30 މެއި 2017 - 11:19

ލަންޑަން (މެއި 30) - ޗެމްޕިއަންޝިޕް ޕްލޭއޮފް ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 4-3 އިން ރެޑިން ބަލިކޮށް 45 އަހަރަށް ފަހު ހަޑްސްފީލްޑް ޓައުން އިނގިރޭސި ޕްރިމިއާ ލީގުން ޖާގަ ހޯދައިފި އެވެ.
އަންނަ ސީޒަނުގެ ޕްރިމިއާ ލީގުން ހަޑްސްފީލްޑްގެ އިތުރުން ޖާގަ ހޯދީ ނިއުކާސަލް ޔުނައިޓެޑާއި ބްރައިޓަން ހޯލްވް އަލްބިއަން އެވެ.
ހަޑްސްފީލްޑް އެންމެ ފަހުން ޕްރިމިއާ ލީގުގައި ވާދަކުރީ 1972 ވަނަ އަހަރު އެވެ. ހަޑްސްފީލްޑަކީ ފާއިތުވި އަހަރު އިނގިރޭސި ދެ ވަނަ ޑިވިޝަން ކަމަށްވާ ޗެމްޕިއަންޝިޕްގެ 19 ވަނައިގައި އޮތް ޓީމެވެ. ބޮރޫޝިއާ ޑޯޓްމަންޑުގެ ދެ ވަނަ ޓީމަށް ކޯޗުކޮށްދިން ޑޭވިޑް ވެގްނާ ހަޑްސްފީލްޑާ 2015 ވަނަ އަހަރު ހަވާލުވި ފަހުން އެ ޓީމު އަންނަނީ ނަތީޖާ ރަނގަޅު ކުރަމުންނެވެ.
"އަހަރެން މި ކްލަބާ ހަވާލުވުމަށް ފަހު ފުރަތަމަ އަމާޒަކީ ވެސް މި ޓީމު ޕްރިމިއާ ލީގަށް އަލުން ގެންގޮސްދިނުން. ހަގީގަތުގައި މި އުނދަގޫ މަސައްކަތް މިއަދު ހަގީގަތަކަށް މިވީ. އަހަރެން މި ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް ވަކިވަކިން ސެލިއުޓްކުރަން ބޭނުން،" ކުރިން އެމެރިކާ ގައުމީ ޓީމަށް ކުޅުނު ވެގްނާ ބުންޏެވެ.
ޕްލޭއޮފް ފައިނަލުން މޮޅުވާ ޓީމަކަށް ކުރިއަށް އޮތް ތިން ސީޒަނުގައި މަދުވެގެން އެކި ސްޕޮންސަޝިޕް އެއްބަސްވުމުގެ ތެރެއިން މަދުވެގެން 170 މިލިއަން ޕައުންޑް ލިބޭނެ އެވެ. ވެގްނާ ބުނީ އޭނާގެ އަމާޒަކީ ހަޑްސްފީލްޑަކީ ޕްރިމިއާ ލީގުގައި ފައިތިލަ ސާބިތުކުރާ ޓީމަކަށް ހެދުން ކަމަށެވެ.
"އަހަރެން ބޭނުމެއް ނޫން އެއް ސީޒަނަށް ފަހު ޕްރިމިއާ ލީގުން ރެލިގޭޓްވާން. ޓާގެޓެއް އޮވެގެން ކުރިއަށްދެވޭނީ. ފުރަތަމަ ސީޒަނުގައި މާ ބޮޑު ހަރަދުތަކެއް ކޮށްގެން ބޮޑު ޓާގެޓެއް ކަނޑައެޅޭނެ ފެންވަރެއް މި ޓީމަކު ނެތް. ބޭނުންވަނީ ފުރަތަމަ ކަމަކަށް ޕްރިމިއާ ލީގުގައި ފައިތިލަ ސާބިތުކުރަން،" ވެގްނާ ބުންޏެވެ.
ވެގްނާ ހޯދަން އެސްޓަން ވިލާ އާއި ވުލްފްސްބާގުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް އޭނާ ބުނީ އަންނަ ސީޒަނުގައި ވެސް ފެންނާނީ ހަޑްސްފީލްޑުން ކަމަށެވެ.