފްރާންސް ފުލްބެކް ބެންޖާމިން މެންޑީ ގެންނަން ވެސް މަސައްކަތްކުރަމުންނެވެ.