30 މެއި 2017 - 10:39

ބާސެލޯނާ (މެއި 30) - ބާސެލޯނާގެ ކޯޗުކަމާ ހަވާލުވި އާނަސްޓޯ ވަލްވޭޑޭ އަކީ އެ ޓީމާ ގުޅޭ ސްޓައިލުގެ ކޯޗެއް ކަމަށް ބާސެލޯނާގެ ރައީސް ޖޯސެޕް މާރިއާ ބޯޓޮމެއު ވިދާޅުވެއްޖެ އެވެ.
ކުރިން އެތުލެޓިކް ބިލްބާއޯ އަށް ކޯޗުކޮށްދިން ވަލްވޭޑޭ ބާސެލޯނާއާ ހަވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ބާސެލޯނާ ކޯޗުކަން ފުރަތަމަ ހުށަހެޅީ ދާދި ފަހުން އާޖެންޓީނާ ގައުމީ ޓީމާ ހަވާލުވި ކުރިން ސެވިއްޔާގެ ކޯޗު ޖޯޖް ސަމްޕައޮލީ އަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނި ނަމަވެސް ބާޓޮމެއު އެކަން ދޮގުކުރެ އެވެ.
"އަހަރެމެންގެ ފުރަތަމަ ވިސްނުމަކީ ވެސް ވަލްވޭޑޭ. އޭނާ އަކީ ޔޫތު ކުޅުންތެރިން ޕްރޮމޯޓްކޮށް މި ކްލަބަށް ބޭނުންވާ ކުރިއެރުން ހޯދައިދެވޭނެ ކޯޗެއް. ވަލްވޭޑޭ އަށް ޕްރެޝަރުގައި މަސައްކަތް ކުރަން އެނގޭނެ އޭނާގެ އެފަދަ ތަޖުރިބާ އެބަހުރި. ޖުމްލަކޮށް ބުނަންޏާ ވަލްވޭޑޭ އަކީ ބާސެލޯނާ ސްޓައިލުގެ ކޯޗެއް،" ބާޓޮމެއު ވިދާޅުވި އެވެ.
ބާސެލޯނާ އިން ވަލްވޭޑޭއާ އެކުވި އެއްބަސްވުމުގައިވާ ގޮތުން އެ ކްލަބުން ބޭނުންނަމަ އިތުރު އެއް އަހަރަށް އޭނާ އެ ޓީމުގައި މަޑުކުރުމުގެ އިހުތިޔާރު އޮވެ އެވެ. ވަލްވޭޑޭ ރަސްމީކޮށް ބާސެލޯނާ ކޯޗެއްގެ ގޮތުގައި މީޑިއާއާ ބައްދަލުކުރާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.
ވަލްވޭޑޭ ބޭނުންވާ ކުޅުންތެރިން ގެންނަން ބޮޑު ބަޖެޓެއް ދިނުމަށް ބާސެލޯނާ ބޯޑުން ވަނީ ނިންމައިފަ އެވެ. ބާސެލޯނާ އިން ފާރަލަމުން އަންނަ ކުޅުންތެރިންގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑްގެ އެންޑަ ހެރޭރާ އާއި ލިވަޕޫލްގެ ފިލިޕޭ ކޯޓީނިއޯ އަދި ޕީއެސްޖީގެ މާކޯ ވެރާޓީ ހިމެނެ އެވެ.
ވަލްވޭޑޭ ވަނީ 1988 އިން 1990 އަށް ބާސެލޯނާ އަށް ކުޅެފަ އެވެ. އޭނާ ވަނީ އެ މުއްދަތުގައި އެޓީމާ އެކު ކޮޕަ ޑެލްރޭ އާއި ޔޫއޭފާ ކަޕް ވިނާސް ކަޕް ކާމިޔާބު ކޮށްފަ އެވެ.
ވަލްވޭޑޭ ކޯޗިން ކެރިއަރު ފެށީ 2001 ވަނަ އަހަރު ބިލްބާއޯ އެސިސްޓަންޓް ކޯޗެއްގެ ގޮތުގަ އެވެ. އޭގެ ފަހުން އޭނާ ވަނީ އޮލިމްޕިއާކޯސް އަށް ދެ ފަހަރާއި ވިޔަރެއާލާއި އަދި ވެލެންސިއާ އަށް ކޯޗުކޮށްދީފަ އެވެ. އޭނާ ދެ ވަނަ ފަހަރަށް ބިލްބާއޯއާ ހަވާލުވީ 2013 ވަނަ އަހަރު އެވެ.