ކިމް ޖޮން-ނަމްގެ ޝަރީއަތް މެލޭޝިއާގެ ހައި ކޯޓަކަށް ބަދަލުކޮށްފި
ކިމް ޖޮން-ނަމްގެ ޝަރީއަތް މެލޭޝިއާގެ ހައި ކޯޓަކަށް ބަދަލުކޮށްފި

ކުއާލަ ލަމްޕޫރު (މެއި 30) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ އެއްބަފާ ބޭބެ ކިމް ޖޮން-ނަމް މަރާލި ކަމަށް ބެލެވޭ ދެ އަންހެނުންގެ ޝަރީއަތް މެލޭޝިއާގެ ހައި ކޯޓަކަށް ބަދަލުކޮށްފި ކަމަށް ދިފާއީ ވަކީލް ބުނެފި އެވެ.

މެލޭޝިއާ އެއާޕޯޓުގައި ހުއްޓާ ވިހަ ބޭނުންކޮށްގެން ފެބްރުއަރީ 13 ވަނަ ދުވަހު ކިމް މަރާލާފައި ވަނީ އިންޑޮނީޝިއާގެ އަންހެނެއް ކަމަށްވާ ސިތީ އައިޝާ، 25، އާއި ވިއެޓްނާމުގެ އަންހެނެއް ކަމަށްވާ ދޯން ތި ހުއޮން، 28، އެވެ. މި ދެ އަންހެނުންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ މަރުގެ އަދަބު އަންނާނެ އެވެ. ކިމްގެ މޫނުގައި ހާކާފައި ވަނީ ވީއެކްސް ނާވް އެޖެންޓެކެވެ.

ސައުތު ކޮރެއާ އިން ތުހުމަތުކޮށްފައި ވަނީ ކިމް މަރާލީ ނޯތު ކޮރެއާގެ ރޭވުމަކުން ކަމަށެވެ.

އައިޝާ އާއި ހުއޮންގެ މައްޗަށް ދައުވާ ކުރީ މާޗް 1 ވަނަ ދުވަހު އެވެ. އެ މީހުންގެ ޝަރީއަތް ކުރިއަށް ގެންދިޔައީ ސެޕަން ޑިސްޓްރިކްޓުގެ މެޖިސްޓްރޭޓް ކޯޓުގަ އެވެ. ނަމަވެސް ޕްރޮސެކިއުޓަރުން ވަނީ މި މައްސަލަ މަތީ ކޯޓަކަށް ބަދަލުކޮށް ދިނުމަށް އެދިފަ އެވެ. އެހެންވެ ޑިސްޓްރިކްޓް ކޯޓުގެ ފަނޑިޔާރު މިއަދު ވަނީ އެ މައްސަލަ ޝާހު އާލަމް ހައި ކޯޓަށް ބަދަލުކޮށްދީފަ އެވެ. ހައި ކޯޓުގައި މައްސަލަ ފަށާނެ ތާރީޚެއް އަދި ހަމައެއް ނުޖައްސައިފަ އެވެ.

ކިމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރި ނޯތު ކޮރެއާގެ ތިން މީހަކު އެނބުރި އެ މީހުންގެ ގައުމަށް ދިއުމަށް މާޗު މަހު މެލޭޝިއާ އިން ވަނީ ހުއްދަ ދީފަ އެވެ. އަދި ކިމްގެ ހަށިގަނޑު ވެސް ވަނީ ނޯތު ކޮރެއާއާ ހަވާލުކޮށްފަ އެވެ.