ޕާޓީތަކަށް ދޭ ފައިސާ ނުލިބިގެން އެމްޑީޕީން ދައުވާކުރަނީ
ޕާޓީތަކަށް ދޭ ފައިސާ ނުލިބިގެން އެމްޑީޕީން ދައުވާކުރަނީ

ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭން ޖެހޭ ފައިސާ ނުދީ ލަސްކުރާތީ އެ ފައިސާ ހޯދަން އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ދައުވާ ކުރަން ނިންމާފައިވާ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

އެ ކޮމިޝަނަށް މިއަދު އެމްޑީޕީން ފޮނުވި ސިޓީއެއްގައި ބުނީ ޕާޓީތަކަށް ދޭން ޖެހޭ ފައިސާ، އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ހަވާލު ކުރަން އޮތް ނަމަވެސް، އެމްޑީޕީއަށް ލިބެން ޖެހޭ ފައިސާ އިލެކްޝަންސް ކޮމިޝަނުން ހިފަހައްޓާފައިވާ ކަމަށެވެ. އަދި އެ ފައިސާ ހޯދުމަށް އިލެކްޝަންސްއާ ދެކޮޅަށް ދައުވާ ކުރަން ނިންމާފައިވާ ކަމަށް އެ ސިޓީގައި ބުނެފައި ވެ އެވެ.

އެމްޑީޕީގެ އިތުރުން އެއްވެސް ޕާޓީއަކަށް އަދި އެ ކޮމިޝަނަކުން ފައިސާ ދޫކޮށްފައެއް ނުވެ އެވެ.

އެ ސިޓީގައި ބުނީ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭން ކަނޑައަޅާފައިވާ ފައިސާ ނުދީ ހިފެހެއްޓުމުގެ ގާނޫނީ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެން ނުވާކަމަށް މީގެ ކުރިން ސިވިލް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. އަދި މި ފައިސާ ނުދީ މިހާރު ހިފެހެއްޓުމަކީ ކޯޓުގެ އަމުރަކާ ހިލާފަށް ކުރަމުން އަންނަ ކަމެއް ކަމަށް ވެސް އެ ސިޓީގައި ބުނެފައި ވެ އެވެ.

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް 0،1 ނުވަތަ 0.2 ޕަސެންޓްގެ އަދަދެއް ދޭން ޖެހެ އެވެ. އެ ގޮތުގެ މަތިން ބަލާއިރު، އެންމެ މީހުން ގިނަ ޕާޓީ، އެމްޑީޕީ ގާތްގަނޑަކަށްް 14 މިލިޔަން ރުފިޔާ ޖެހޭނެ އެވެ. ދެ ވަނައަށް މެންބަރުން އެންމެ ގިނަ ޕާޓީ، ޕީޕީއެމަށް ނުވަ މިލިޔަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވެ އެވެ.

އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ޕާޓީގެ މެމްބަޝިޕް ފޯމުތަކުގައި ފިންގަޕްރިންޓް ޖެހުމާ ގުޅޭ ގޮތުން އުފެދުނު މައްސަލައިގައި ކޯޓުން އަދި ގޮތެއް ނުނިންމާތީ އާއި މެމްބަރުންގެ އަދަދު ކަށަަވަރު ނުވާތީ ފައިސާ އަދި ދޫކުރެވޭކަށް ނެތެވެ.

ކޯޓުން އަޅުގަނޑުމެންނަށް އަމުރުކޮށްފައި އޮތީ ފިންގަޕްރިންޓްގެ މައްސަލައިގައި ވަކި ގޮތެއް ކަނޑަނާޅަނީސް އެކަމާ ގުޅޭ އެއްވެސް ކަމެއް ކުރިއަށް ނުގެންދަން. ފައިސާ މި ދޫކުރަނީ ޕާޓީތަކުގެ މެމްބަރުންގެ އަދަދަށް ބަލާފައި. އެހެންވެ، ޕާޓީގައި މީހުން ތިބި އަދަދު ކަށަވަރު ނުވާ ނަމަ ފައިސާއެއް ދުލެއް ނުކުރެވޭނެ،" އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވެފައި ވެ އެވެ.