30 މެއި 2017 - 07:49

އިސްލާމް ދީނާ އިދިކޮޅު ބައެއް މީހުން އިސްލާމް ދީނުގެ އެކި ކަންކަމާ މެދު އުފައްދާ ޝުބުހާ (ރަނގަޅު ކަމެއް ނޫން ކަމަށް އުފައްދާ ޝައްކު)ތަކުގެ ތެރޭގައި ރޯދައިގެ އަޅުކަމާ މެދު އުފައްދާ ބައެއް ޝުބުހާތައް ވެސް ވެއެވެ. މުސްލިމުންގެ ތެރެއިން ބައެއް މީހުން މިފަދަ ޝުބުހާތަކަށް ތާއީދު ވެސް ކުރެ އެވެ. ނަމަވެސް މިދެންނެވި ފަދަ ޝުބުހާތަކުގައި ހަގީގަތެއް ނެތްކަން ބުއްދީގެ ހަމަތަކާއި ދީނީ ނައްޞުތަކުގެ އަލީގައި އަޅާ ކިރައިލުމުން ހާމަވެގެންދާނެ އެވެ.

ރޯދައިގެ އަޅުކަމާ މެދު އުފައްދާ އެއް ޝުބުހާ އަކީ ރޯދައަކީ ކެއިން ބުއިމުގައި ގެންގުޅޭ އާދަތަކާ ޚިލާފުވާން ޖެހޭ، ވަރަށް ބޮޑެތި އުނދަގޫތަކާއި ބުރަތައް އުފުލަން ޖެހޭ، އަދި ތަރައްގީގެ ޒަމާނާ ނުގުޅޭ ކަޓު ކަމެކެވެ. މީގެ ރައްދުގައި އެންމެ ފުރަތަމަ ބުނަން ޖެހެނީ ރޯދަ ހިފުމަކީ ކެއިންބުއިމުގެ ގަޑިތަކަށް ބަދަލު ގެންނަން ނުޖެހޭ އަދި އުނދަގޫތަކެއް ތަހައްމަލު ކުރަން ނުޖެހޭ ކަމެއް ކަމަށް އިސްލާމް ދީން ދައުވާ ނުކުރާ ކަމަށެވެ.
އެހެން ނަމަވެސް އެއާ އެކުގައި ދެން ބުނަން ޖެހެނީ މި ބަދަލުތަކާއި ތަހައްމަލު ކުރުންތަކުން ލިބޭ މަންފާތަކާ މެދު ވިސްނާލުން ވަރަށް މުހިންމު ކަމަށެވެ. ދިރިއުޅުމުގެ ހަޔާތުގައި އިންސާނާ ކުރިމަތިލާން ޖެހޭ އެކިއެކި ދަތިތަކާއި އުނދަގޫތަކަށް ކެތްތެރިވާން ދަސްކުރުމުގެ ގޮތުން ހޯދާ ތަމްރީނެއް ކަމުގައި ރޯދަހިފުން ވެ އެވެ. މިފަދަ ތަމްރީނެއް ހޯދުމަކީ ކަޓު ކަމެއް ކަމުގައި ވެދާނެ ހެއްޔެވެ؟ ނުވަތަ މީހެއްގެ އަމިއްލަ އެދުންތައް ވަކި ހައްދެއްގައި ހިފަހައްޓައި އެ ކޮންޓްރޯލު ކުރަން ދަސް ކުރުން އެއީ ތަރައްގީގެ ޒަމާނާ ނުގުޅޭ ކަމެއް ކަމުގައި ވެދާނެ ހެއްޔެވެ؟
ހަގީގަތަށް ބަލާ ނަމަ އިންސާނާ ޞާލިޙު މީހަކަށްވެ މުޖުތަމަޢަށް އޭނާގެ ފަރާތުން މަންފާ ލިބޭނީ އެ މީހެއްގެ އަމިއްލަ އެދުންވެރިކަމުން ބައެއް ގުރުބާންކޮށް އެހެން މީހުންނަށް ތަންދީގެންނެވެ. ޙައިވާނުންނާއި ތަންދޮރު އޮޅުންނުފިލާ ކުޑަކުދިން ފަދައިން ބޭނުންތައް ފުއްދަން އުޅުމަކުން ނޫނެވެ. ސަބަބަކީ އިންސާނެއްގެ ސުލޫކުގެ އަސާސް އެއީ އެ މީހަކު ބޭނުންހާ ގޮތަކަށް އެއްވެސް ގައިދެއް ނެތި އެދުންތައް ފުއްދުން ކަމަށް ވާނަމަ ފުރިހަމަ މުޖުތަމައަކަށް ޖާގައެއް ނޯންނާނެ އެވެ.
މުޖުތަމަޢުގައި ހަމަޖެހުމާއި އަމަން އަމާންކަން ބޭއްވެނީ ވެސް އެ މުޖުތަމަޢެއްގެ އަފްރާދުން ކޮންމެ ކަމެއްގައި ވެސް ވަކި ހައްދުތަކެއްގެ މަތީ ތިބުމުންނެވެ. ތިމާ އަށް ހައްގުތަކެއް ލިބިގެންވާ ފަދައިން ތިމާ އަދާކުރަން ޖެހޭ ވާޖިބުތަކެއް ވެސް އަދާ ކޮށްގެންނެވެ.
ރޯދައިގެ އަޅުކަމާ މެދު އުފައްދާ ދެ ވަނަ ޝުބުހާ އަކީ ރޯދައަކީ އަދަދުގެ ގޮތުންނާއި ފެންވަރުގެ ގޮތުން އުފެއްދުންތެރިކަމަށް ހުރަސް އަޅާ ކަމެކެވެ. ޒަމާނީ ޙަޟާރަތަކީ އުފެއްދުންތެރިކަން ކަމުގައި ވާއިރު ރޯދަހިފުމުން އުފެއްދުންތެރިކަން ދަށްވުން އެއީ ޒަމާނީ ޙަޟާރަތާ އިދިކޮޅު ކަމެކެވެ.
މީގެ ޖަވާބުގައި ބުނަން ޖެހެނީ، ރޯދަ އޭގެ ހަގީގީ މާނައިގައި އޭގެ ރޫހާ އެކުގައި ހިފާ ނަމަ އޭގެ ސަބަބުން ﷲ އަށް ބިރުވެތިވެ ޚުޝޫޢަތްތެރި ވާން އިންސާނާ އަށް ދަސްކޮށްދެ އެވެ. މި ދަސްކުރާ ޚުޝޫޢަތްތެރިކަމުގެ ދަށުން އިންސާނާގެ ވަރުގަދަ ޟަމީރެއް ތައްޔާރު ވެގެން ދެ އެވެ. މިފަދަ ޟަމީރަކީ ކަންކަން ކުރުމުގައި ޤާނޫނުތަކާއި ގަވައިދުތަކުގެ ސަބަބުން ލިބޭ ބާރަށް ވުރެ ވަރުގަދަ ބާރެކެވެ.
ހަމަ އެހެންމެ ފާހަގަ ކޮށްލަން ޖެހޭ އަނެއް ކަމަކީ ރޯދަ އަށް ތިބެން ޖެހޭ ނަމަ ދިރިއުޅުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ނުކޮށް ތިބެން އިސްލާމް ދީން ބާރު ނާޅާ ކަމެވެ. އެއާ ޚިލާފަށް އިސްލާމް ދީން ދަސްކޮށްދެނީ ޖިހާދު ކުރުން ފަދަ ވަރުގަދަ ބޮޑެތި މަސައްކަތްތައް ކަމުގައި ވިއަސް ރޯދަ މަހޭ ކިޔާފައި ފަސްކޮށްލަން ނުޖެހޭނެ ކަމެވެ.
އިސްލާމީ ގޮތަކީ އެހެން ދުވަސްދުވަހާ ވަކި ތަފާތެއް ނެތި ދިރިއުޅުމުގެ މަސައްކަތުގައި ރޯދަ އަށް ތިބޭ އިރު ވެސް އުޅެމުން ގެންދިއުމެވެ. މަސައްކަތް ބުރަވެ ތިމާ އަށް ތަހައްމަލު ކުރަން ވަރަށް ދަތި ވެއްޖެ ހާލަތެއްގައި ވެސް މަސައްކަތް ދޫކޮށްލަން އިރުޝާދު ނުދީ އިސްލާމް ދީން ލުޔެއް ދެނީ ރޯދަ ހިފުމުގަ އެވެ. އެއީ ފަހުން އެ ޤަޟާ ކުރާ ގޮތަށް ރޯދަ ދޫކޮށްލުމެވެ. ވީމާ އުފެއްދުންތެރިކަމުގެ މަސައްކަތަށް ރޯދައިގެ ސަބަބުން ގެއްލުމެއް ލިބުމެއް ނެތެވެ.
ނަމަވެސް އެއްބަސްވާން ޖެހޭ ކަމެއް ވެސް އެބައޮތެވެ. އެއީ ރޯދަމަހުގެ ތެރޭގައި އަޅުކަންތަކަށް ތަންކޮޅެއް ގިނަ ވަގުތު ދޭން ޖެހޭތީ މަސައްކަތް ކުރަން ލިބޭ ވަގުތު މަދުވުމުން ކޮންމެވެސް މިންވަރެއްގެ އުނިކަމެއް އުފެއްދުންތެރިކަމަށް އަތުވެދާނެ ކަމެވެ. ހަގީގަތުގައި މިކަމުގައި ވެސް ފާހަގަ ކޮށްލަން ޖެހެނީ ފުރިހަމަ ގޮތުގައި ރޯދަހިފާ މީހާ ރޯދައިގެ ސަބަބުން ލިބޭ ތަރުބިއްޔަތުގައި ވަރުގަދަ ޟަމީރެއް ތަރައްގީ ވެގެން ދާނެ ކަމެވެ. އުފެއްދުންތެރިކަމަށް ލިބިދާނެ އެންމެހާ ގެއްލުންތައް މި ޟަމީރުގެ ސަބަބުން ފޫބައްދައިދޭނެ އެވެ. އެހެނީ މަސައްކަތް ކުރުމާއި މަސައްކަތް ފުރިހަމަ ކުރުމާއި ޒިންމާ އަދާކުރުމާއި ބިން އާރާސްތު ކުރުން ފަދަ ކަންކަން ފުރިހަމަ ކުރުމަށް މި ޟަމީރުން ބާރު އަޅައިދޭނެތީ އެވެ.
ހަގީގަތަށް ބަލާނަމަ އުފެއްދުންތެރިކަމުން ލިބޭ މާއްދީ ކުރިއެރުން އެކަނި ފުރިހަމަ ޙަޟާރަތެއް ބިނާ ކުރުމަކަށް ނުފުދެ އެވެ. ސަބަބަކީ އަފްރާދުންގެ ބާއްޖަވެރިކަމާއި ހަމަޖެހުމާއި އަމާންކަން މުޖުތަމަޢުގައި އޮންނާނެ ކަމުގެ ގެރެންޓީ އަދި އެފަދަ އުފެއްދުންތެރި ކަމަކުން ނުލިބޭނެތީ އެވެ. އަދި ކިއެއްތަ! އިންސާނީވަންތަ ކަމާއި މާތް އަޚްލާގުގެ މިންގަނޑުތަކުން އެއްކިބާވެފައިވާ އެފަދަ މާއްދީ ކުރިއެރުމަކީ މުޖުތަމަޢުގެ ހަލާކު ކަމުގައި ވުން ވަރަށް އެކަށީގެން ވެ އެވެ. ޢަދުލުވެރިކަމާއި އެއްބައިވަންތަކަމާއި ލޯތްބާއި އުޚުއްވަތްތެރިކަން ފަދަ މާތް އުޞޫލުތައް ނެތި ހަމައެކަނި މާއްދީ ކުރިއެރުމަކުން ފުރިހަމަ ޙަޟާރަތެއް ގާއިމު ނުކުރެވޭނެ އެވެ.
ރޯދައިގެ އަޅުކަމާ މެދު އުފައްދާ އަނެއް ޝުބުހާ އަކީ ރޯދައަކީ މުޖުތަމަޢުގައި މީހުން ބައިބައި ކުރުވާ ކަމެކެވެ. އެއީ ރޯދަހިފުމުގައި ބައެއް މީހުން އެކަމަށް ތަރުހީބުދީ އެކަން ކުރިއަސް އަނެއް ބަޔަކު އެކަމަށް ތަރުހީބު ނުދޭތީ އެވެ. އަދި ކިއެއްތަ! ގިނަ ފަހަރު މިފަދަ މީހުންގެ ފަރާތުން އިދިކޮޅު ހަދައި ޗެލެންޖު ކުރުމުގެ ރޫހެއް އުފެދިގެން ދާތީ އެވެ. މިފަދަ ބައިބައިވުމާއި އިދިކޮޅުހެދުން އެއްވެސް މުޖުތަމަޢެއްގައި އޮވެއްޖެ ނަމަ އެ މުޖުތަމަޢަކަށް ކުރިއެރުމެއް ނުލިބޭނެ އެވެ.
މީގެ ޖަވާބުގައި އެންމެ ފުރަތަމަ ބުނެލަން ޖެހެނީ އެއްވެސް މުޖުތަމަޢެއްގައި އެ މުޖުތަމަޢުގެ އަފްރާދުންގެ މައްޗަށް ލާޒިމުކުރާ ކަންކަން އަދާކުރުމުގައި އެކަން ކުރާ ހިތްވާ ބަޔަކާއި ކުރާ ހިތްނުވާ ބަޔަކު ނުއުފެދެނީ ކޮން ކަމެއްގައި ތޯ އެވެ؟ މުޖުތަމަޢެއްގައި އޮންނަ ގާނޫނު ތަންފީޒު ކުރުމުގައި ގެންގުޅެން އޮންނަ ބާރުތައް ނޯންނަ ނަމަ މިދެންނެވި ތަފާތު ވަރަށް ސާފުކޮށް ފެންނާނެ އެވެ.
އަނެއްކޮޅުން ބަލާއިރު އެފަދަ ވާޖިބުތައް އަދާކުރުމުގައި އެކި މީހުން ތަރުހީބު ދޭ މިންވަރު ތަފާތުވާތީ އެ ތަފާތުތައް ނައްތާލުމަށް އޮތް އެންމެ މޮޅު ހައްލަކީ އެ ވާޖިބުތައް ކެންސަލް ކުރުން ހެއްޔެވެ؟ އެފަދަ ވާޖިބުތަކަކީ މުޖުތަމަޢަށް އަދި ވަކިވަކި ފަރުދުންނަށް މަޞްލަޙަތާއި ފައިދާހުރި ކަންކަން ކަމަށް ވާނަމަ އެކަންކަން ކުރަން ނުރުހޭ ބަޔަކު ތިއްބޭ ކިޔާފައި އެކަން ދޫކޮށްލުމަކީ ރަނގަޅު ކަމަކަށް ނުވާނެ އެވެ.
އެހެންވެއްޖެ ނަމަ ދެން އެފަދަ އެއްވެސް ވާޖިބެއް މުޖުތަމައުގެ މައްޗަށް ފަރުޟު ނުކުރެވޭނެ އެވެ. ކޮންމެ މީހަކު ވެސް އެމީހަކު ބޭނުންވާ ގޮތަކަށް އޭރުން ޖެހޭނީ ދޫކޮށްލާށެވެ. އެއީ ބައިބައި ވެދާނެތީ އެވެ! އެކަމަކު ހަގީގަތުގައި ބައިބައި ވާނީ މިހެން ދޫކޮށްލުމުން ނޫން ބާވައެވެ؟
ރޯދައަކީ މީހުންގެ އެދުންތަކާއި ބޭނުންތައް ބަދަލުވީމާ އޭގެ މަގުސަދު ބަދަލުވެގެންދާ ފަދަ ކަމެއް ނޫނެވެ. އެއީ އިސްލާމީ އަޅުކަންތަކުގެ ތެރެއިން އަޅުކަމެކެވެ. ޒަމާނާއި ތަން ބަދަލު ވުމަކުން އެ އަޅުކަމުގެ މަގުސަދަކަށް ބަދަލެއް ނާންނާނެ އެވެ. އަދި އެކަން ކުރުމާއި ނުކޮށް ދޫކޮށްލުމުގެ އިޚްތިޔާރެއް ނުލިބޭނެ އެވެ. މީހެއްގެ މައްޗަށް ކަމެއްކުރުން ވާޖިބުވެފައި ވުން އެއީ އަދި އެކަމެއް އެ މީހަކު ކުރާ ހިތްވުމާއި ނުވުމާ ވަރަށް ތަފާތު ދެ ކަމެކެވެ. ވީމާ ރޯދައާ މެދު އުފައްދާ މިފަދަ ޝުބުހާތަކުގައި މުސްލިމުން ނުޖެހި ސަލާމަތް ވާން ޖެހޭނެ އެވެ. އަދި މިފަދަ ޝުބުހާތައް އުފައްދާ ފަރާތްތަކަށް އެކަށީގެންވާ ރައްދު ދޭންވެސް މުސްލިމުން ތައްޔާރު ވާން ޖެހޭނެ އެވެ.