ކުރުވާހަކަ: ބަނޑޭރިގަނޑު
ކުރުވާހަކަ: ބަނޑޭރިގަނޑު

ޑިއުޓީ ނިންމާފައި އައިސް ގެއަށް ވަންނަން ދިމާކުރިއިރު ދޮރު ހުރީ ތަޅުނުލައެވެ. އާދަޔާ ޚިލާފަށް ހިތް ތެޅިގަތެވެ. ކިތަންމެ ކުޑަ ކަމަކާ ވެސް ހިތަށް ފާޑުފާޑުގެ ވަސްވާސް ވަންނަނީ މާ ވަރަކަށެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އޮފީހަށް އެދާ މީހާއަށް އެނބުރި ގެއަށް އާދެވިދާނެ ކަމާ މެދު ވެސް ޔަޤީން ނުކުރެވޭ ވަރަށް މާލޭގެ ހާލަތު މިވަގުތު އޮތީ ނުރައްކާވެފައެވެ. އެތެރެއަށް ވަދެ އަޑު ނީވޭހާ މަޑުން ދޮރު ލައްޕާލައިފައި ދިޔައިރު މަންމަގެ ކޮޓަރިން ޤުރުއާނުގެ އަޑު އިވިއިވި ހުއްޓެވެ. މުޅިން ނުލެއްޕި ހުރި ދޮރުގެ ހިންމިތެރެއިން އެތެރެ ބަލައިލިއިރު މަންމަ އިނީ އާދައިގެ މަތިން ކޮއްކޮއަށް ކިޔަވައިދޭށެވެ. އެވާނީ މަންމަ ހަނދާން ނެތިގެން ދޮރު ނުލެއްޕި ހުރީ ކަމަށެވެ. ފުން ނޭވައެއް ދޫކޮށްލުމަށްފަހު ހަމަޖެހިލަން މަސައްކަތް ކުރީމެވެ. ދަބަސް ތެރެއިން ރިންގް ވާން ފެށި ފޯނު ނަގައިގެން ކޮޓަރިއާ ހަމައަށް ދިޔަފަހުން ކުއްލިއަކަށް ހުއްޓެވުނީ ޝައްކެއް ވެގެންނެވެ. ދިއްލާފައިވާ ބަދިގެ ތެރޭގައި މީހަކު ހަރަކާތްތެރި ވަމުން ދިޔަކަން އަންގައިދިނީ އަހަރެންގެ ހަވަނަ ހިއްސެވެ.

ފިޔަވަޅުގެ އަޑު ނީވޭނެހެން އިނގިލިތަކުގެ ކުރި ޖައްސައިގެން އެދިމާއަށް ގޮސް ދޮރުމައްޗަށް އެރިއިރު މޭޒުކައިރީ ފުރަގަސްދީގެން ފިރިހެނަކު ހުއްޓެވެ. އިސްކޮޅުގައި ފަސް ފޫޓް ދިހަ އިންޗިވަރު ހުންނާނެއެވެ. ފަތި ހަށިގަނޑެކެވެ. ފަން އިސްތަށިގަނޑު އޮތީ ކަނދުރާ އާއި ހަމައަށް ދިގުކޮށްފައެވެ.

"ކާކު؟" އަހަރެންގެ ދޫ އަނގައިގައި ހިމޭނަކުން ނުއޮތެވެ. ވަގުތުން އެމީހާ ހުއްޓުން އެރިކަން ފާހަގަވިއެވެ. އަހަރެން ހުރީ ސަމާލުވެގެންނެވެ. އޭރު ހިތް ތެޅޭއަޑު ކަންފަތަށް ވެސް އިވޭހެން ހީވިއެވެ. އެމީހާ އެނބުރި ބަލައިލިއިރު އަތުގައި އޮތީ މޭޒުމަތީ ހުރި ވަޅިޖަހާ އެތިން ނަގާފައި އޮތް ވަޅިއެކެވެ. އަހަރެންގެ މޭގަނޑު އަނގަޔަށް އައި ކަހަލައެވެ. އަވަހަށް އެތަނުން ދުރަށް ދެވޭތޯ ފުރަގަސްދިނީމެވެ. އެކަމަކު އޭނާ މާ ހަލުއްވެވެ. އަހަރެންނަށް ދެފިޔަވަޅު ނެގޭއިރަށް ވިދުވަރެއްހެން ފަހަތުން އައިސް ކައިރިވިއެވެ. އެއް އަތުން އަހަރެންގެ ބަނޑު ވަށާލައިފައި އަނެއް އަތުގައި އޮތް ވަޅީގެ މިޔަ ގެނެސް ޖެއްސީ އަހަރެންގެ ކަރުގައެވެ.

"އިތުރަށް އެންމެ އަޑެއް އިއްވާލިއަސް މިވަޅީގެ ހުރި ތޫނުކަން ދައްކާލަން،" ޒުވާނާގެ ބިރުވެރި އިންޒާރުން އަހަރެންގެ މުޅިހަށިގަނޑު ރޫރޫ އަޅައިގަތެވެ.

އޭނާއަށް ކިޔަމަންވުމުގެ ގޮތުން ދެތުންފަތް ޖައްސާ ބާރުކޮށްލިއިރު ލޮލުން ކަރުނަ އޮހިގެންފިއެވެ. އޭނަގެ އެދުމުގެ މަތިން އަހަރެންގެ ކޮޓަރި ހުރިތަން އިޝާރާތުން ދެއްކުމުން މަޑުކޮށްނުލާ ގޮސް އެތަނަށް ވަނީ އަހަރެންވެސް ގޮވައިގެންނެވެ. ބޮކީގެ ސްވިޗް ޖެއްސިއިރު ވެސް ވަޅީގެ މިޔައޮތީ އަހަރެންގެ ކަރުގައި ޖެހި ބާރުވެފައެވެ. ތެޔޮހަން ނުދާ ކަމެއްވެސް ނޭނގެއެވެ.

"އޯކޭ. މިހާރު މިއުޅެނީ ދޫކޮށްލަން. އެކަމަކު އޭގެ ފަހުން ވެސް ހުޝިޔާރުކަން ދައްކަން ނޫޅޭތި! ގޮސް އެނދުގައި މަޑުން އިނދޭ. ބުނާ ގޮތަށް ކަންތައް ނުކޮށްފިއްޔާ ނަތީޖާ މާ ރަނގަޅެއް ނުވާނެ." ހުދު އަލިން ކޮޓަރިތެރެ އަލިވެގެން ދިއުމާއެކު ޒުވާނާ އިތުރަށް ވާހަކަދެއްކިއެވެ. އަހަރެން ހޫ އަޅުވާލުމުން ވަޅި ދުރުކޮށްލައިފައި ފަހަތަށް ޖެހުނެވެ. އެނދާ ދިމާއަށް ދާންވެގެން އެނބުރުނު ވަގުތު ޒުވާނާގެ މޫނާއި ހަށިގަނޑު ދާދި ގާތުން ފެންނަ ގޮތްވިއެވެ. ލައިގެން ހުރި ރަތާއި ކަޅުކުލައިގެ ގޮޅިޖެހި ގަމީހުގެ ކަނާތު ކޮނޑާއި ހިސާބުގައި ރަތްކަމެއް ފޭދިފައިވާކަން ފާހަގަވިއެވެ. އަހަރެން ފުންކޮށް ބަލާލީމެވެ. ދެވަނަ ސިކުންތުގައި ލޯ ބޮޑުކޮށްލެވުނެވެ. އެއީ ލެއެވެ.

އަހަރެން އިޚުތިޔާރު ކުރީ ހިމޭން ކަމެވެ. އޭނާ ބުނިހެން އެނދުގައި އިށީންދެލީމެވެ. ކަރުނުން ފުސްވެފައިވާ ލޮލުން އަހަރެން ބަލައިލިއިރު ޒުވާނާ ގަމީހުގެ މަތީ ދެގޮށް ނައްޓަނީއެވެ. ކޮނޑާއި ދިމާއިން ގަމީސް ތިރިކޮށްލައިފައި އޭނާ ބަލައިލިއެވެ. ޒަޚަމް ފުންކަމުން މެދުކެނޑުމެއްނެތި ލޭ އަންނަނީއެވެ. ގިނައިރު ވުމުގެ ސަބަބުން ލޭ ކަޅުވެ ހިކިފައިވެސް ހުއްޓެވެ. އޭނާގެ މޫނުން ނުދެއްކިއެއް ކަމަކު ވޭން އަޅާނެވަރު އަހަރެންނަށް އިހްސާސްވިއެވެ. އަހަރެން ލޯ ފުހެލީމެވެ.

ދެކޮޅު ހޯދާލައިފައި ޒުވާނާ ނެގީ ގޮނޑިއެއްގެ މަތީ އޮތް އަހަރެންގެ ހެދުމެކެވެ. އެ ބޮނޑިކޮށްފައި ބާރުކޮށް ޖެއްސީ ޒަޚަމްވެފައިވާ ތަނުގައެވެ. ލޭ މަނާކުރަން މަސައްކަތް ކުރަނީކަން ވިސްނުނެވެ. އިރުކޮޅަކުން އެދުނީ އަހަރެންގެ ފޯނު ދިނުމަށެވެ. އަހަރެން ޖެހިލުންވިއެވެ. އެކަމަކު އެހެން ގޮތެއް ނެތެވެ. ޒުވާނާ ފޯނު ހިފައިގެން އިށީންދެލީ އަހަރެންގެ ލިޔާމޭޒު ކައިރީ ހުރި ގޮނޑި މަގަތަށް އަނބުރާލައިގެންނެވެ. އޭނަ ފޯނުން ކުރީ މެސެޖެކެވެ. ޖަވާބު އައިސްގެން ދިއްލުމުން އިތުރު މެސެޖެއް ފޮނުވައިލިއެވެ.

މަންމަ ކާން ހޯދަން އައިސް ގޮވަން ފެށުމުން ދެމީހުންނަށް ފުންމައިގެން ތެދުވެވުނެވެ. އަހަރެންނަށް ބަލައިލެވުނީ އެޒުވާނާގެ މޫނަށެވެ. އޭނަ ދެފަރާތަށް ބޯ ހޫރާލަމުން އެންގީ ނުނިކުތުމަށެވެ. މަންމަ ފޮނުވާލަންވެގެން އަހަރެން ބުނީ ބަނޑު ފުރިފައި ހުރި ވާހަކައެވެ. ނަސީބަކުން މަންމަ އަނބުރާލައިފައި ދިޔައެވެ. އަހަރެންނަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އަހަރެންގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ހުށައެޅުނަސް އެންމެ ރަނގަޅެވެ. އެކަމަކު އަހަރެންގެ އާއިލާ މީހުން ތިބެން ޖެހޭނީ ރައްކާތެރި ކަމުގައެވެ.

ހިމޭނުން އިންއިރު ތަފާތު ހިޔާލުތައް ސިކުނޑީގައި އެނބުރެމުން ދިޔައެވެ. އަހަރެން މަސައްކަތް ކުރީ އެއީ ކާކުކަން ދެނެގަންނާށެވެ. ކާކަށް ގެއްލުން ދީފައި ކޮންތާކުން އައި ޒުވާނެއް ހެއްޔެވެ؟ ކިހާ ވަރެއްގެ ކުށްވެރިއެއް ހެއްޔެވެ؟ ވިސްނަން އިންދާ ސިކުނޑީގެ ކަނެއްގައި ކޮށްޓައިލީ މީގެ ދެދުވަސް ކުރިން ފޭސްބުކުން ފެނުނު ފޮޓޯއެކެވެ. ބަލަމުންދާ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެގެން އިއުލާން ކޮށްފައިވާ މީހެކެވެ. އާއެކެވެ. އަހަރެން ހަނދާންވީ ރަނގަޅަށެވެ. އެއީ ހަމަ އެޒުވާނާއެވެ. އެލޮލެވެ. އިސްތަށިގަނޑެވެ. އެބިރުވެރި މޫނެވެ. އަހަރެން އިތުރަށް ބިރުގަތީ ދެނެވެ. ހިތުގެ ތެޅުން އަވަސްވިވަރުން ބޭރަށް ފުންމައިލަފާނެ ކަމުގެ ބިރު ހީވިއެވެ. ކަރުނަތައް އިތުރުވެގެން އަންނަން ފެށީ ނުހިފޭއްޓޭހާ ގިނައިންނެވެ. ފުހުނު ވަރަކަށް ގިނައިން އާދެއެވެ. މަރު މަތިން އެހާ ބޮޑަށް ހަނދާންވި ވަގުތެއް އަހަރެންނަކަށް ނާދެއެވެ. އުމުރުން 23 އަހަރު ވީއިރު މަންމަދެކެ ލޯބިވާ ވަރު ބުނެ އިއްވާދެވުނީ ކިތައް ފަހަރު ހެއްޔެވެ؟ އަބަދުމެ ކޮށްދޭ ހިދުމަތްތަކަށް ޝުކުރު އަދާ ކުރާކަން ފަހަރެއްގައި ވެސް ހާމަކޮށްދެވިފައެއް ނެތެވެ. އެއާއި ޚިލާފަށް އަހަރެންނަށް ކުރެވެނީ ޝަކުވާއެވެ. މަންމަ ތަކުރާރުކޮށް އެކައްޗެއް ކިޔައި ނަޞޭހަތް ދޭތީ ބޮލަށް އުދަނގޫވެއެވެ. ގެއަށް ވަދެވުމާއެކު އަވަހަށް ބަލަނީ ކޮޓަރިއަށް ދެމިގަނެވޭތޯއެވެ. ކޮއްކޮ އައިސް ލޯބިން އޮޅުލާވަރުން އެތިވަރު ގޮވާފައި ކިތައް ދުވަހު ބޭރުކޮށްލެވުނު ހެއްޔެވެ؟ ދެން ހުރީ ބައްޕައެވެ. އަހަރެންގެ އެކުވެރިންނާއެކު ފަޅު ރަށަކަށް ދަތުރު ފޮނުވަން ދެކޮޅު ހެދި ދުވަހުގެ ފަހުން މިހާރު ހަފްތާއެއް ވީއެވެ. އަދި އަހަރެން ބައްޕަ އާއި ވާހަކައެއް ނުދައްކަމެވެ. އަހަރެން ބައްޕައަށް މާފުކުރި ކަން ނުބުނެ މަރުވެއްޖެއްޔާ އެބައްޕަ ހާދަ ދެރަވާނެއެވެ. ހާދަ ވަރަކަށް ކުށްވެރިކަން އިހްސާސް ކުރާނެއެވެ.

ހިޔާލީ ދުނިޔެއިން އަހަރެން ނެރުނީ ޒުވާނާގެ އަޑެވެ. ލެއިން ފޯވެފައި އޮތް އަހަރެންގެ ހެދުން އޮތީ ތިރީގައެވެ. އޭނާ އެދުނީ އިތުރު ފޮތިގަނޑެއް ދިނުމަށެވެ. ތެދުވެގެން ގޮސް އަލަމާރި ހުޅުވާލައިފައި އެންމެ ފުރަތަމަ ފެނުނު ސްކާފް ނަގައި ދިނީމެވެ. ކުރީ ފަހަރުހެން އެބޮނޑިކޮށްލާފައި ޒަޚަމްގައި ޖައްސާ ބާރުކޮށްގެން ޒުވާނާ އިނެވެ.

"ފަސްޓްއެއިޑް ބޮކްސްއެއް ހުރިއްޔާ ގެނޭ!" ޒުވާނާ އަމުރުވެރި އަޑުން ބުނެލިއެވެ. އަހަރެން ބޯ ޖަހައިލުމަށްފަހު، ރީތިވާ މޭޒު ވަތްގަނޑުން ނެގި ފޮށި ގެންގޮސް ދިނީމެވެ. އަހަރެން ބަލަން އިންދާ ލޯގަނޑުން ބަލައިގެން ލޭ ސާފުކޮށްފައި ބޭސް އެޅީ އޭނަ އަމިއްލައަށެވެ. އެކަމަކު ކިރިޔާ ޖެހިލިއަސް އަލުން ލޭތައް އޮހިގަންނާނެކަން ޔަޤީންވިއެވެ. ޒަޚަމް ފުންކަމުން ނުފަހައި އެކަމެއް ނުހުއްޓުވޭނެއެވެ. އަހަރެން އެވާހަކަ ބުނަން އުޅެފައި އިޚުތިޔާރު ކުރީ ހިމޭންކަމެވެ. އެއީ އަހަރެންނާ ބެހޭ ކަމެއް ނޫން ކަމުގައި އަމިއްލަ ހިތަށް ވިސްނައިދިނީމެވެ.

ނިދަން އަމުރު ކުރުމުން އަހަރެންނަށް މަޖުބޫރުވީ އެނދުގައި އޮށޯންނާށެވެ. އެކަމަކު ނިދި އެއީ އެވަގުތު އަހަރެންނާ އެންމެ ދުރުގައިވާ އެއްޗެވެ. ކުށްވެރިއެއްގެ އަތްދަށުގައި ހުރެ ލޮލަށް ނިދި އަންނާނީ ކިހިނެތް ހެއްޔެވެ؟

ޒުވާނާ ހުރީ ކުޑަދޮރު ކައިރީ ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ބައެއްފަހަރު އައިސް އެތާ ހުރި ގޮނޑީގައި އިށީނދެއެވެ. ބައެއް ފަހަރު އަހަރެން ބަލައިލާއިރު ލޯ މަރައިގެންވެސް އިނދެއެވެ. ދެން ފެންނަނީ އަނެއްކާވެސް ތެދުވެގެން ހިނގަން ފަށާތަނެވެ.

ފަތިސް ނަމާދު ބަންގި ގޮވަން ކައިރިވެފައި ހުއްޓާ އަހަރެންގެ ފޯނަށް މެސެޖެއް އައިތަން ފެނުނެވެ. ޒުވާނާ މެސެޖް ކިޔާފައި ބުނީ ބޭރުގައި މީހަކު ހުންނާނެ ކަމަށެވެ. އޭނަ އަމުރު ކުރީ އަހަރެން ގޮސް އެމީހާ ގެއަށް ވެއްދުމަށެވެ. ދޮރުމަތިން އަހަރެންނާ ބައްދަލުވީ އާރިޒްއެވެ. އާރިޒްއަކީ ފުލުހެކެވެ. އަހަރެން ކުރިއްސުރެ ވެސް ދެކެފަރިތަ ރައްޓެއްސެކެވެ. އަހަރެން ވަރަށް ހައިރާންވިއެވެ. ސުވާލުތަކުން ސިކުނޑި ފުރައިލިއެވެ. ކުށްވެރިޔަކަށް ވެ ހުރެ ފުލުހަކަށް އޭނަ ގުޅީ ކީއްވެ ހެއްޔެވެ؟ އާރިޒް އެކުށްވެރިޔާއަށް އެހީވަނީ ހެއްޔެވެ؟ އަހަރެން ސުވާލު ކުރަން ފެށުމުން އާރިޒް ވަދެގެން ދިޔައީ ފަހުން ކިޔައިދޭނެ ވާހަކަ ބުނެފައެވެ. އެތެރެއަށް ގޮސް އާރިޒް ބެލީ ޒުވާނާގެ ހާލު ހުރި ގޮތެވެ. އެއަށްފަހު ދެމީހުން އެކީ ގެއިން ނިކުންނަން ދިޔައެވެ. އާރިޒް ހުރީ ޒުވާނާގެ އަތުގައި ހިފަހައްޓާލައިގެންނެވެ. ނިކުންނަމުން އޭނާ ވަރަށް އާދޭހާއެކު އެދުނީ އޭނަ އެނބުރި ނާންނަނީސް ވެދިޔަ އެއްވެސް ކަމެއް އެކަކަށްވެސް ނޭންގުމަށެވެ. އަހަރެންނަށް އޮތީ ހަމައެކަނި އާރިޒްއަށް އިތުބާރު ކުރުމެވެ. އަހަރެން ބޯ ޖަހައިލީމެވެ.

ފޮތިގަނޑުން ބޭރު ބެލިއިރު އިތުރު މީހަކުވެސް ހުއްޓެވެ. އެމީހާ ހުރީ އާރިޒްމެން ނިކުންނަންދެން ފާރައަށެވެ. ދެން ތިންމީހުން ކާރެއްގައި ގޮސް ލޮލުކޮޅަށް އޮބައިލީއެވެ.

އާރިޒްއާއި އަހަރެން ދިމާވީ ހަފްތާއެއް ފަހުންނެވެ. އާރިޒް ކިޔައިދިން ވާހަކަތަކުން އަހަރެން ހައިރާންކޮށްލިއެވެ. އެޒުވާނާ އެއީ ބަލަމުންދާ މައްސަލައެއްގައި ހެކިދޭން ދިޔަ ޒުވާނެކެވެ. އަދި އެރޭ އެޒުވާނާ އައީ އޭނަ މަރާލަން އުޅުނު މީހެއްގެ ފަރާތުން ސަލާމަތްވެގެން ފިލަންވެގެންނެވެ. އޭނާއަށް އަހަރުމެން ބަޔަށް ވަދެވުނީ އިއްތިފާޤުން ދޮރު ތަޅުނުލައި ހުރުމުންނެވެ. އެރޭ އޭނަ ބިރުގަތީ އަހަރެން މީހުން އެއްކޮށްގެން އޭނަ ހުރިކަން ފަޅާއަރުވައިލަފާނެތީއެވެ. އޭނަ ކަންތައް ކުރީ އެވަގުތަށް ރައްކާތެރިވާން ކަންތައް ކުރަން ޖެހުނު ގޮތަށެވެ. އެއާ ޚިލާފަށް އަހަރެން ވިސްނީ އޭގެ އިދިކޮޅަށެވެ. އޭނަގެ މޫނު އަހަންނަށް ފެނުނީ ބިރުވެރިކޮށެވެ. އަހަރެން އޭނައަށް އިންސާފު ކުރީ ފޮތެއްގެ ބަނޑޭރި ގަނޑަށް ބަލާފައި އޭގެ އެތެރޭ އޮތް އެއްޗަކާ މެދު ވެސް ކުރާނެފަދަ ގޮތަކަށެވެ. އެރޭ އަހަރެންނަށް ފުރަތަމަ ފަހަރަށް އެއްޗެއް ވިސްނުނެވެ. ލޮލަށް ފެންނަ ކޮންމެ އެއްޗަކީ ހަޤީޤަތަކަށް ނުވެދާނެއެވެ. -- ނިމުނީ --